Roadha Mihaaru
ތަފާތު ބޮޑުކޮށް މޮޅުވެ އިންގްލެންޑް ސެމީ އަށް

ތަފާތު ބޮޑުކޮށް މޮޅުވެ އިންގްލެންޑް ސެމީ އަށް

04 ޖުލައި 2019

ޗެސްޓާ ލެ ސްޓްރީޓް، އިންގްލެންޑް (ޖުލައި 4) - ނިއު ޒީލެންޑް އަތުން 119 ލަނޑުން ތަފާތު ބޮޑުކޮށް މޮޅުވެ އިންގްލެންޑުން ކްރިކެޓް ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ޖާގަ ޔަގީންކޮށްފި އެވެ.

ޗެސްޓާ ލެ ސްޓްރީޓް، އިންގްލެންޑް (ޖުލައި 4) - ނިއު ޒީލެންޑް އަތުން 119 ލަނޑުން ތަފާތު ބޮޑުކޮށް މޮޅުވެ އިންގްލެންޑުން ކްރިކެޓް ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ޖާގަ ޔަގީންކޮށްފި އެވެ.

މިހާތަނަށް ސެމީގެ ހަތަރު ޖާގައިގެ ތެރެއިން ތިން ޖާގަ ވަނީ ކަށަވަރުވެފަ އެވެ. އެއް ވަނައިގައި އޮތް އޮސްޓްރޭލިއާ އާއި ދެ ވަނައިގައި އޮތް އިންޑިއާގެ އިތުރުން ތިން ވަނައިގައި އޮތް އިންގްލެންޑަށް ސެމީން ފުރުސަތު ލިބިފައިވާއިރު، ފަހު ޖާގައިގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ.

އިއްޔެގެ މެޗްގައި ޓޮސް ދިމާވުމުން އިންގްލެންޑުން ކުޅެން އެރި އެވެ. އިންގްލެންޑުން 50 އޯވަރުގެ ތެރޭގައި 8 ކުޅުންތެރިން ނުބައިވެގެން 305 ލަނޑު ހެދި އެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ސައްތައެއް ހަމަކުރި ޖޮނީ ބެއާސްޓޯ އެވެ. އޭނާ ވަނީ 106 ލަނޑު ހަދައިފަ އެވެ. އިންޑިއާ އަތުން އިންގްލެންޑް މޮޅުވި މެޗުގައި ވެސް ތަފާތު ދެއްކީ ޖޮނީ އެވެ. އެ މެޗުގައި އޭނާ ވަނީ 111 ލަނޑު ހަދައިފަ އެވެ.

ބޮޑު ލީޑެއްގައި އޮތް އިންގްލެންޑް ބަލިކުރުމުގެ އަމާޒުގައި ނިއު ޒީލެންޑުން ކުޅެން އެރި ނަމަވެސް އެ ޓީމަށް އެކަން ހާސިލެއްނުވި އެވެ. އެ ޓީމުން 45 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 186 ލަނޑެވެ. ނިއު ޒީލެންޑް އިއްޔެ ބަލިވި ނަމަވެސް ސެމީ އަށް ދިއުމުގެ ފުރުސަތު ބޮޑެވެ. އެއީ ނިއު ޒީލެންޑް ކަޓާނީ ފަހު މެޗުން ބަންގްލަދޭޝް އަތުން ޕާކިސްތާން މޮޅުވެ އަދި ނެޓް ރަން ރޭޓުން ވެސް އެ ޓީމަށް ކުރި ހޯދިއްޖެ ހާލަތެއްގައި ކަމަށްވާތީވެ އެވެ.

ފަސް ވަނައިގައި އޮތް ޕާކިސްތާނަށް ސެމީގެ ފުރުސަތު ލިބެން އޮތީ ފަހު މެޗުން ބަންގްލަދޭޝް އަތުން މޮޅުވެ، ނެޓް ރަން ރޭޓުން ވެސް ކުރި ހޯދައިގެންނެވެ. މި ވަގުތު ރަން ރޭޓުން ކުރީގައި އޮތީ ނިއު ޒީލެންޑެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗު އޮންނާނީ މި މަހުގެ ނުވައެއްގަ އެވެ. ލީގު ބުރުގެ ދެ ވަނަ އާއި ތިން ވަނަ ބައްދަލުކުރާ ސެމީ ފައިނަލް މި މަހު 11 ގައި އޮންނައިރު ފައިނަލް މެޗު އޮންނާނީ 14 ގަ އެވެ. މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ވާދަކުރަނީ އެންމެ ފުލުގައި އޮތް ދެ ޓީމު ކަމަށްވާ އަފްގާނިސްތާނާއި ވެސްޓް އިންޑީސް އެވެ.