Roadha Mihaaru
ފައިސާ ދޫކުރަންވާ އިރަށް އެތައް ހާސް ފޯމެއް!

ފައިސާ ދޫކުރަންވާ އިރަށް އެތައް ހާސް ފޯމެއް!

16 ޖެނުއަރީ 2022

ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދު އަހަރުގެ ފަހުކޮޅު ކުއްލިއަކަށް އިތުރުވެ އެވެ. އިލެކްޝަންސް ކޮމިޝަނަށް ޕާޓީތަކުން ހުށަހެޅި ފޯމުތަކުގެ އަދަދަށް ބަލާއިރު މިދިޔަ އަހަރު ވެސް އާދަޔާޚިލާފަށް ގިނަ ފޯމު ހުށަހަޅާފައި އެބަހުއްޓެވެ. އެ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރަން ބަލާއިރު ބައެއް މީހުންނަށް ނޭނގި ވެސް ޕާޓީތަކުގައި އޮންނަނީ ރަޖިސްޓްރީކޮށްފަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދު އަހަރުގެ ފަހުކޮޅު ކުއްލިއަކަށް އިތުރުވެ އެވެ. އިލެކްޝަންސް ކޮމިޝަނަށް ޕާޓީތަކުން ހުށަހެޅި ފޯމުތަކުގެ އަދަދަށް ބަލާއިރު މިދިޔަ އަހަރު ވެސް އާދަޔާޚިލާފަށް ގިނަ ފޯމު ހުށަހަޅާފައި އެބަހުއްޓެވެ. އެ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރަން ބަލާއިރު ބައެއް މީހުންނަށް ނޭނގި ވެސް ޕާޓީތަކުގައި އޮންނަނީ ރަޖިސްޓްރީކޮށްފަ އެވެ.

ސިޔާސީ ޕާޓީތައް ހިންގާ ގޮތުން ރައްޔިތުންނަށް ފައިދާއެއް ނެތަސް ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ކަނޑައަޅާ ފައިސާ ދޫކުރަންވާ އިރަށް ޕާޓީ ބޮޑުކޮށްލަނީ އެވެ. ފައިސާ ދޫކުރަނީ މެމްބަރުންގެ ނިސްބަތަށެވެ.

ޕާޓީތަކަށް މެމްބަރުން ވައްދަން ޖެހޭނީ ފިންގަޕްރިންޓް ޖަހާފައި ކަމަށް ގާނޫނުގައި ލާޒިމްކޮށްފައި އޮތަސް އެކަން ބެލޭނެ ގާބިލްކަމެއް އިލެކްޝަންސްގައި ނެތެވެ. އެހެންކަމުން ކޮންމެ މީހެއްގެ ނަމުގައި ވެސް މިހާރު އޮތީ ފޯމު ހުށަހެޅޭ ގޮތަށެވެ. އެކަކު ދެތިން ހަތަރު ޕާޓީއެއްގައި ވެސް ރަޖިސްޓްރީކޮށްލެވެ އެވެ.

އެތައް ބައެއްގެ ހައްގު ނިގުޅައިގަނެވޭ މި މައްސަލައިގައި ގާނޫނީ ހައްލެއް ނެތެވެ. މިއީ އިލެކްޝަންސް ކޮމިޝަނުގެ ވެސް ކަންބޮޑުވުން އޮތް މައްސަލަ އެކެވެ.

ގާނޫނުގައި އޮންނަނީ ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބަޖެޓުން 0.1 ޕަސެންޓް ސިޔާސީ ޕާޓީތަކަށް ދޫކުރުމަށެވެ. މި ފައިސާ ދޫކުރަން ޖެހެނީ 10,000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. ރާއްޖޭގައި 11 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައި އޮތަސް މި އަދަދަށް މެމްބަރުން ހަމަކުރެވެނީ ދެތިން ޕާޓީއަކަށެވެ.

