Roadha Mihaaru
"ކްރިކެޓް ވޯލްޑް ކަޕް ގަވާއިދަށް ބަދަލު ގެންނަންޖެހޭ"

ކްރިކެޓް ވޯލްޑް ކަޕްގެ ގަވާއިދަށް ބަދަލު ގެންނަންޖެހޭ: ނިއު ޒީލެންޑް

18 ޖުލައި 2019

ލަންޑަން (ޖުލައި 18) - މި ފަހަރުގެ ކްރިކެޓް ވޯލްޑް ކަޕުން ގިނަ އިބުރަތްތަކެއް ހާސިލްކޮށް މުބާރާތް މުސްތަގުބަލުގައި ބާއްވާއިރު ގަވާއިދަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް މި ފަހަރުގެ ފައިނަލުން ބަލިވި ނިއު ޒީލެންޑުގެ ކޯޗު ގެރީ ސްޓީޑް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖުލައި 18) - މި ފަހަރުގެ ކްރިކެޓް ވޯލްޑް ކަޕުން ގިނަ އިބުރަތްތަކެއް ހާސިލްކޮށް މުބާރާތް މުސްތަގުބަލުގައި ބާއްވާއިރު ގަވާއިދަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް މި ފަހަރުގެ ފައިނަލުން ބަލިވި ނިއު ޒީލެންޑުގެ ކޯޗު ގެރީ ސްޓީޑް ބުނެފި އެވެ.

ލަންޑަނުގެ ލޯޑްސްގައި ކުޅުނު ފައިނަލް މެޗުގެ 50 އޯވަރު ނިމުނުއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ކުޅުނު ސުޕަ އޯވަރުގައި ވެސް ދެ ޓީމު ވީ އެއްވަރެވެ. އެންމެ ފަހުން ނަތީޖާ ނެރުނީ މުޅި މެޗުގައި ދެ ޓީމުން ބައުންޑަރީ (ހަތަރަކާއި ހަޔަކަށް) އަށް ޖެހި ބޯޅަތަކަށް ބަލައިގެންނެވެ. މިއީ ވޯލްޑް ކަޕުގެ ފައިނަލެއްގައި ދެ ޓީމު އެއްވަރުވީ ފުރަތަމަ ފަހަރެވެ.

މިއީ ވޯލްޑް ކަޕް ފައިނަލަކުން ނިއު ޒީލެންޑް ޖެހިޖެހިގެން ބަލިވި ދެ ވަނަ ފަހަރެވެ. އެކަމަކު މި ފަހަރު އެ ޓީމު ބަލިވީ ޗެމްޕިއަންކަން ހޯދަން ފުރުސަތު ލިބި އޭގެ ބޭނުން ނުހިފުމުންނެވެ. ނިއު ޒީލެންޑުގެ ކޯޗު ސްޓީޑް ބުނީ ސުޕަ އޯވަރެއް ކުޅުމަކީ އޭނާގެ ނަޒަރުގައި އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

"އަހަންނަށް ޔަގީން އެ މީހުން (އައިސީސީ) ކްރިކެޓް ވޯލްޑް ކަޕްގެ ގަވާއިދު ލިޔާއިރު ނުވިސްނާނެ މާ ބޮޑަކަށް މި ފަހަރުގެ ފައިނަލް ދިޔަ ގޮތަށް އެއްވެސް ފައިނަލެއް ނިމޭނެއޭ. މިއީ ރިވިއު ކުރަން ޖެހޭ ކަމެއް. ގަވައިދަށް ބަދަލު އަންނަންޖެހޭ،" ސްޓީޑް ބުންޏެވެ.

"މިކަމުގައި އޮތް ހައްލެއް ކަންނޭނގެ ޖޮއިންޓް ޗެމްޕިއަނުން ނޫނީ ޓްރޮފީ ޝެއާ ކުރުން އެއީ. އެކަމަކު މިކަމަށް ހައްލެއް ހޯދަންޖެހޭނީ އިންސާފުވެރިގޮތަކަށް،"

ނިއު ޒީލެންޑުގެ ކޯޗު ސްޓީޑް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވާހަކަ ދައްކަނީ. -- ފޮޓޯ: އޭއެފްޕީ

ނިއު ޒީލެންޑުގެ ކޯޗު ސްޓީޑް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވާހަކަ ދައްކަނީ. -- ފޮޓޯ: އޭއެފްޕީ

އޭނާ ބުނީ ގަވާއިދަށް އިސްލާހެއް ގެންނަނަމަ އެންމެ މުހިއްމު ކަމަކީ ހުރިހާ ބަޔެއްގެ ލަފާ ހޯދުން ކަމަށާއި އެންމެންގެ ވެސް މަގުސަދަކަށްވާނީ މުބާރާތުގެ ފެންވަރު ރަނގަޅުކުރުން ކަމަށެވެ.

މީގެ ކުރިން އިންޑިއާގެ ކެޕްޓަން ވިރާތު ކޯލީ ވެސް ވަނީ ކްރިކެޓް ވޯލްޑް ކަޕްގެ ގަވާއިދު އޮތްގޮތުން ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެއީ ސެމީ ފައިނަލުގައި އިންޑިއާ ކެޓީ ނިއު ޒީލެންޑް އަތުން ބަލިވުމުންނެވެ.

މި ފަހަރުގެ މުބާރާތުގެ ފޯމެޓް އޮތީ 10 ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމެއް ސެމީ ފައިނަލަށް ދާ ގޮތަށެވެ. ލީގު ބުރުގެ އެއް ވަނަ އިންޑިއާ އިން ހޯދިއިރު، ދެ ވަނަ ލިބުނީ އޮސްޓްރޭލިއާ އަށެވެ. ތިން ވަނަ އަށް އިންގްލެންޑް ދިޔައިރު، ހަތަރު ވަނަ ހޯދީ ނިއު ޒީލެންޑް އެވެ.

ވިރާތު ބުނީ އޭނާގެ ނަޒަރުގައި ލީގު ބުރުގެ އެއް ވަނަ ހޯދާ ޓީމަކަށް ސެމީގައި އެއް މެޗުން ބަލިވެއްޖެނަަމަ ދެ ވަނަ ފުރުސަތެއް އޮންނަން ޖެހޭނެ ކަމަށެވެ. އެ ގޮތުން ސެމީގައި ކުޅެން ޖެހޭނީ ލީގު ބުރުގެ އެއް ވަނަ އާއި ދެ ވަނަ ހޯދާ ޓީމު ކަމަށާއި އޭގެއިން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބުމަށް ފަހު ބަލިވާ ޓީމެއް ތިން ވަނަ ސެމީގައި ކުޅޭނީ ދެ ވަނަ ސެމީގައި ތިން ވަނަ އާއި ހަތަރު ވަނަ ތެރެއިން މޮޅުވާ ޓީމަކާ ދެކޮޅަށް ކަމަށެވެ.

ކްރިކެޓް ވޯލްޑް ކަޕް 2023 ވަނަ އަހަރު އޮންނާނީ އިންޑިއާގަ އެވެ. އިންޑިއާ ވަނީ ދެ ފަހަރެއްގެ މަތިން ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.