ރާއްޖޭގެ ޓޫރިޒަމްގައި ވަރަށް އުންމީދީ ކުރިމަގެއް އެބައޮތް ކަމަށާއި ހުރިހާ އެންމެން ވެސް މި ދާއިރާ އަށް ވަންނަން ޖެހޭ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ޗެއާމަން އަދި ގިނަ ރިސޯޓްތަކެއް ހިންގާ ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވެއްޖެ އެވެ.
30 ޖުލައި 2019
ރާއްޖޭގެ ޓޫރިޒަމްގައި ވަރަށް އުންމީދީ ކުރިމަގެއް އެބައޮތް ކަމަށާއި ހުރިހާ އެންމެން ވެސް މި ދާއިރާ އަށް ވަންނަން ޖެހޭ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ޗެއާމަން އަދި ގިނަ ރިސޯޓްތަކެއް ހިންގާ ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމްގެ ފަސް ވަނަ މާސްޓާ ޕްލޭން އެކުލަވާލުން އިފްތިތާހު ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެމްޔޫ މަނިކު ވިދާޅުވީ، ޓޫރިޒަމް ދާއިރާ ފެށިއިރު ވެސް އެންމެން ތިބީ ވަރަށް ބޮޑު އުންމީދެއްގައި ކުރިއަށް ދިއުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ، ވޯލްޑް ބޭންކްގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި 1980 ގައި ރާއްޖޭގެ އުފެއްދުންތެރިކަން 42 މިލިއަން ޑޮލަރުގައި ހުރިއިރު 2018 ވަނަ އަހަރު އުފެއްދުންތެރިކަން ހުރީ 4.8 ބިލިއަން ޑޮލަރުގައި ކަމަށެވެ.
"އެހެންވީމަ އެނގެއެއް ނޫންތޯ ކޮންމެވެސް ކަމެއް ވެއްޖެކަން މިހާރު، މިދިޔަ ދުވަސްތަކުގެ ތެރޭގައި. ދިވެހިރާއްޖޭގައި ފިއުޗާ ވަރަށް ބޮޑަށް އެބައޮތް. ހުރިހާ އެންމެން އެބަ ޖެހޭ ކޮންމެވެސް ކަހަލަ ސަޕޯޓެއް ކުރަން،" އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް ދާއިރާ މަޑުމަޑުން ރަނގަޅު ކުރަމުން ގޮސް ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ދާއިރާއަކަށް ބަދަލު ކުރުމަށް ދަތިތައް ވެސް ކުރިމަތިވިކަން، ޓޫރިޒަމް ފެއްޓެވުމުގައި އިސްކޮށް އުޅުއްވި އެމްޔޫ މަނިކު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ، 1972 ވަނަ އަހަރު ރާއްޖެ އަށް ޓޫރިޒަމް ތައާރަފް ވެގެންދިޔަ އިރު ރާއްޖޭގައި އެއާލައިންތަކެއް، ބޭންކްތަކެއް ވެސް ނެތް ކަމަށާއި، އެ ގޮންޖެހުންތަކާ އެކު ވެސް މި ދާއިރާ ކުރިއެރުވުމަށް ގިނަ ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށެވެ.
"މިކަމުގެ ތެރޭގައި އަޅުގަނޑުމެން އެބަޖެހޭ މިކަން ކުރުމަށް އުޅުނު މީހުންނަށް ސެލިއުޓް ކުރަން. އެ މީހުން މިކަން ހުއްޓާނުލާ ކުރިއަށް ގެންދިޔައީތީ،" އޭނާ ވިދާޅުވި އެވެ.
