Roadha Mihaaru
ޕްރިންސިޕަލަކަށް އެއް ސްކޫލެއްގައި ހުރެވޭނީ 8 އަހަރު

ޕްރިންސިޕަލަކަށް އެއް ސްކޫލެއްގައި ހުރެވޭނީ އަށް އަހަރު ކަމަށް ހަމަޖައްސައިފި

11 ސެޕްޓެމްބަރ 2020

ސްކޫލެއްގައި ޕްރިންސިޕަލަކަށް އެންމެ ގިނަވެގެން ހުރެވޭނީ ވިދިވިދިގެން އަށް އަހަރު ކަމަށް ހަމަޖައްސައި ސަރުކާރު ސްކޫލުތަކުގައި ޕްރިންސިޕަލުން ވަޒީފާއަދާކުރާ ސްކޫލު ކަނޑައަޅާނެ އުސޫލެއް މިއަދު އާއްމުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސްކޫލެއްގައި ޕްރިންސިޕަލަކަށް އެންމެ ގިނަވެގެން ހުރެވޭނީ ވިދިވިދިގެން އަށް އަހަރު ކަމަށް ހަމަޖައްސައި ސަރުކާރު ސްކޫލުތަކުގައި ޕްރިންސިޕަލުން ވަޒީފާއަދާކުރާ ސްކޫލު ކަނޑައަޅާނެ އުސޫލެއް މިއަދު އާއްމުކޮށްފި އެވެ.

އެ އުސޫލުގައި ބުނާ ގޮތުން ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލު ކަނޑައެޅުމުގެ އުސޫލެއް ހެދީ ސަރުކާރުގެ ސްކޫލުތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް ސްކޫލުތަކަށް އެންމެ އެކަށީގެންވާ ގާބިލް ޕްރިންސިޕަލުން އައްޔަންކުރުމަށެވެ. އޭގެ އިތުރުން އެއް ސްކޫލެއްގައި ދިގު މުއްދަތަކަށް އެއް ޕްރިންސިޕަލުން ތިބުމުން ދިމާވާ ބައެއް ނޭދެވޭ މައްސަލަތަކަށް ހައްލު ހޯދުމާއި އާ ހިޔާލުތަކާއި ވިސްނުންތަކަށް ބިނާކޮށް ސްކޫލުތަކުގެ ހިންގުން ހަރުދަނާކުރުމަކީ ވެސް، ސިވިލް ސާވިސް ކޮމިޝަން (ސީއެސްއީ) އިން ހެދި އުސޫލުގެ ބޭނުމެއް ކަމަށް ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އެ އުސޫލު އާއްމުކުރީ އިއްޔެ ނަމަވެސް އެ އާއްމުކުރި ތާރީހެއް ކަމަށް އެ ލިޔުމުގައި ޖަހާފައިވަނީ ޖެނުއަރީ 16، 2020 އެވެ.

ޕްރިންސިޕަލުންގެ މަގާމަކީ އެޑިއުކޭޝަން މިނިސްޓްރީގެ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމަކަށްވާއިރު ސްކޫލުތަކަށް ބޭނުންވާ ޕްރިންސިޕަލުން ހޯދަން އިއުލާނުކުރަންވާނީ ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށް ކަމަށް ވެސް ބުނެ އެވެ.

ޕްރިންސިޕަލުންގެ މަގާމަކީ ސީއެސްގެ "ދާއިމީ" ގިންތީގައި ހިމެނޭ މަގާމަކަށްވާތީ އެ މުވައްޒަފުންނާ މެދު ވެސް އަމަލުކުރަންވާނީ އެ ސާވިސްގެ ގަވައިދުގެ ތެރެއިން ދާއިމީ ގިންތީގެ މުވައްޒަފުންނާމެދު އަމަލުކުރާ ގޮތަށެވެ.

ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސްކޫލު ކަނޑައަޅާނީ، އުސޫލުގައި ބުނާގޮތުން، އެޑިއުކޭޝަން މިނިސްޓަރުގެ ލަފާގެ މަތިން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ހިމެނޭގޮތަށް އެކުލަވާލާ ފަސް މެމްބަރުންގެ ދާއިމީ ކޮމިޓީއަކުންނެވެ. އެ ކޮމިޓީ އެކުލަވާލަން ޖެހޭނީ ވެސް ޕީއެސް އެވެ.

