Roadha Mihaaru
ބޮޑު އީދުގައި ބޮޑު ޖަމާއަތެއް ނެތް

ބޮޑު އީދުގައި ބޮޑު ޖަމާއަތެއް ނެތް

14 ޖުލައި 2021

ކުރިއަށް އޮތް އަޟްހާ އީދު ދުވަހު ބޮޑު ޖަމާއަތުގައި ކުރިއަށް ނުގެންދާ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

ކުރިއަށް އޮތް އަޟްހާ އީދު ދުވަހު ބޮޑު ޖަމާއަތުގައި ކުރިއަށް ނުގެންދާ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވުމުގެ ސަބަބުން މިދިޔަ އަހަރު މިސްކިތްތައް ބަންދުކޮށް، އީދު ނަމާދު ވެސް ބޮޑު ޖަމާއަތުގައި ނުކުރަން ވަނީ ނިންމައިފަ އެވެ. ނަމަވެސް ކޮވިޑުގެ ހާލަތު ރަނގަޅުވަމުން އައުމާއެކު އެޗްޕީއޭ އިން ވަނީ ކުރިން އަޅާފައިވާ ފިޔަވަޅުތައް އުވާލައި، ބޮޑެތި ލުއިތައް ދީފަ އެވެ. އޭގެ ތެރޭގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރެވޭ ގޮތް ހެދުން ހިމެނެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ "މިހާރު" އަށް ވިދާޅުވީ މި އަހަރުގެ އަޟްހާ އީދު ދުވަހު ބޮޑު ޖަމާއަތުގައި ނަމާދު ނުކުރަން މިނިސްޓްރީން ނިންމީ އެޗްޕީއޭގެ ގައިޑްލައިންތަކަށް ތަބާވުމުގެ ގޮތުން ގިނަ ބަޔަކު އެއްފަހަރާ އެއް ސަރަހައްދެއްގައި ތޮށްޖެހުން ކުޑަ ކުރުމަށް ކަމަށެވެ.

"ބޮޑު ޖަމާއަތް ބާއްވައިފި ނަމަ ނުކުންނަ ދޮރުގައި ތޮއްޖެހޭނެ. އެކަމުގެ ސަބަބުން ކިތަންމެ ވަރަކަށް އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލުކުރަން އަންގާފައި ވިޔަސް އެ ގައިޑްލައިންތަކަކަށް އަމަލެއް ނުކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް މާލޭގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތެއްގައި ވެސް އީދު ނަމާދުގެ ޖަމާއަތް ބޭއްވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކޮވިޑުގެ ހާލަތު ގޯސްވެ، މޮނިޓަރިންގައިވާ ރަށްރަށް ފިޔަވައި ބާކީ ރަށްރަށުގައި އީދު ނަމާދު ޖަމާއަތުގައި ކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަހަރު ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވުމުގެ ސަބަބުން މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުން ވަގުތީ ގޮތުން މެދުކަނޑާލި އިރު، އޭރު ހުކުރު ނަމާދާއި އީދު ނަމާދުވެސް ޖަމާއަތުގައި ނުކުރާ ގޮތަށް ވަނީ ނިންމާފަ އެވެ. ނަމަވެސް މިދިޔަ އަހަރު ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވެފައި ވުމާ އެކު މިދިޔަ އަހަރުގެ އަޟްހާ އީދު ދުވަހު މިސްކިތްތަކުގައި ވަނީ އީދު ނަމާދު ކޮށްފަ އެވެ.