Roadha Mihaaru
ޓެކްސީގެ އާ އުސޫލު ރަނގަޅު، ދަމަހައްޓާނަން: ސަރުކާރު

މުޒާހަރާ ކުރިޔަސް ޓެކްސީގެ ޚިދުމަތުގެ އާ އަގު ދަމަހައްޓާނަން: ޓްރާންސްޕޯޓް

05 އޯގަސްޓް 2019

މާލޭގައި ދުއްވާ ޓެކްސީގެ ޚިދުމަތަށް އެންމެ ފަހުން ކަނޑައެޅި އަގުތަކާއި ހިދުމަތް ދިނުމުގެ އުސޫލަށް ގެނައި ބަދަލުތައް ރަނގަޅު ކަމަށާއި ބައެއް ޓެކްސީ ޑްރައިވަރުން މުޒާހަރާ ކުރަން އުޅުނަސް އެ ބަދަލުތައް ތަންފީޒު ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މާލޭގައި ދުއްވާ ޓެކްސީގެ ޚިދުމަތަށް އެންމެ ފަހުން ކަނޑައެޅި އަގުތަކާއި ހިދުމަތް ދިނުމުގެ އުސޫލަށް ގެނައި ބަދަލުތައް ރަނގަޅު ކަމަށާއި ބައެއް ޓެކްސީ ޑްރައިވަރުން މުޒާހަރާ ކުރަން އުޅުނަސް އެ ބަދަލުތައް ތަންފީޒު ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ކަނޑައެޅި އާ އުސޫލުގައިވާ ގޮތުން މާލެ އިން ހުޅުމާލެ އަށް ކުރާ ދަތުރަކަށް ނެގޭނެ އެންމެ ބޮޑު އަގަކީ 75ރ. އެވެ. އަދި މާލެ އިން ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓަށް ކުރާ ދަތުރަކަށް ނެގޭނެ އެންމެ ބޮޑު އަގަކީ 60ރ. އެވެ. އަނެއް ބަދަލަކީ ކުރިން މެންދަމު 12 އިން ފެށިގެން އަގު ބޮޑުކޮށް ދަތުރުކުރާ އުސޫލަށް އަމަލު ނުކުރެވޭ ގޮތަށް ހެދުމާއި ޑިކީ އަށް އެއްޗެއް އެރުވުމުން އިތުރަށް އަގު ނުނެގޭ ގޮތަށް ހެދުމެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ "މިހާރު" އަށް ވިދާޅުވީ ޓެކްސީގެ ޚިދުމަތަށް ނެގޭނެ އެންމެ ބޮޑު އަގު ކަނޑައެޅީ އެ ހިދުމަތް ދިނުމަށް ޑްރައިވަރުން ކުރަން ޖެހޭ ހަރަދާއި އެ ނޫން ވެސް ކަންތައްތަކަށް ބެލުމަށް ފަހު، އެ މީހުންގެ އާމްދަނީ އަށް ވެސް ގެއްލުމެއް ނުވާނެ ގޮތް ބަލައިގެން ކަމަށެވެ. އެހެންވުމުން، އާ އުސޫލު ތަންފީޒު ކުރަން ޓްރާންސްޕޯޓް މިނިސްޓްރީން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބެލި ބެލުމުން އެނގުނު ގޮތުގައި ކަޅުތުއްކަލާ ކޮށްޓާ ހިސާބުން [މާލޭގެ އެންމެ ދުރު ޕޮއިންޓުން] ހުޅުމާލޭ ބާބެކިއު އޭރިއާ އަށް [ހުޅުމާލާގެ އެންމެ ދުރު ޕޮއިންޓަށް] އަނދަނީ 11 ރުފިޔާގެ ޕެޓްރޯލް. އެހެންވީމާ އެ ވަރުގެ ދަތުރަކަށް 75 ރުފިޔާ ކުޑައެއް ނޫން،" ޝިމާޒް ވިދާޅުވި އެވެ.

ޑްރައިވަރުންގެ ޖަމިއްޔާއިން އިއްޔެ ބުނީ އާ އުސޫލުގެ ދަށުން އަގު ނަގަން ފަށަން ޖެހޭނެ ކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ތާރީހުގައި (އަންނަ ބުދަ ދުވަސް) ޑްރައިވަރުން މުޒާހަރާ ކުރާނެ ކަމަށެވެ. އަދި އަގު ނެގުުމުގެ އާ އުސޫލަށް އަމަލު ކުރުން ހުއްޓުވައިދޭން އެދި ސިވިލް ކޯޓަށް ދާން ވެސް ޑްރައިވަރުންގެ ޖަމިއްޔާ އިން ވަނީ ނިންމައިފަ އެވެ.

އާ އުސޫލާ މެދު ހިތްހަ ނުޖެހޭ ޑްރައިވަރުންގެ އަނެއް ކަންބޮޑުވުމަކީ އަލަށް ހުއްދަ ދިން ތިން އެޕްލިކޭޝަން މެދުވެރިކޮށް ޕްރައިވެޓް ކާރުތަކުން ދަތުރުތައް ކޮށްދޭން ފެށުމުން ޓެކްސީތަކަށް އޮންނަ ޑިމާންޑް ކުޑަ ވެދާނެ ކަމުގެ ކަންބޮޑުވުމެވެ.

ޝިމާޒް ވިދާޅުވި ގޮތުގައި، އެއީ އެހެން ގައުމުތަކުގައި ވެސް އަމަލުކުރާ އުސޫލެކެވެ. އެޕްލިކޭޝަން ތައް މެދުވެރިކޮށް، އެ ހުއްދަ ދޭން ޖެހުނީ ވެސް މާލެ ސަރަހައްދުގައި ދިރިއުޅޭ އާބާދީއަށް ބޭނުންވާ ވަރާ ގާތަށް ވެސް ޓެކްސީތަކުން ހިދުމަތް ނުދެވޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"1200 ޓެކްސީ އަށް ހުއްދަ ދީފައި އޮންނަ އިރު، މާލެ އިން ޓެކްސީއެއް ހޯދަން އުޅެން ޖެހޭ ހާލު އެނގިވަޑައިގަންނަވާނެ. ބައެއް ޓެކްސީތަކުން ހިދުމަތް ދެނީ ދެ ގަޑިއެއް ހާއިރު. ރައްޔިތުންނަށް ކުރިމަތިވެފައިވާ މި ދައްޗަށް ސަރުކާރުން ހައްލެއް ހޯދައިދޭން ޖެހޭ. އެޕްލިކޭޝަން ތަކަށް ހުއްދަ ދިނީ އެހެންވެ،" ޝިމާޒް ވިދާޅުވި އެވެ.

އާ އުސޫލާ މެދު ހިތްހަމަ ނުޖެހިގެން އުޅެނީ ހުރިހާ ޑްރައިވަރުން ނޫން ކަމަށާއި މުޒާހާރާއެއް ކުރި ނަމަވެސް ހުރިހާ ޑްރައިވަރުން ބައިވެރިވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.