Roadha Mihaaru
ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން 10 ރަށެއްގައި

ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނެކަން 10 ރަށަކުން އަންގާފައިވޭ: މިނިސްޓްރީ

06 އޯގަސްޓް 2019

ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދު ކުރާނެކަން 10 ވަރަކަށް ރަށުން މިހާތަނަށް އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދު ކުރާނެކަން 10 ވަރަކަށް ރަށުން މިހާތަނަށް އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދުﷲ ޖަމީލް ވިދާޅުވީ މާލޭގެ އިތުރުން ރަށްރަށުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމުގެ އިންތިޒާމްތައް ހަމަޖައްސަމުން އަންނަ ކަމަށެވެ. އެކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ގާލް ގައިޑާއި ސްކައުޓް އަދި އަމިއްލަ ޖަމިއްޔާތަކުގެ އެހީތެރިކަން ލިބެމުން އަންނަކަމަށް ވިދާޅުވި އެވެ.

މާލޭގައި އީދު ނަމާދުކުރަން ނިންމާފައިވަނީ ސްޓޭޑިއަމާއި އިސްލާމީ މަރުކަޒު ސަރަހައްދުގަ އެވެ. ވިލިމާލޭގެ ބޯޅަ ދަނޑުގައި އަދި ހުޅުމާލޭގައި ބޮޑު ޖަމާއަތް އޮންނާނީ ސްޓޭޑިއަމް ސަރަހައްދުގަ އެވެ.

ސްޓޭޑިއަމްގެ ޓާފު ތިން ދަނޑުގެ ތެރޭން ދެ ދަނޑު ހާއްސަކޮށްފައިވަނީ ފިރިހެނުންނަށެވެ. އޭގެ އިތުރަށް ޓާފު އެއް ދަނޑު ހާއްސަކޮށްފައިވަނީ އަންހެނުންނަށް ނަމާދުކުރުމަށެވެ.

އަހުމަދުﷲ ވިދާޅުވީ ފުލުހުންނާއި ސިފައިން އަދި އަމިއްލަ ފަރާތްތަކާ ގުޅިގެން އީދު ނަމާދުގެ އިންތިޒާމްތައް ހަމަޖައްސަމުން އަންނަކަމަށެވެ. އަދި ނަމާދަށް ދާ މީހުންނަށް އެމްޑަބްލިއުއެސްސީ އަދި މާލެ އެރޭޓެޑް ކުންފުނިން ފެން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

"އުއްމީދަކީ އާއްމުންނަށް ފަސޭހަވާނެ ގޮތަކަށް، އާއްމުންނަށް ހަމަޖެހިގެން ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން. އެ މަގުސަދުގައި އަޅުގަނޑުމެންގެ ހުރިހާ މުވައްޒަފުން މަސައްކަތް ކުރަމުން އެ ދަނީ،" އަހުމަދުﷲ ވިދާޅުވި އެވެ.