Roadha Mihaaru
ބާރުއަޅަނީ ކުޑަކުދިންނާއި އަންހެނުން މިސްކިތަށް ނުދާން

ބާރު އަޅަނީ އީދު ނަމާދަށް، ކުޑަކުދިންނާއި އަންހެނުން މިސްކިތަށް ނުދިއުމަށް: މިނިސްޓްރީ

30 ޖުލައި 2020

މާލޭގެ ބައެއް މިސްކިތްތަކުގައި މާދަމާ އީދު ނަމާދު ކުރިޔަސް، ބޮޑަށް ބާރު އަޅަނީ އަންހެނުންނާއި ކުޑަކުދިން މިސްކިތަށް ނުދިޔުމަށް ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މާލޭގެ ބައެއް މިސްކިތްތަކުގައި މާދަމާ އީދު ނަމާދު ކުރިޔަސް، ބޮޑަށް ބާރު އަޅަނީ އަންހެނުންނާއި ކުޑަކުދިން މިސްކިތަށް ނުދިޔުމަށް ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ ބުނެފި އެވެ.

ބޮޑު އީދު މާދަމާ ފާހަގަކުރާއިރު، ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ވަނީ ގޯސްވެފަ އެވެ. އެގޮތުން ޕޮޒިޓިވްވާ ދިވެހިންގެ އަދަދު ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. އެކަމާ ގުޅިގެން، ބޮޑު ޖަމާއަތުގައި މާދަމާ އީދު ނަމާދެއް ވެސް ނުކުރާނެ އެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަަޔާނެއްގައި ބުނީ މާލޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ވެސް މާދަމާ އީދު ނަމާދު ކުރާނެ ކަމަށެވެ. އެކަމަކު އަންހެނުންނަށް ބައިވެރިވެވެނީ އިސްލާމީ މަރުކަޒާއި ވިލިމާލޭގައި ހުންނަ މަސްޖިދުއްބިއްރި އާއި ހުޅުމާލޭ މަސްޖިދުލްއަޒީޒާ މޫސާގައި ކުރާ ނަމާދުގައި ކަމަށް ބުންޏެވެ. ނަމަވެސް މިނިސްޓްރީން ބޮޑަށް ބާރު އަޅަނީ އަންހެނުންނާއި ކުޑަކުދިން މިސްކިތްތަކަށް ނުދިޔުމަށެވެ.

ކޮވިޑް-19 ގައި އެންމެ ރިސްކު ބޮޑުކަމަށް ބެލެވިފައިވާ، ބޮޑެތި ބަލިތަކަށް ބޭސް ކުރާ މީހުންނާއި ފުއްޕާމޭގޭ މައްސަލަތައް ހުންނަ މީހުންނާއި ދުވަސްވީ މީހުންނާއި ބަލީގެ އަލާމާތްތައް ހުންނަ މީހުން މިސްކިތަށް ނުދިޔުމަށް ވެސް އެ މިނިސްޓްރީން އިލްތިމާސް ކުރެ އެވެ.

މި އަހަރުގެ އަޟްހާ އީދު ދިމާވަނީ ހުކުރު ދުވަހާ އެވެ. އެހެންވެ، މިނިސްޓްރީން އިލްތިމާސް ކުރަނީ އީދު ނަމާދާއި ހުކުރު ނަމާދުގެ ތެރެއިން ކޮންމެވެސް އެއް ނަމާދަކަށް މިސްކިތަށް ދިޔުމަށެވެ. އަދި މާސްކް އަޅައިގެން ދިޔުމަށާއި ގެއިން މުސައްލައެއް ގެންދިޔުމަށް ވެސް އެ މިނިސްޓްރީން އިރުޝާދު ދެ އެވެ.

ލޮކްޑައުންގެ ލުޔަށް ފަހު ކޮވިޑް-19 އަށް ޕޮޒިޓިވްވާ ދިވެހިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މި ބަލީގައި މިހާރު 16 މީހަކު މަރުވެފައިވާއިރު، ބަލިން ރައްކާތެރިވުމަށް މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ.