Roadha Mihaaru
ޑްރައިވަރުން ކަނޑައެޅި އަގުގައި ދަތުރުތައް ފަށައިފި

ޑްރައިވަރުން ކަނޑައެޅި ބޮޑު އަގުގައި ޓެކްސީ ދަތުރުތައް ފަށައިފި

11 މާޗް 2022

ޓެކްސީގެ ދަތުރުތަކުގެ އަގު ބޮޑުކުރަން ޓެކްސީ ޑްރައިވަރުން އެދުނު އެދުމަށް ސަރުކާރުން ޖަވާބެއް ނުލިބުނު ކްމްށް ބުނެ، ޑްރައިވަރުން ކަނޑައެޅި ބޮޑު އަގުގައި މިރޭ ޓެކްސީ ދަތުރުތައް ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓެކްސީގެ ދަތުރުތަކުގެ އަގު ބޮޑުކުރަން ޓެކްސީ ޑްރައިވަރުން އެދުނު އެދުމަށް ސަރުކާރުން ޖަވާބެއް ނުލިބުނު ކްމްށް ބުނެ، ޑްރައިވަރުން ކަނޑައެޅި ބޮޑު އަގުގައި މިރޭ ޓެކްސީ ދަތުރުތައް ފަށައިފި އެވެ.

ތެލުގެ އަގު ބޮޑުވުމާ އެކު، މާލެ ސަރަހައްދުގައި ޓެކްސީގެ ދަތުރުތަކުގެ އަގު ބޮޑުކުރަން ސެންޓަރުތަކުންނާއި ޑްރައިވަރުން އެދުނަސް، ސަރުކާރުން އެކަމަށް ޖަވާބެއް ނުލިބުމުން ގިނަ ޑްރައިވަރުން ރެއިން ފެށިގެން ދަނީ ދަތުރުތައް ހުއްޓާލުމަށްފަހު އިހްތިޖާޖް ކުރަމުންނެވެ.

ޑްރައިވަރަކު ބުނިގޮތުގައި ޑްރައިވަރުން ކަނޑައެޅި ބޮޑު އަގާ އެކު މިރޭ އަލުން ދަތުރުތައް ފެށީ ސަރުކާރުން އެ މީހުންގެ ހުށަހެޅުމެއް ޖަވާބެއް ނުދިނުމުންނެވެ. އެ މީހުން ސަރުކާރަށް ދިން މުއްދަތު އިއްޔެ ވަނީ ހަމަވެފަ އެވެ.

"އަޅުގަނޑުމެންގެ ސަރުކާރަށް ހުށަހެޅި އަގަށް އެ ބޭފުޅުން އެއްވެސް ޖަވާބެއް ނުދިނީމަ އޮޓަމެޓިކުން އެ އަގު މިރެއިން ފެށިގެން ތަންފީޒުވާން މި ފެށީ. މިހާރު އެ އަގަށް ދަތުރުތައް ފަށައިގެން ކުރިއަށް މިގެންދަނީ." މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ޑްރައިވަރަކު ބުންޏެވެ.

އޭނާ ބުނިގޮތުގައި ބޮޑުކުރި އަގުތައް ޓެކްސީތަކުގައި ޕަސިންޖަރުންނަށް ފެންނަ ގޮތަށް ބަހައްޓަން ހުރިހާ ޑްރައިވަރުންނަށް ވަނީ އިރުޝާދު ދީފަ އެވެ. އެހެންވެ، ޓެކްސީގައި ދަތުރުކުރާ ކޮންމެ މީހަކީ އެ އަގަށް އެއްބަސްވެގެން ދަތުރުކުރާ މީހަކަށް ވާތީ އެކަމާ ސަރުކާރަށް ނުބެހެވޭނެ ކަމަށް އޭނާ ބުންޏެވެ.

"ފެންނަ ގޮތަށް ހުންނަންވާނެ ލިޔެފައި އަގުތައް. އެ އަގަށް އެއްބަސްވެގެން މީހުން ދަތުރު ކުރާނީ. އެހެންވީމަ ދެން ފުލުހުންނަކަށް ވެސް އިތުރަކަށް ނޯންނާނެ އެޅޭނެ ފިޔަވަޅެއް. އެގޮތަށް ގާނޫނީ ލަފާ ވެސް އަޅުގަނޑުމެން ހޯދާފައި މިގޮތަށް މި ނިންމީ." އޭނާ ބުންޏެވެ.

މާލޭގެ ޓެކްސީ ސެންޓަރަކުން ބުނިގޮތުގައި ބޮޑުކުރި އަގަށް ނޫން ގޮތަކަށް ދަތުރުކުރަން ގިނަ ޑްރައިވަރުން ބޭނުމެއް ނުވެ އެވެ. އަދި ސަރުކާރުން ހުއްދަ ނުދިނަސް، ޑްރައިވަރުން ބޭނުންނުވަނީސް ދަތުރު ނުކުރެވޭނެ ކަމަށް އެ ސެންޓަރުން ބުންޏެވެ.

"މިއަދު ނިންމީ ނިންމީ 30ރ. އަށް މާލޭގެ އެތެރޭގެ ދަތުރުތަކަށް. ސަރުކާރުން ހުއްދައެއް ނުދޭ އެ އަގަކަށް. އެހެންވީމަ މީގައި ޑްރައިވަރުގެ އަތްމަތީގައި މި އޮތީ. ޑްރައިވަރާއި ކަސްޓަމަރާއި ދެމެދު އަގަކަށް އެއްބަސްވެވުނިއްޔާ ދަތުރު ކުރެވިދާނެ. އެހެން ނޫނީ ނުވާނެ." ޓެކްސީ ސެންޓަރަކުން ބުންޏެވެ.

އަގުތައް ޓެކްސީ ޑްރައިވަރުން ބޮޑުކުރި ގޮތް

- މާލޭގެ އެތެރޭގެ ދަތުރެއް- 30ރ. - ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއްގެ އެތެރޭގެ ދަތުރުތައް - 25ރ. - މާލެއިން ހުޅުމާލެ އަށް - 100ރ. - މާލެ އާއި ހުޅުމާލެ އިން އެއާޕޯޓަށް - 80ރ. - ހުޅުމާލޭގެ ފޭސް ދެއަކުން މާލެ އަށް - 120ރ. - ހުޅުމާލޭގެ ފޭސް އެކަކުން ހުޅުމާލޭގެ ފޭސް ދެއަކަށް - 40ރ. - މާލެ އާއި ހުޅުމާލެ އިން ސީޕްލޭން ޓާމިނަލަށް - 100ރ. - ހުޅުމާލޭގެ ފޭސް ދެއަކުން ސީޕްލޭން ޓާމިނަލަށް- 120ރ.