އެމްޔޫ މަނިކު ވިދާޅުވީ އައިލެންޑް ނޭޝަންގެ ތެރޭގައި ރާއްޖެ ފަދަ ޕްރޮޑަކްޓެއް މި ދުނިޔޭގައި ވެސް ނެތް ކަމަށެވެ. ރާއްޖޭގެ ޓޫރިޒަމާ ގުޅޭ ގޮތުން ކުރިން އުޒުރު ދެއްކުނު ނަމަވެސް މިއަދު އުޒުރު ދެއްކެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ރާއްޖޭގެ ހުރިހާ ރިސޯޓުތަކެއްގައި ދުނިޔޭގެ ހުރިހާ ގައުމަކުން ލިބޭނެ ހިދުމަތްތައް އެބަ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިން ދެއްކޭނެ މިތަނުގައި ބެޑެއް ނެތޭ ކިޔާފައި. މިހާރު މިތަނުގަ ކޮންމެ މީހަކަށް ބެޑެއް އެބަހުރި. އެންމެ އާދައިގެ މީހުން ފެށިގެން ގޮސް މަލްޓި މަލްޓި މިލިއަނަރުންނަށް ވެސް ހިދުމަތް ދެވޭނެ،" އޭނާ ވިދާޅުވި އެވެ.
އެންމެ އުފާވާ ކަމަކީ ރާއްޖޭގެ ހުރިހާ ހިސާބުގައި ޓޫރިޒަމްގެ ހިދުމަތްތައް ފުޅާވެފައި އޮތުން ކަމަށާއި ގެސްޓްހައުސްތައް އިތުރުވުމަކީ ވެސް މި ދާއިރާ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮންމެ ސަރުކާރެއް އޮތަސް ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އޮންނަން ޖެހޭ "ޕޮލިޓިކަލް ގުޑްވިލް" ނުވަތަ ދޭންޖެހޭ ހާއްސަ އިސްކަން ދިނުމަށް އޭނާ އެދިވަޑައިގަތެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވާހަކަދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
އެމްޔޫ މަނިކު ވިދާޅުވީ، ޓޫރިޒަމް ދާއިރާ ތަރައްގީ ކުރުމަށް މާސްޓާ ޕްލޭނެއް ވަރަށް މުހިއްމު ކަމަށާއި މި ސަރުކާރުން މިފަދަ ޕްލޭނެއް އެކުލަވާލަން ނިންމުމަކީ ފާހަގަކޮށްލަން ޖެހޭ ކަމެއް ކަމަށެވެ.
މާސްޓާ ޕްލޭނެއް ހަދާފައި ދޫކޮށްލާނީ ނޫން ކަމަށާއި އެ ޕްލޭންގެ ތެރެއިން ހާސިލްވި ކަންކަން ރިވިއު ކުރަން ވެސް ޖެހޭނެ ކަމަށް، ޓޫރިޒަމް ދާއިރާގައި ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.
ދިވެހި ޓޫރިޒަމްގެ ބާނީން އެއްތަންވެ ދެއްވީ ފިލާވަޅެއް
ސަމާލުކަންދީ، އެހެން ނޫނީ އަޑިއަޅާލާފާނެ: އެމްޔޫމަނިކު
މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ދަށްވެއްޖެ
ކޮވިޑުގެ ކުރީގެ ހާލަތަށް ޓޫރިޒަމް ރުޖޫއަވެއްޖެ
90،000 ޓޫރިސްޓުން، 70 ޕަސެންޓު ރިސޯޓުތަކަށް
ރާއްޖޭގެ ވެލްނަސް ޓޫރިޒަމަށް އެއް ބިލިއަން ޑޮލަރު
އަހަރުގެ ފުރަތަމަ ފަސް ދުވަހު ގިނައީ ރަޝިއާ ޓޫރިސްޓުން
އަހަރު ނިމުމުގެ ކުރިން 2 މިލިއަން ޓޫރިސްޓުން ހަމަވާނެ
ޓޫރިޒަމް އޮކިއުޕެންސީއާ އެކު އާމްދަނީ ވެސް މައްޗަށް
ޑޮލަރު މާރުކުރުމާ ދެކޮޅަށް 70 ރިސޯޓުން ޝަކުވާ