މި އަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަން ނިންމާފައި އޮތީ އެމްޑީޕީ އާއި ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީއަށެވެ. އެމްއެންޕީގައި 10,000 މެމްބަރުން ތިއްބަސް ފައިސާ ދޫކުރުމަށް ފޯމުތައް ވެރިފައިކޮށް ނިންމި މުއްދަތަށް އިލެކްޝަންސް ކޮމިޝަނަށް ފޯމުތައް ހުށަނޭޅުމުން ފައިސާ ދޫކުރާ ލިސްޓުގައި އޮތީ ނުހިމެނި އެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި ސިޔާސީ ޕާޓީތަކަށް 32.8 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މި ފައިސާ އަންނަ މާޗް 31 ގެ ކުރިން ދޫކުރަން ޖެހެ އެވެ.

ފިންގަޕްރިންޓްގެ ސައްހަކަން ނުބެލޭ

އިލެކްޝަންސް ކޮމިޝަންގެ ހިސާބުތަކުގައިވާ ގޮތުގައި މި އަހަރުގެ ބަޖެޓް ފާސްކުރުމުގެ ކުރިން ގާތްގަނޑަކަށް 26,000 ފޯމު ޕާޓީތަކުން އެ ކޮމިޝަނަށް ހުށަހަޅާފައި ވެ އެވެ. އަހަރުގެ އެހެން މަސްތަކުގައި ހާހެއްހާ ފޯމު ޕާޓީއަކުން ހުށަހެޅިއަސް ބަޖެޓް ފާސްކުރާ މުއްދަތަށް ހުށަހަޅާ ފޯމުތައް ގިނަ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމުތައް ވެރިފައި ކުރެވޭނެ ގޮތެއް ނެތުމުގެ ގޮންޖެހުން ވެސް ބޮޑެވެ. އެ ގާބިލްކަން އިލެކްޝަންސް ކޮމިޝަންގައި ނެތް އިރު ބައެއް ފަހަރަށް ފުލުހުންގެ އެހީތެރިކަން ހޯދަ އެވެ. މި އެހީއަށް އެދެނީ ސިޔާސީ ޕާޓީއަށް ނޭނގި ވައްދާފައިވާ ކަމުގެ ޝަކުވާ ކުރުމުންނެވެ. ނުވަތަ އެއް ޕާޓީއެއްގެ ކައުންސިލް މެމްބަރުންގެ ގޮތުގައި ތިބި މީހުން އަނެއް ޕާޓީއަކަށް ވަނުމަށް އެދި ފޯމު ހުށަހަޅާފައި އޮތުމުން އިލެކްޝަންސް ކޮމިޝަނަށް ޝައްކުވެގެން ބެލުމުންނެވެ.

ޕާޓީތަކުން ފައިސާ ދީގެން ފޯމު ގަންނަ މައްސަލަ ވެސް ބޮޑެވެ.

ސިޔާސީ ޕާޓީއަކުން އީސީއަށް ފޯމު ހުށަހަޅަން ތައްޔާރުކޮށްފައި: އީސީގެ ވިސްނުމަކީ ފައިސާ ދޫކުރާއިރު ސިޔާސީ ޕާޓީތަކުން ހޯދާ ކާމިޔާބީތަކުގެ މައްޗަށް ބެލުން

ސިޔާސީ ޕާޓީއަކުން އީސީއަށް ފޯމު ހުށަހަޅަން ތައްޔާރުކޮށްފައި: އީސީގެ ވިސްނުމަކީ ފައިސާ ދޫކުރާއިރު ސިޔާސީ ޕާޓީތަކުން ހޯދާ ކާމިޔާބީތަކުގެ މައްޗަށް ބެލުން

