Roadha Mihaaru
ސަމާލުކަންދީ، އެހެން ނޫނީ އަޑިއަޅާލާފާނެ: އެމްޔޫމަނިކު

ޓޫރިޒަމަށް ސަމާލުކަން ދޭން ޖެހޭ، އެހެން ނޫނީ އަޑިއަޅާލާފާނެ: އެމްޔޫ މަނިކު

03 އޮކްޓޯބަރ 2019

ޓޫރިޒަމް ދާއިރާއަކީ ބޭރުގެ އެކި ގައުމުތަކާ ގުޅިފައިވާ ދާއިރާއަކަށް ވާ އިރު މި ދާއިރާގެ ކަންކަމަށް ސަލާމުކަން ނުދޭ ނަމަ އަޑިއަޅާލުމުގެ ފުރުސަތު ބޮޑު ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޓޫރިޒަމް ދާއިރާއަކީ ބޭރުގެ އެކި ގައުމުތަކާ ގުޅިފައިވާ ދާއިރާއަކަށް ވާ އިރު މި ދާއިރާގެ ކަންކަމަށް ސަލާމުކަން ނުދޭ ނަމަ އަޑިއަޅާލުމުގެ ފުރުސަތު ބޮޑު ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) މިއަދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް ދުވަހާ ގުޅުވައިގެން ޓޫރިޒަމް މިނިސްޓްރީން، ކްރޮސްރޯޑްސްގައި ފެށި މޯލްޑިވްސް ޓުރިޒަމް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ ތަޖުރިބާކާރު އެއް ވިޔަފާރިވެރިޔާ، އެމްޔޫ މަނިކު ވިދާޅުވީ ޓޫރިޒަމް ދާއިރާ ފެށިގެން މިހާ ހިސާބަށް އައިއިރު ބޮޑު ކުރިއެރުމެއް އައިސްފައިވާ ކަމަށެވެ. ނަމަވެސް ޓޫރިޒަމް ދާއިރާ ކުރިއަރުވަން މުޅި ދުނިޔެއަށް ވެސް ބޮޑެތި ގޮންޖެހުންތައް ހުރި އިރު އެކަންކަން ރާއްޖެއަށް ވެސް ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ.

"މޫސުމަށް އަންނަ ބަދަލުތަކާއި ޕޮލިއުޝަން އާއި ޓެރަރިޒަމް އަކީ ރާއްޖެއަށް އެކަނި ހުރި ގޮންޖެހުންތަކެއް ނޫން. އެހެން ނަމަވެސް މުޅި ދުނިޔޭގެ ޓޫރިޒަމަށް ހުރި މައްސަލަތައް،" އެމްޔޫ މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިމާވާ ގޮންޖެހުތަކާ ކުރިމަތިލާ، ޓޫރިޒަމް ކުރިއެރުވުމަށް މުހިއްމު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ޔުނިވާސަލްގެ އެއް ހިއްސާރު ވިދާޅުވި ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރާ މީހުންގެ 75 ޕަސެންޓް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ޓޫރިޒަމާ ގުޅިފައިވެ އެވެ.

"ޓޫރިޒަކީ ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ. ގަބޫލު ނުކުރިއަސް ކުރިއަސް އަސްލަކީ އެއީ. މި އިންޑަސްޓްރީގެ މުހިއްމު ކަމަކީ ކޮންމެ ސަރުކާރެއް އަޔަސް އަޅުގަނޑުމެން ހިފަހައްޓާނެ ކަމެއް. އަނެއްކާ މިނިސްޓްރީއަކީ ދުނިޔެއާ ގުޅިފައި އޮންނަ އެއްޗެއް. އެހެންވީމަ އަޅުގަނޑުމެން މި ބަލަން ޖެހޭނީ ވަރަށް ރަނގަޅު ގޮތެއްގައި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ވެސް އެންމެ ގިނަ ފުރުސަތު އޮތީ ޓޫރިޒަމް ދާއިރާގައި ކަމަށެވެ.

"މި ދާއިރާގެ ބޭނުން އެންމެ ފުރިހަމަ ގޮތެއްގައި ޒުވާނުން ހިފަން ޖެހޭ،" އެމްޔޫ މަނިކު ވިދާޅުވި އެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ޓޫރިޒަމް އެންޑް ޖޮބްސް" އެވެ. މުޅި ދުނިޔޭގައި ޓްރެވެލް އެންޑް ޓޫރިޒަމް ދާއިރާގައި 400 މިލިއަނަށް ވުރެ ގިނަ މީހުން ވަޒީފާ އަދާކުރެ އެވެ.

އެމްޔޫ މަނިކު ވިދާޅުވީ ޓޫރިޒަމް ދާއިރާގެ ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ދިވެހިންގެ ބައިވެރިވުން މަތިކުރަން އިންޓާންޝިޕް ޕްރޮގްރާމުތަކާއި ބޭރުގެ އެކި ގައުމުތަކުން ޓްރެއިނިން ހޯދޭނެ އިންތިޒާމުތައް ފަހިވާން ޖެހޭ ކަމަށެވެ.