Roadha Mihaaru
އާދަޔާހިލާފު މެޗުން މޮޅުވެ އިންގްލެންޑް ތަށި ހޯދައިފި

އާދަޔާހިލާފު މެޗެއް: އިންގްލެންޑް ޗެމްޕިއަންކަން ހޯދައިފި

15 ޖުލައި 2019

ލަންޑަން (ޖުލައި 15) – ދުނިޔޭގެ ކްރިކެޓް ތާރީހުގައި ވެސް ފެނިގެން ދިޔަ އެންމެ އާދަޔާހިލާފު އެއް މެޗުގައި، ނިއު ޒީލެންޑް ބަލިކޮށް ކްރިކެޓް ވޯލްޑް ކަޕުގެ ޗެމްޕިއަންކަން އިންގްލެންޑުން ފުރަތަމަ ފަހަރަށް ހޯދައިފި އެވެ.

ލަންޑަން (ޖުލައި 15) – ދުނިޔޭގެ ކްރިކެޓް ތާރީހުގައި ވެސް ފެނިގެން ދިޔަ އެންމެ އާދަޔާހިލާފު އެއް މެޗުގައި، ނިއު ޒީލެންޑް ބަލިކޮށް ކްރިކެޓް ވޯލްޑް ކަޕުގެ ޗެމްޕިއަންކަން އިންގްލެންޑުން ފުރަތަމަ ފަހަރަށް ހޯދައިފި އެވެ.

ކްރިކެޓުގެ އުފަންބިމުގެ ގޮތުގައި ބެލެވޭ ލަންޑަނުގެ ލޯޑްސްގައި ކުޅުނު ފައިނަލް މެޗުގެ 50 އޯވަރު ނިމުނުއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ކުޅުނު ސުޕަ އޯވަރުގައި ވެސް ދެ ޓީމު ވީ އެއްވަރެވެ. އެންމެ ފަހުން ނަތީޖާ ނެރުނީ މުޅި މެޗުގައި ދެ ޓީމުން ބައުންޑަރީ (ހަތަރަކާއި ހަޔަކަށް) އަށް ޖެހި ބޯޅަތަކަށް ބަލައިގެންނެވެ. މިއީ ވޯލްޑް ކަޕުގެ ފައިނަލެއްގައި ދެ ޓީމު އެއްވަރުވީ ފުރަތަމަ ފަހަރެވެ.

އިންގްލެންޑަކީ 1975 ވަނަ އަހަރު ތައާރަފްވި ވަންޑޭ އިންޓަނޭޝަނަލް ކްރިކެޓް ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދި ތަފާތު ހަ ވަނަ ގައުމެވެ. އެންމެ ކާމިޔާބީ ފަސް ފަހަރު ތަށި ހޯދާފައިވާ އޮސްޓްރޭލިއާ އެވެ. އިންޑިއާ އާއި ވެސްޓް އިންޑީޒް އިން، ކޮންމެ ގައުމަކުން ދެ ފަހަރު ޗެމްޕިއަންކަން ހޯދާފައިވާއިރު އިންގްލެންޑުގެ އިތުރުން އެއް ފަހަރު ތަށި ހޯދާފައިވަނީ ޕާކިސްތާނާއި ސްރީ ލަންކާ އެވެ.

މިއަދުގެ ފައިނަލް މެޗުގައި ނިއު ޒީލެންޑަށް ޓޮސް ދިމާވުމުން އެ ޓީމުން ގަސްދުކުރީ ކުޅެން އަރާށެވެ. އެ ޓީމަށް 50 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 241 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 77 ބޯޅައިން 55 ލަނޑު ހެދި ހެންރީ ނިކޯލްސް އާއި 56 ބޯޅައިން 47 ލަނޑު ހެދި ޓޮމް ލެތަމް އެވެ.

އިންގްލެންޑް ކުޅެން އަރައި 49 ވަނަ އޯވަރާ ހަމަވިއިރު، ފަހު އޯވަރުން މޮޅުވާން ބޭނުންވެފައި އޮތީ 15 ލަނޑެވެ. އެ ޓީމުގެ ބެން ސްޓޯކްސް ހަޔަކަށް ޖަހާފައި އޮއްވާ، އެންމެ ފަހު ބޯޅައިން ދެ ލަނޑު ހަދައި މޮޅުވާން ފުރުސަތު ލިބުނެވެ. އެކަމަކު ނިއު ޒީލެންޑުން ވަނީ އިންގްލެންޑުގެ މާކް ވުޑް ދެ ވަނަ ލަނޑަށް ދުވަނިކޮށް ރަން-އައުޓްކޮށްލައިފަ އެވެ. އެއާ އެކު އިންގްލެންޑުގެ އިނިންގްސް ނިމިގެން ދިޔައީ 241 ލަނޑާ އެކު ނިއު ޒީލެންޑާ އެއްވަރުވެގެންނެވެ.

އެހެންވެ ނަތީޖާ ނެރެން ސުޕަ އޯވަރެއް ކުޅެން ޖެހުނީ އެވެ. މިއީ ކޮންމެ ޓީމަކުން އެއް އޯވަރު (ހަ ބޯޅަ) އުކަން ލިބޭ ފުރުސަތެކެވެ. މި އޯވަރުގައި ކޮންމެ ޓީމަކަށް ވެސް ހެދުނީ 15 ލަނޑެވެ. އެހިސާބުން ނަތީޖާ ނެރުމަށްޓަކައި ބައުންޑަރީ ގުނިއިރު އިންގްލެންޑް ވަނީ 26 ފަހަރު ބައުންޑަރީ އަށް ޖަހައިފަ އެވެ. ނިއު ޒީލެންޑުގެ އަދަދަކީ 17 އެވެ.

"ގަބޫލުކުރަންދަތި. އަހަންނަށް އަދިވެސް ގަބޫލެއް ނުކުރެވޭ،" އިންގްލެންޑުގެ ކެޕްޓަން މޯގަން ބުންޏެވެ. "ފުރިބާރުވެފައި އޮތް ސްޓޭޑިއަމެއް. މުބާރާތް ފެށުނީއްސުރެ އާދަޔާހިލާފު ސަޕޯޓެއް ލިބެމުން އައީ. މިއީ ވަރަށް އާދަޔާހިލާފު އިހުސާސެއް."

އިންގްލެންޑުން އަމިއްލަ ގައުމުގައި މި ތަށި ހޯދީ 2015 ވަނަ އަހަރުގެ މުބާރާތުން ލަދުވެތި ގޮތަކަށް ފުރަތަމަ ބުރުން ކަޓައި އަދި މި ފަހަރު ވެސް ލީގު ބުރުގައި ތިން މެޗުން ބަލިވެ އުނދަގުލުން ސެމީ ފައިނަލުން ޖާގަ ހޯދުމަށް ފަހު އެވެ.