Roadha Mihaaru
އެސްޓީއޯ އާއި އައިއޭއެސްގެ ފައިދާ ދެގުނަ އިތުރުވެއްޖެ

އެސްޓީއޯ އާއި އައިލެންޑް އޭވިއޭޝަންގެ ފައިދާ ދެ ގުނަ އިތުރުވެއްޖެ

18 ޖުލައި 2019

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އައިލެންޑް އޭވިއޭޝަނަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާ ދެ ގުނަ އިތުރުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އައިލެންޑް އޭވިއޭޝަނަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާ ދެ ގުނަ އިތުރުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކުއާޓާލީ ރިޕޯޓު ދައްކާގޮތުގައި މި އަހަރު އެސްޓީއޯ އަށް ލިބުނު ފައިދާ ވަނީ 123 ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް 46 މިލިއަން ރުފިޔާ ލިބުނު އިރު މި އަހަރު 103 މިލިއަން ރުފިޔާ ފައިދާވި އެވެ.

އެސްޓީއޯ އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާ އަކީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު ފައިދާ އަށް ވުރެ ވެސް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވަނީ 65 މިލިއަން ރުފިޔާ އެވެ.

އެސްޓީއޯ އަށް ފައިދާ ވެފައިވަނީ އެ ކުންފުނީގެ އާމްދަނީ އިތުރުވެ މާކެޓިން އާއި އެހެނިހެން ހަރަދުތައް ކުޑަވުމުގެ ސަބަބުންކަމަށް ފިނޭންސް މިިނިސްޓްރީގެ ރިޕޯޓުގައި ވަނީ ބަޔާންކޮށްފަ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް ވަނީ 2.3 ބިލިއަން ރުފިޔާ ލިބިފަ އެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އައިލެންޑް އޭވިއޭޝަނަށް ލިބުނު ފައިދާ ވެސް ވަނީ 100 ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން މިއަހަރު އެ ކުންފުންޏަށް ވަނީ 104 މިލިއަން ރުފިޔާ ފައިދާވި އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އައިލެންޑް އޭވިއޭޝަނަށް ލިބުނީ 52 މިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި އަހަރު އައިލެންޑް އޭވިއޭޝަނަށް ލިބުނު އާމްދަނީ އެއް ޕަސެންޓު އިތުރު ވި ނަމަވެސް ފައިދާ ބޮޑުވެފައިވަނީ އެ ކުންފުނީގެ ހަރަދުތައް ރަނގަޅަށް މެނޭޖްކުރުމުގެ ސަބަބުންނެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މާލީ އިދާރާތަކުން އައިލެންޑް އޭވިއޭޝަނުން ނަގާފައިވާ ފައިސާގެ އަދަދު ވެސް ވަނީ މި އަހަރު ދަށްވެފަ އެވެ.