މެމްބަރުންގެ އަދަދަށް ފައިސާ ދޫކުރުން ހުއްޓާލަން ޖެހޭ

މެމްބަރުންގެ އަދަދަށް ބަލައިގެން ފައިސާ ދޫކުރުމަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި އަމަލުކުރާ ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި އަމަލުކުރަނީ އިންތިހާބުތަކުގައި އެ ޕާޓީއަކުން ހޯދާ ވޯޓާއި ކާމިޔާބީތަކުގެ މައްޗަށް ނުވަތަ ހަރަކާތްތެރިވާ ވަރެއްގެ މައްޗަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހްމަދު ހަބީބް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމުގައި މިހާރު އަމަލުކުރާ އުސޫލް ބަދަލުކުރަން އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހަށް ވަނީ ބައެއް ހިޔާލުތައް ފޮނުވާފައި ކަމަށެވެ. އެ ނިންމުމާ ހަމައަށް ދިޔައީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅިގެން ޕާޓީތަކާ އެކު މިދިޔަ ރޯދަ މަހުގެ ތެރޭގައި ބައްދަލުވުންތައް ބާއްވައި މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓގެ މެމްބަރުންގެ ސުވާލުތަކަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް އިސްމާއީލް ހަބީބް ޖަވާބުދެއްވަނީ. ފޯޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓގެ މެމްބަރުންގެ ސުވާލުތަކަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް އިސްމާއީލް ހަބީބް ޖަވާބުދެއްވަނީ. ފޯޓޯ: މަޖިލީހުގެ އިދާރާ

އޭނާ ވިދާޅުވި ގޮތުގައި ކިތަންމެ ހަރަކާތްތެރި ޕާޓީއަކަސް 10,000 މެމްބަރުން ހަމަނުވާ ނަމަ ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ދޫނުކުރެވޭ ގޮތަށް އޮތުމަކީ ވެސް ހަމަޖެހޭ ގޮތެއް ނޫނެވެ. އެކަމަކު ގާނޫނީ އެއްވެސް އިޖުރާއަތެއް ފުރިހަމަ ނުވެގެން ބަލާއިރު ޖޫރިމަނާ ވެސް ކުރަން ޖެހި ފައިސާ ދައްކަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ބޭނުންކުރާ ގޮތް ދެނެގަތުމުގެ އުސޫލް ހަރުދަނާ ކުރުމުގެ މަސައްކަތްތަކެއް ވެސް ކުރަމުންނެވެ. އުސޫލް ހަރުދަނާކޮށް އެ ފައިސާ ބޭނުންކުރަނީ ގާނޫނާ އެއްގޮތަށްތޯ ކަށަވަރުކުރާނެ ކަމަށް ހަބީބް ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ގިނަ އަދަދެއްގެ ފައިސާ ދޫކުރަމުން އަންނަ އިރު އެ ޕާޓީތައް ޒިންމާދާރު ކުރެވޭނެ ގޮތެއް ވެސް އޮންނަން ޖެހެ އެވެ. ފައިސާ ދޫކުރަން މިހާރު އޮންނަ ގޮތުން އެތައް ބައެއްގެ ހައްގު ނިގުޅައިގަނެވެ އެވެ.

ސިޔާސީ ޕާޓީއެއްގެ އެންމެ މުހިއްމު އެއް މަސްއޫލިއްޔަތަކީ އިންތިހާބުތަކުގައި ވާދަކުރުމެވެ. އެހެންކަމުން ދައުލަތުން ބަޖެޓުން އެހީގެ ގޮތުގައި ގިނަ ފައިސާ ދޫކުރާއިރު އެ ފާޓީތަކުން ޒިންމާދާރުކަމާ އެކު މަސައްކަތް ކުރާނެ ގޮތެއް ވެސް އޮތީ ހޯދަން ޖެހިފަ އެވެ. ޕާޓީތަކުން ކުއްލިއަކަށް ވައްދާ ފޯމުގެ އަދަދަށް ބެލުމަށް ވުރެން އިންތިހާބުތަކުގައި ހޯދާ ކާމިޔާބީގެ މައްޗަށް އެހީ ދޭން ނިންމުމަކީ މިހާރަށް ވުރެން ހަރުދަނާ ގޮތަކަށް ވެދާނެ އެވެ.