Roadha Mihaaru
ރާއްޖޭގައި އަލަށް ކުނިން ކަރަންޓު އުފައްދަން ފަށައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުނިން ކަރަންޓް އުފައްދަން ފަށައިފި

22 ޖުލައި 2019

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުނިން ކަރަންޓު އުފައްދަން މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުނިން ކަރަންޓު އުފައްދަން މިއަދު ފަށައިފި އެވެ.

އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން "މިހާރު" އަށް ވިދާޅުވީ ރ. ވަންދޫގައި ކުނިން ކަރަންޓު އުފައްދަން ފެށުމާއެކު، ކުންޏަކީ އާމްދަނީ ލިބޭ އެއްޗަކަށް ހެދުމަށް ސަރުކާރުން ވީ ވައުދު ފުއްދެން ފެށުނީ ކަމަށެވެ. މިއީ ތާރީހީ ކާމިޔާބެއް ކަމަށް ވިދާޅުވި އެވެ.

ކުނިން ކަރަންޓު އުފައްދަން ފެށި ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރަކީ ނ. ރ. ބ. އަދި ޅ. އަތޮޅުގައި އުފެދޭ ކުނި ނައްތާލަން ގާއިމްކޮށްފައިވާ ތަނެކެވެ.

މިނިސްޓަރު ވިދާޅުވީ އެކަން ކުރަނީ ކުނި އަންދައިގެން ކަރަންޓު އުފެދޭ ގޮތަށް ވޭސްޓް އެނާޖީ ޕްލާންޓެއް ގާއިމްކޮށްގެން ކަމަށެވެ. އެ މަސައްކަތް ކުރަނީ، މިނިސްޓަރު ވިދާޅުވިގޮތުގައި، ކުނި އަންދައިގެން އުފެދޭ ހޫނުން، ފެނުން އާވި އުފައްދައިގެން އެ އާވިން ޑައިނަމޯ އަނބުރައިގެންނެވެ.

"އެއީ ހަމަ ކުނިން އުފެދޭ ކަރަންޓު މިހާރު އެ އުފެއްދެނީ. މިހާރު ގާތްގަނޑަކަށް 140 ކިލޯ ވޮޓްގެ ކަރަންޓު މިއަދު އެބަ އުފައްދާ އެތަނުން. އެއީ އޭގެ ޒާތުގައި އެތަނަށް ގެންދާ ކުނީގެ ތެރެއިން އަންދާ ކުނި،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުނި އަންދައިގެން ބޭރުކުރާ ދުމަކީ ސިއްހީ މިންގަނޑުތަކަށް ބަލާއިރު ރައްކާތެރިކޮށް ޖައްވަށް ފޮނުވަން ތައްޔާރުކޮށްފައިވާ ތަނެކެވެ. އެތަން ކާމިޔާބުކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު ކާމިޔާބީއެއް ކަން ފާހަގަކުރެއްވި އެވެ.

"ކުންޏަކީ ރާއްޖެ އަށް ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ކުރިމަތިވެފައިވާ ކަމެއް. ރާއްޖޭގެ އެތަން މިތަނުގައި ވަރަށް ގިނަ އަދަދެއްގެ ކުނި އެބަހުރި. އެހެންވީމަ އެ ކުނި މެނޭޖްކޮށް އެއީ ރައްޔިތުންނަށް ކުރާ އުނދަގޫތަކަށް ނުވެ ހައްލުތަކެއް ހޯދުން އެއީ ކޮންމެހެން ވެސް މިހާރު ބޭނުންވެފައި އޮތް ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި އުފައްދާ ކަރަންޓުގެ ތެރެއިން 94 ޕަސެންޓަކީ ޑީސަލް އަންދައިގެން ލިބޭ ކަރަންޓު ކަމަށާއި އެހެންކަމުން ކުނި އަންދައިގެން ކަރަންޓު އުފެދޭ ގޮތްވުމަކީ ސަރުކާރުގެ ހަރަދު ކުޑަވާނެ ކަމެއްކަން ފާހަގަކުރެއްވި އެވެ.

"މިއީ ތާރީހީ ދުވަހެއް. އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަކަށް ކުރިއެރުމެއް ލިބުނު ދުވަހެއް،"

ތިލަފުށީގައި ވެސް ވޭސްޓް އެނާޖީ ޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ. އެއީ ވަންދޫގައި ގާއިމްކޮށްފައިވާ މަރުކަޒެއް ވުރެ ބޮޑު ތަނެކެވެ. އެތަނަކީ މާލެ ސަރަަހައްދު، ހާއްސަކޮށް ތިލަފުށީގައި އުފެދިފައިވާ ގޮނޑަށް ހައްލުތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ. ތިލަފުށީގައި އުފެދޭ ކުނި އަންދައިގެން 8.5 މެގަވޮޓްގެ ކަރަންޓު އުފެދޭނެކަމަށް ތަޖުރިބާކާރުން ލަފާކުރާ ކަމަށް ވިދާޅުވ އެވެ.

އައްޑޫގައި ވެސް ކުނި މެނޭޖްކުރާ ޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެތަނުން ވެސް 1.5 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ ކަމަށް ވިދާޅުވި އެވެ.

މަސައްކަތް ކުރަމުން އަންނަނީ ކުނި މަދުކުރުމަށް ކަމަށާއި އަދި ކުނި ނައްތާލާއިރު ވެސް އެންމެ ބޭނުންތެރި ގޮތުގައި ކުނި ނައްތާލުމަށް ކަމަށް ވިދާޅުވި އެވެ. އަންދާ ހާލަތުގައި ކަރަންޓު އުފެދޭގޮތް ވުމަކީ ވަރަށް ބޮޑު ބޭނުމެއް ކަމަށް ވިދާޅުވި އެވެ.