މިހާތަނަށް އަމަލުކުރަމުން އައިގޮތަށް ބަލާއިރު، ސްކޫލަކަށް ޕްރިންސިޕަލަކު ހޯދަން އިއުލާނުކުރުމަށްފަހު އެ މީހަކާ އިންޓަވިއުކުރާނީ އެޑިއުކޭޝަން މިނިސްޓްރީގެ ޕެނަލަކުންނެވެ. އިންޓަވިއުތަކުން ފާސްވެއްޖެނަމަ އެ މީހަކު ޕްރިންސިޕަލްގެ މަގާމަށް ހޮވުނީ އެވެ. އިތުރު ޕެނަލެއް ނުވަތަ ކޮމިޓީއަކުން މަސައްކަތެއް ކުރާކަށް ނުޖެހޭނެ އެވެ.

ޕްރިންސިޕަލްގެ މަގާމަކީ އެޑިއުކޭޝަން މިނިސްޓްރީގެ އޮނިގަނޑުގެ ދާއިމީ މަގާމަކަށް ވިއަސް ޕްރިންސިޕަލުން ތިބެން ޖެހޭނީ އެ މަގާމެއްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ސަރުކާރުގެ ސްކޫލެއްގައި ޓެނުއަޝިޕުގަ އެވެ. އެގޮތަށް ޕްރިންސިޕަލްގެ މަގާމުގައި ތިބޭ މުއްދަތަކީ ހަތަރު އަހަރެވެ. އެއް ސްކޫލެއްގައި ޕްރިންސިޕަލަކަށް އެންމެ ގިނަވެގެން މަސައްކަތްކުރެވޭނީ ވިދިވިދިގެން އަށް އަހަރެވެ.

މީގެ ކުރިން ޕްރިންސިޕަލަކަށް ސްކޫލެއްގައި ކިތަންމެ ދުވަހެއް ވަންދެން ވެސް މަސައްކަތްކުރެވޭނެ އެވެ.

ޓެނުއާޝިޕް އުސޫލުން ޕްރިންސިޕަލުން ސްކޫލުތަކަށް ހަމަޖައްސަން އިންޓާނަލީ އިއުލާނުކުރަންޖެހޭނެ އެވެ. އެގޮތަށް ކުރާ އިއުލާނުގައި އެ ވަގުތު ޕްރިންސިޕަލުން ޓެނުއަޝިޕް އުސޫލުން ހަމަޖައްސަން ބޭނުންވާ ސްކޫލުތައް ބަޔަންކުރަންވާނެ އެވެ.

ޓެނުއަޝިޕް އުސޫލުން ޕްރިންސިޕަލުން ސްކޫލުތަކަށް ހަމަޖެއްސުމުގައި ޕާފޯމަންސް އެޕްރައިޒަލް އަށް 50 މާކްސް އަދި ޕްރިންސިޕަލުން މަސައްކަތްކުރާނެ ސްކޫލު ކަނޑައަޅާ ކޮމިޓީގެ ގާބިލްކަން ދެނެގަތުމަށް ކުރާ އިންޓަވިއުއަށް ވެސް 50 މާކްސް ކަނޑައަޅާފައި ވެ އެވެ.

އެ އުސޫލު އާއްމުކުރާ ދުވަހުން ފެށިގެން އެއަށް އަމަލުކުރަންޖެހެ އެވެ. އެއާއެކު ސަރުކާރުގެ ސްކޫލުތަކުގެ އިދާރީީ އޮނިގަނޑުގައި ތިބި ޕްރިންސިޕަލުން އެޑިއުކޭޝަން މިނިސްޓްރީގެ އިދާރީ އޮނިގަނޑަށް ބަދަލުވާނެ އެވެ. އެ ޕްރިންސިޕަލުންނަށް އެއް އަހަރު ދުވަހުގެ ތެރޭގައި ޕްރިންސިޕަލުންގެ ޓެނުއަޝިޕް ހަމަޖައްސައި ނިންމަންޖެހޭނެ ކަމަށް ވެސް އުސޫލުގައި ބުންޏެވެ.

އެނގިފައިވާ ގޮތުގައި ޕްރިންސިޕަލުން މަސައްކަތްކުރާނެ ސްކޫލު ކަނޑައެޅުމުގެ އުސޫލާ މެދު ރާއްޖޭގެ ގިނަ ސްކޫލުތަކުގެ ޕްރިންސިޕަލުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ އުސޫލާ ގުޅޭގޮތުން މިއަދު ޕްރިންސިޕަލުންނަށް މައުލޫމާތު ދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާކަމަށް ވެސް އެނގިފައި ވެ އެވެ.