Roadha Mihaaru
ފައިނަލުގައި ސެނެގޯލާއި އަލްޖީރިއާގެ ކުރިމަތިލުމެއް

ފައިނަލުގައި ސެނެގޯލާއި އަލްޖީރިއާގެ ކުރިމަތިލުމެއް

15 ޖުލައި 2019

ގާހިރާ، މިސްރު (ޖުލައި 15) - އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗުތަކުން މޮޅުވެ މުބާރާތުގެ ފައިނަލުން ސެނެގޯލާއި އަލްޖީރިއާ ފުރުސަތު ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ގާހިރާ، މިސްރު (ޖުލައި 15) - އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗުތަކުން މޮޅުވެ މުބާރާތުގެ ފައިނަލުން ސެނެގޯލާއި އަލްޖީރިއާ ފުރުސަތު ހޯދައިފި އެވެ.

ޓިއުނީޝިއާ އަތުން ސެނެގޯލް މޮޅުވީ 1-0 އިންނެވެ. އަދި ނައިޖީރިއާގެ މައްޗަށް އަލްޖީރިއާ ކުރިހޯދީ 2-1 އިންނެވެ.

މުބާރާތުގައި މެޗަކުން ބަލިނުވެ، 2004 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ސެމީ ފައިނަލުގައި ކުޅުނު ޓިއުނީޝިއާ އަށް ރޭގެ މެޗުގައި ލީޑުނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. މެޗުގެ 75 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން އެ ޓީމުގެ ފެރްޖާނީ ސާސީ ޖެހި ބޯޅަ ކާމިޔާބު ކުރެވޭގޮތެއްނުވި އެވެ. އޭގެ ހަ މިނިޓް ފަހުން ސެނެގޯލަށް ވެސް ޕެނަލްޓީއެއް ލިބިގެންދިޔައިރު ހެންރީ ސައިވޭ އަތުން ވީ ބޭކާރެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ އިތުރުވަގުތުގެ ފުރަތަމަ ހާފުގައި ޓިއުނީޝިއާގެ ޑައިލަން ބްރޮން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ސެނެގޯލުން ފޮނުވާލި ބޯޅައެއް ސަލާމަތްކުރަން ޓިއުނީޝިއާގެ ގޯލްކީޕަރު މުއާޒް ހަސަން ޖައްސާލި ބޯޅަ ގޯލަށް ވަނީ ބްރޮން ގައިގައި ޖެހިފަ އެވެ.

މީގެ 17 އަހަރު ކުރިން ސެނެގޯލް އެފްރިކަން ކަޕްގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ކެމަރޫން އަތުން ބަލިވިއިރު ޓީމުގެ ކެޕްޓަނަކީ މިހާރުގެ ކޯޗު އަލިއޫ ސީސޭ އެވެ. ޓިއުނީޝިއާގެ ކޯޗަކަށް ހުރި އަލައިން ގިރޭސޭ އަކީ ކުރިން ސެނެގޯލުގެ ކޯޗެވެ. ސީސޭ ބުނީ ސެނެގޯލުގައި މިހާރު އޮތް ޓީމު އެކުލަވާލުމުގައި ގިރޭސޭގެ ދައުރު ބޮޑު ކަމަށެވެ.

"މި ޓީމު އެކުލަވާލަދިނީތީވެ އަލައިން އަށް ވެސް ޝުކުރު ހައްގު. މި މެޗުގައި އެފްރިކާ ފުޓްބޯޅައިގެ ފުރިހަމަކަން ފެނިގެންދިޔަ،" ސީސޭ ބުންޏެވެ.

އެފްރިކާގެ ޗެމްޕިއަންކަން އެންމެ ފަހުން 1990 ވަނަ އަހަރު ހޯދި އަލްޖީރިއާ އިން ރޭގެ މެޗުގެ 40 ވަނަ މިނިޓްގައި ލީޑުނެގީ ވިލިއަމް ޓްރޫސްޓް-އެކޮން އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ނައިޖީރިއާ އިން ދެ ވަނަ ހާފުގައި އެއްވަރުކުރީ ލިބުނު ޕެނަލްޓީ އަކުން އޮޑިއޯން އިގާލޯ ޖެހި ގޯލަކުންނެވެ.

އެފްރިކާގެ ތަށި ތިން ފަހަރު އުފުލާލާފައިވާ ނައިޖީރިއާ އަތުން އަލްޖީރިއާ މޮޅުކޮށްދިން ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ އެ ޓީމުގެ ކެޕްޓަން ރިޔާދު މާރޭޒް އެވެ. އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓްގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި މާރޭޒް މި ގޯލު ޖެހީ ހިލޭ ޖެހުމަކުންނެވެ.

"މިއީ އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި އެއް ދުވަސް. ބޭނުންވަނީ ގައުމަށް ތަށި ގެންގޮސްދޭން،" ރޭގެ މެޗަށް ފަހު މާރޭޒް ބުންޏެވެ.

އެފްރިކަން ކަޕްގެ ފައިނަލް އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ.