Roadha Mihaaru
މަތީ މާކްސް ހޯދި ޝަކީލަކީ އެފްއައިޔޫގެ ކުރީގެ ވެރިއެއް

އެންމެ މަތިން މާކްސް ހޯއްދެވި ޝަކީލަކީ އެފްއައިޔޫގެ ކުރީގެ ވެރިއެއް

05 އޯގަސްޓް 2019

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން އެންމެ މަތިން މާކްސް ލިބިވަޑައިގަތް ބޭފުޅަކަށް ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިއަކަށް ކުރިން ހުންނެވި އިބްރާހިމް ޝަކީލް ވެވަަޑައިގެންފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން އެންމެ މަތިން މާކްސް ލިބިވަޑައިގަތް ބޭފުޅަކަށް ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިއަކަށް ކުރިން ހުންނެވި އިބްރާހިމް ޝަކީލް ވެވަަޑައިގެންފި އެވެ.

އެފްއައިޔޫ އަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ތެރޭގައި އުފައްދާފައި އޮންނަ މިނިވަން ޔުނިޓެކެވެ. މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ހަރަކާތްތަކާއި އެ ކުށް ކޮށްގެން ހޯދާ މުދަލާ ބެހޭ މައުލޫމާތު ހޯދައި، އެހެން ފަރާތްތަކަށް ފޯރުކޮށްދޭ ގައުމީ މައި އިދާރާ އަކީ އެފްއައިޔޫ އެވެ.

އޭސީސީގައި މިހާރު ތިއްބެވި ފަސް މެމްބަރުންގެ ދައުރު ހަމަވާތީ އެ ކޮމިޝަނަށް ކުރިމަތިލާން ކުރި އިއުލާނާ ގުޅިގެން 68 ބޭފުޅަކު އެކަމަށް އިޖާބަ ދިނެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މާކްސް ދިނީ އެ ކޮމިޝަނަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިިވަޑައިގަންނަވާ 12 މީހުންނަށެވެ. އަދި އެންމެ މަތިން މާކްސް ހޯއްދެވި ޝަކީލަށް 77.71 މާކްސް ލިބިވަޑައިގެންނެވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައެއް މެމްބަރުން. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައެއް މެމްބަރުން. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެމްއެމްއޭގައި ފަސް އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ޝަކީލް އެންމެ ފުރަތަމަ އުޅުއްވީ އެފްއައިޔޫގެ އެނަލިސްޓަކަށެވެ. އަދި އެފްއައިޔޫގެ އިންޗާޖު އޮފިސަރަކަށް މިދިޔަ ސެޕްޓެމްބަރު 17 އިން ފެށިގެން ޖެނުއަރީ 31 ގެ ނިޔަލަށް އުޅުއްވުމަށް ފަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ޝަކީލް ވަނީ ކޮމްޕިއުޓަ ސައިންސްގެ ދާއިރާ އިން ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ހާސިލް ކުރައްވައިފަ އެވެ. އަދި އިންފޮމޭޝަން ޓެކްނޮލަޖީގެ ސްޕެޝަލިޒަމް އިން ފޮރެންސިކް ކޮމްޕިއުޓިން ދާއިރާ އިން ބެޗްލާ ޑިގްރީ ވެސް ޝަކީލް ވަނީ ހާސިލް ކުރައްވައިފަ އެވެ.

އެފްއައިޔޫގެ އިންޗާޖް އޮފިސަރަކަށާއި އެނަލިސްޓެއްގެ ގޮތުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ޝަކީލް ވަނީ ރާއްޖޭގެ ސްޓްރެޓެޖިކް އިމްޕްލިމެންޓޭޝަން ޕްލޭންގެ މަސައްކަތް ވެސް ކުރައްވައިފަ އެވެ.

އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި ފަސް ބޭފުޅުން:

1- އިބްރާހިމް ޝަކީލް، ދަފްތަރު ނަންބަރު 3654 (77.71 މާކްސް)

2- އާދަމް ޝާމިލް، ރަތްވިލާގެ، ތ. ވިލުފުށި (77.28 މާކްސް)

3- ފާތުމަތު އަނޫލާ ގ. ވަޑިނޮޅުގެ (77.26 މާކްސް)

4- މަރިޔަމް ޝިއުނާ ނެދުންގެ، ސ. ހިތަދޫ (76.97 މާކްސް)

5- އައިޝަތު އަބްދުﷲ ރޯލްގޯލްގެ، ޅ. ހިންނަވަރު (75.14 މާކްސް)

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިންޓަވިއުކޮށްގެން މުއައްސަސާތަކަށް ކުރިމަތިލާ ބޭފުޅުންނަށް މާކްސް ދޭ އިރު، އެ ބޭފުޅުންނަށް މާކްސް ދިނުމުގެ ކުރިން ތައުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާގެ މުއްދަތާއި ތަޖުރިބާ އާއި މަގާމުގެ މަސައްކަތާ ހުރި ގުޅުމާއި ކިހާ ނަޒާހަތްތެރި ބައެއްތޯ ބަލަ އެވެ.

އޭސީސީ އަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ދެ ވަނަ އަށް އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވީ އެ ކޮމިޝަންގައި މިހާރު ވެސް ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އާދަމް ޝާމިލަށެވެ. ކޮމިޝަންގައި ހުންނެވި އެންމެ ރަނގަޅު ބޭފުޅެއްގެ ގޮތުގައި އެ ކޮމިޝަންގެ ގިނަ ބަޔަކު ފާހަގަ ކުރާ ޝާމިލް މަސައްކަތް ކުރައްވަނީ އެތަނުގެ ރީސާޗް ޔުނިޓްގަ އެވެ. އޭސީސީގައި މަސައްކަތް ކުރައްވާތާ އަށް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ޝާމިލަށް ކޮމިޓީން 77.28 މާކްސް ދިނެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މާކްސް ދިން ގޮތުގެ ރިޕޯޓު.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މާކްސް ދިން ގޮތުގެ ރިޕޯޓު.

ތިން ވަނަ އަށް އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވީ އޭސީސީގައި ކުރިން މަސައްކަތް ކުރެއްވި ފާތުމަތު އަނޫލާއަށެވެ. އޭސީސީގައި އިންވެސްޓިގޭޓަރަކަށް އުޅުއްވި އަނޫލާ އަށް 77.26 މާކްސް ލިބިވަޑައިގެންނެވި އެވެ. ހަތަރު ވަނަ އަށް އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވީ މަރިޔަމް ޝިއުނާ އަށެވެ. ޓްރާންސްޕޭރަންސީގައި މަސައްކަތް ކުރައްވާ ޝިއުނާ އަށް 76.97 މާކްސް ލިބިވަޑައިގެންނެވި އެވެ.

ފަސް ވަނަ އަށް އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވީ އައިޝަތު އަބްދުﷲ އަށެވެ. އޭސީސީގައި މީގެ އެތައް އަހަރެއް ކުރިން އިންވެސްޓިގޭޓަރަކަށް އުޅުއްވި އައިޝަތަށް 75.14 މާކްސް ލިބިވަޑައިގެންނެވި އެވެ.

އޭސީސީ އަށް އައްޔަން ކުރުމަށް ގާބިލް ފަރާތެއް ކަމަށް ކަނޑައަޅަނީ ކޮމިޓީން ކަނޑައަޅާފައިވާ މިންގަނޑުން މާކްސް ދިނުމުން އެވްރެޖް 75 ޕަސެންޓް އަށް ވުރެ މަތިން މާކްސް ލިބޭ މީހުންނެވެ.

އޭސީސީ އަށް ކުރިމަތިލެއްވި ބޭފުޅުންނަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މާކްސް ދިން ގޮތުގެ ރިޕޯޓު މަޖިލިހުގެ ތަޅުމަށް ފޮނުވާފައިވާ އިރު، މިރޭގެ ޖަލްސާ އަށް އެ މައްސަލަ ވަނީ އެޖެންޑާކޮށްފަ އެވެ.