Roadha Mihaaru
މެޑަލިސްޓުންނަން އުރީދޫ އާއި އެލައިޑްގެ ހާއްސަ ޕެކޭޖެއް

އައިއޯއައިޖީ މެޑަލިސްޓުންނަށް އުރީދޫ އާއި އެލައިޑްގެ ހާއްސަ ޕެކޭޖެއް

06 އޯގަސްޓް 2019

ދާދި ފަހުން ނިމުނު އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން މެޑަލް ހޯދި ދިވެހި އެތުލީޓުންނަށް އުރީދޫ އާއި އެލައިޑުން ހާއްސަ ޕެކޭޖުތަކެއް ދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދާދި ފަހުން ނިމުނު އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން މެޑަލް ހޯދި ދިވެހި އެތުލީޓުންނަށް އުރީދޫ އާއި އެލައިޑުން ހާއްސަ ޕެކޭޖުތަކެއް ދީފި އެވެ.

މިހާރު އެވޯޑްސްގެ ޕާޓްނަރުން ކަމަށްވާ އުރީދޫ އާއި އެލައިޑުން މި ޕެކޭޖްތައް ހަވާލުކުރީ ރޭ ދަރުބާރުގޭގައި ބޭއްވި މިހާރު ސްޕޯޓްސް އެވޯޑްސް ހަފުލާގަ އެވެ. އުރީދޫގެ ފަރާތުން ޕެކޭޖް ހަވާލުކޮށްދެއްވީ، ސީއީއޯ ނަޖީބު ހާނެވެ. އަދި އެލައިޑް އިންޝުއަރެންސްގެ ފަރާތުން ޕެކޭޖް ހަވާލުކޮށްދެއްވީ އެލައިޑްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފާޒެވެ.

އުރީދޫ އާއި އެލައިޑުން މި ހާއްސަ ޕެކޭޖު ދޭން ނިންމީ އައިއޯއައިޖީގައި އެތުލީޓުންނާއި ކުޅުންތެރިން ކުރި މަސައްކަތުގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. މި ޕެކޭޖްތަަކަށް ގާތްގަނޑަކަށް ލައްކައެއްހާ ރުފިޔާ ހަރަދުވާނެ އެވެ.

އެލައިޑްގެ ޕެކޭޖް

އެލައިޑުން ދިނ ތިން ލައްކަ ރުފިޔާގެ "ހޯމް ކޮންޓެންޓް ވައުޗާ" އިންޝުއަރަންސް ޕެކޭޖެކެވެ. މި ޕެކޭޖުގެ ދަށުން، ގޭގައި ހުންނަ އަގުބޮޑެތި މުދާ އިންޝުއާކުރެވޭނެ އެވެ. ހާދިސާއެއް ދިމާވާ ހާލަތެއްގައި، އަގު ބޮޑު މުދަލަކަށް ގެއްލުމެއް ވެއްޖެ ނަމަ، މި ޕެކޭޖްގެ ދަށުން ކަވަކުރެވޭނެ އެވެ.

އުރީދޫގެ ޕެކޭޖް

އުރީދޫން ދިނީ އިންޓަނެޓް ޕެކޭޖުތަކެކެވެ. އައިއޯއައިޖީގެ މެޑަލް ލިބުނު 25 ކުޅުންތެރިންގެ ތެރެއިން ރަން މެޑަލް ލިބުނު ކުޅުންތެރިންނަށް އެއް އަހަރު ދުވަހުގެ އިންޓަނެޓް ޕެކޭޖެއް ދިން އިރު ރިހި މެޑަލިސްޓުންނަށް ހަ މަހުގެ އިންޓަނެޓް ޕެކޭޖެއް ލިބޭނެ އެވެ. އަދި ބްރޯންޒް މެޑަލިސްޓުންނަށް ތިން މަހުގެ އިންޓަނެޓް ޕެކޭޖެއް ލިބޭނެ އެވެ.

އައިއޯއައިޖީގައި މެޑަލް ލިބުނު ބައެއް ކުޅުއްތެރިންނަށް އުރީދޫގެ ސީއީއޯ ނަޖީބް ހާން ރަމްޒީ ގޮތުން ޕެކޭޖު ހަވާލު ކޮށްދެނީ--ފޮޓޯ:މިހާރު/އިމޭޖް.އެމްވީ

އައިއޯއައިޖީގައި މެޑަލް ލިބުނު ބައެއް ކުޅުއްތެރިންނަށް އުރީދޫގެ ސީއީއޯ ނަޖީބް ހާން ރަމްޒީ ގޮތުން ޕެކޭޖު ހަވާލު ކޮށްދެނީ--ފޮޓޯ:މިހާރު/އިމޭޖް.އެމްވީ

ރޭގެ ހަފުލާގައި ރަމްޒީ ގޮތުން މި ޕެކޭޖްތައް ހަވާލުކުރީ މިހާރު އެވޯޑްސްގެ ނޮމިނީސްތަކުގެ ތެރެއިން ހަފުލާ އަށް ހާޒިރުވެ ތިބި އެތުލީޓުންނަށެވެ. އެހެން އެތުލީޓުންނަށް ވެސް އުރީދޫ އާއި އެލައިޑުގެ ފަރާތުން ޕެކޭޖްތައް ހަވާލުކުރާނެ އެވެ.

ރާއްޖޭން ބޭރުގެ މުބާރާތްތަކުން ކާމިޔާބު ހޯދާ ކުޅުންތެރިންނަށް މިހާރު އެވޯޑްސްގައި ދޭ އަގުވަޒަންކުރުމުގެ އިނާމް ދިނުން އޮންނާނީ އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ 2019 ވަނަ އަހަރުގެ މިހާރު އެވޯޑްސްގަ އެވެ.