Roadha Mihaaru
ލީޑިން ޓީޗަރުންގެ މަގާމު ސީއެސްސީން އުވާލައިފި

ލީޑިން ޓީޗަރުންގެ މަގާމު އުވައިލުމުން ކަންބޮޑުވުން ފާޅުކުރަނީ

25 ޖުލައި 2019

ސްކޫލްތަކުގެ ލީޑިން ޓީޗަރުންގެ މަގާމު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އުވައިލުމާ ގުޅިގެން އެ މަގާމުތަކުގައި ތިބި ޓީޗަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސްކޫލްތަކުގެ ލީޑިން ޓީޗަރުންގެ މަގާމު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އުވައިލުމާ ގުޅިގެން އެ މަގާމުތަކުގައި ތިބި ޓީޗަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އެ ކޮމިޝަނުން އާއްމުކުރި އުސޫލުގައި ބުނެފައި ވަނީ ލީޑިން ޓީޗަރުންގެ މަގާމު އުވައިލުވުމުން، އެ ޒިންމާތައް ދެން އަދާކުރާނީ އާންމު ޓީޗަރުން ކަމަށެވެ. އެ އުސޫލަށް މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ނަމަވެސް މިހާރު ލީޑިން ޓީޗަރުންގެ ގޮތުގައި ތިބި މީހުންގެ މަގާމު މި އަހަަރުގެ ނިޔަލަށް ދެމި އޮންނާނެ އެވެ.

ލީޑިން ޓީޗަރުންނަށް ޓެނުއަލްޝިޕްގެ ގޮތުގައި މަހަކު 1،000ރ. ގެ އެލަވަންސެއް ލިބެ އެވެ. އެ މަގާމު އުވައިލިޔަސް، ލީޑިން ޓީޗަރުންގެ ޒިންމާ އުފުލާ ޓީޗަރުންނަށް އެ އެލަވަންސް ދޭނެ އެވެ. ނަމަވެސް ހައިސިއްޔަތެއް ނެތި ޒިންމާ އުފުލަން ބޭނުން ނުވާ ކަމަށް، ކަންބޮޑުވުން ފާޅުކޮށް "މިހާރު" އާ ވާހަކަ ދެއްކި ޓީޗަރުން ބުންޏެވެ.

ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ ލީޑިން ޓީޗަރަކު އިއްޔެ ބުނީ، ތައުލީމީ ދާއިރާ މިހާރު ޓީޗަރުންނަށް ޖެހިފައި ވަނިކޮށް، އެގޮތަށް ނިންމާ ނިންމުންތަކުގެ ސަބަބުން މުޅި ދާއިރާ އަށް އަސަރުކުރާނެ ކަމަށެވެ. އެ މީހުންގެ ކަންބޮޑުވުމަކީ އެއީ ކަމަށާއި އެއްވެސް ހައިސިއްޔަތެއް ނެތި، ޒިންމާއެއް އަދާކުރަން ބޭނުން ނުވާ ކަމަށް ޓީޗަރަކު ބުންޏެވެ.

"ޓީޗަރެއްގެ މަގާމުގައި ހުރެ، ޑެޕިއުޓީ ޕްރިންސިޕަލަކަށް ލިބޭ މުސާރައެއް ލިބުނަސް އެ ޒިންމާތައް އަދާކުރާކަށް ބޭނުމެއް ނުވާނެ. މީގައި ހައިސިއްޔަތު މުހިއްމު ވަނީ. މުސާރައެއް ނޫން،" އޭނާ ބުންޏެވެ.

ލީޑިން ޓީޗަރުންގެ މަގާމު އުވައިލިޔަސް، އެ މީހުންގެ ޒިންމާ އަދާކުރާނެ މީހުން ހޯދަން ޖެހެނީ އުސޫލުގައިވާ ގޮތުން އެކަން އެ ސްކޫލެއްގައި އާންމުކޮށް އިއުލާން ކުރުމަށް ފަހު އެވެ. އެ ޒިންމާތައް ހަވާލުވާ މީހުން، ކިޔަވައިދިނުމުގައި ދެ އަހަރުގެ ތަޖުރިބާ ހުރުމަކީ ޝަރުތެކެވެ.

އިއުލާނު ކުރާއިރު އެކަމަށް ޝަރުތު ހަމަވާ ޓީޗަރަކު ކުރިމަތިނުލާ ނަމަ، ވަގުތީ ގޮތުން އެ ޒިންމާ ހަވާލުކުރާނެ މީހަކު ކަނޑައަޅަން ޖެހޭނެ އެވެ. ވަގުތީ ގޮތުން ޒިންމާ ހަވާލުކުރުމުގައި އެންމެ ފުރަތަމަ އިސްކަމެއް ދޭން ޖެހޭނީ، އުސޫލުގައި ބުނެފައިވާ ގޮތުން، އެ އިދާރާއެއްގައި ހިމެނޭ ލީޑިން ޓީޗަރެއްގެ ޝަރުތު ހަމަވާ މީހުންގެ ތެރެއިން އެންމެ މަތީ މަގާމުގައި ހުރި މީހެކެވެ. އެންމެ މަތީ މަގާމުގައި އެކަކަށް ވުރެ ގިނަ މީހުން ތިބި ނަމަ، ލީޑިން ޓީޗަރުންގެ ޒިންމާ ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ އެ ސްކޫލެއްގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނަވާ ބޭފުޅެކެވެ.

އުސޫލުގައި އެހެން ބުނެފައި ވުމަކީ ވެސް ޓީޗަރުންގެ ކަންބޮޑުވުމެކެވެ.

އެހެން ޓީޗަރަކު ބުނީ ލީޑިން ޓީޗަރުންނަކީ ބިނާކުރުވަނިވި ފާޑުކިޔާ ބަޔަކަށް ވާއިރު، ޕްރިންސިޕަލުން ހިތްހަމަނުޖެހޭ ނަމަ އެ ކުރިއެރުންތަކެއް ނުލިބޭނެ ކަމަށެވެ. އެހެންވެ، އެއީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް ބުންޏެވެ.

އެ އުސޫލަށް އަމަލުކުރަން ފެށުމާ އެކު، ލީޑިން ޓީޗަރުންގެ މަގާމުގައި ތިބި މީހުން، އެ މުވައްޒަފަކު ކުރިން ހުރި މަގާމަކަށް ބަދަލުވާނެ އެވެ. އަދި އެ އިދާރާގެ އޮނިގަނޑުގައި ހުސް މަގާމެއް ނެތް ނަމަ، އެ މަގާމެއް އުފައްދައި ބަދަލު ކުރަންޖެހޭނެ ކަމަށް އުސޫލުގައި ވެ އެވެ.

ލީޑިން ޓީޗަރުގެ މަގާމުގައި ތިބި މީހުންގެ ތެރެއިން ވަކި ހާއްސަ ދާއިރާއެއް ނޭނގޭ މުވައްޒަފުން ބަދަލުކުރާނީ، ލީޑިން ޓީޗަރަކަށް ބަދަލުވުމުގެ ކުރިން ހުރީ ސެކަންޑްރީ ޓީޗަރު/ ސުޕަވައިޒަރު/ގްރެޖުއޭޓް ޓީޗަރު/ކޮލިފައިޑް ޓީޗަރު ފަދަ މަގާމުތަކުގައި ވާނަމަ އެ މަގާމުތަކަށެވެ.