Roadha Mihaaru
ނުނިދިފައި ނޯވެ ކޮންމެވެސް ކަމެއް ކޮށްލާ!

ނުނިދިފައި ނޯވެ ކޮންމެވެސް ކަމެއް ކޮށްލާ!

18 އެޕްރީލް 2019

ކޮންމެހެން އަށް ގަޑިއިރު ނިދަން ޖެހޭ ހެއްޔެވެ؟ ޓީވީ ބަލަން އޮވެގެން ނިދާލަން ކިހާ އަރާމު ހެއްޔެވެ؟ ގަޑި އެލާމްވުމުން "ސްނޫޒް" ކޮށްލީމާ އެ އަންނަނީ މާ އަރާމު ނިންޖެއް ނޫންހެއްޔެވެ؟

ކޮންމެހެން އަށް ގަޑިއިރު ނިދަން ޖެހޭ ހެއްޔެވެ؟ ޓީވީ ބަލަން އޮވެގެން ނިދާލަން ކިހާ އަރާމު ހެއްޔެވެ؟ ގަޑި އެލާމްވުމުން "ސްނޫޒް" ކޮށްލީމާ އެ އަންނަނީ މާ އަރާމު ނިންޖެއް ނޫންހެއްޔެވެ؟

ނިންޖާ ބެހޭ ގޮތުން ވާހަކަ ދައްކާ ނަމަ މި ހުރިހާ އެކި މައުލޫތަކެވެ. އެކަމަކު ދިރާސާ ޓީމަކުން ބުނަނީ ނިންޖާ ބެހޭ ގޮތުން އާންމު ގޮތެއްގައި މީހުންނަށް ގަބޫލުކުރެވޭ އަދި ހަރުލާފައިވާ ބައެއް އާދަތަކުގެ ސަބަބުން ސިއްހަތަށް ވަރަށް ބޮޑަށް ގެއްލުންވަމުންދާ ކަމަށެވެ.

ފަސް ގަޑިއިރަށް ވުރެ މަދުން ނިދިޔަސް ރަނގަޅުވާނެ

ދިރާސާ ޓީމުން ބުނި ގޮތުގައި މިއީ ނިންޖާ ބެހޭ ގޮތުން ކުރެވޭ އެންމެ އާންމު ކުށް ހީ އެވެ.

އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު މާގްރެޓް ތެޗާ އާއި ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް އަދި މަޝްހޫރ ވިޔަފާރިވެރިންނާއި މިފަދަ އެތައް ބަޔަކީ ރޭގަނޑު ފަސް ގަޑިއިރަށް ވުރެ މަދުން ނިދާ ކަމަށް ބުނާ މީހުންނެވެ.

މިފަދަ މީސްމީހުން ނިންޖާ ބެހޭ ގޮތުން މިގޮތަށް ވާހަކަ ދެއްކުުމުން، މިއީ ރައްކާތެރި ކަމެއްގެ ގޮތުގައި އާންމުކޮށް ގަބޫލުކުރެވިފައި އޮންނަ ކަމަށް ދިރާސާގައި ބުންްޏެވެ.

"ދުވާލަކު ފަސް ގަޑިއިރަށް ނުވަތަ އެއަށްވުރެ މަދުން ނިދާ ނަމަ ސިއްހީ ގޮތުން ކުރިމަތިވާނެ ބޮޑެތި ނުރައްކާތައް އެެބަހުރި ކަމުގެ ހެކި އެބަހުރި،" ނިއު ޔޯކް ޔުނިވަސިޓީގެ މި ދިރާސާގައި އިސްކޮށް ހުންނެވި ރެބެކާ ރޮބިންސް ވިދާޅުވި އެވެ.

މި ބުނާ މިންވަރަށް ނިދާ މީހެއް ނަމަ ހިތުގެ އެކި ބަލިތައް ޖެހުމާއި ހާޓް އެޓޭކާއި ސްޓްރޯކް ޖެހުން އަދި މިފަދަ ކަންކަމުގައި އަވަހަށް މަރުވުމުގެ ފުރުސަތު ބޮޑުވާކަން ދިރާސާގައި ވަނީ ފާހަގަކޮށްފަ އެވެ.

ރޮބިންސް ލަފާ ދެއްވީ ދުވާލަކު 7-8 ގަޑިިއިރު ވަންދެން ނިދުމަށެވެ.

އެނދުގައި އޮވެގެން ޓީވީ ބެލުމުން ހަމަޖެހުން ލިބޭ

ނިދަން ވުމުން ޓީވީ ހުޅުވައި ކޮންމެވެސް އެއްޗެއް ބަލައިލުމުން މީހާ "ރިލެކްސް"ވެ ފަސޭއިން ނިދާލެވޭ ކަމަށް ގަބޫލުކުރަން ހެއްޔެވެ؟

ޑރ. ރޮބިންސް ވިދާޅުވީ ރޭގަނޑު ނިދުމުގެ ކުރިން ޓީވީ ބަލަނީ ދުވަސް ނިންމާލައި، ފިކުރުތަކާ ދުރުވެލައި ހަމަޖެހުން ހޯދުމުގެ ބޭނުމުގައި ކަމަށް ވިޔަސް ސިކުނޑި އަށް އެކަން ހާސިލް ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ޝައުގުވެރި ޓީވީ ޝޯތަކާއި ފިލްމުތަކުގެ ތެރެއަށް ވަދެވެ އެތައް އިރަކު ޓީވީ ދޮށުގައި ތިބެވޭ ގޮތް ދިމާވާ ކަމަށެވެ. އެހެންވެ މިއީ ސިކުނޑި އަށް ހަމަޖެހުން އައުމުގެ ބަދަލުގައި، ނިދި މަދުވެ ސިކުނޑި އަށް އިތުރަށް ބާރު ބޮޑުވާނެ ކަމެއްގެ ގޮތުގައި ރޮބިންސް ސިފަކުރެއްވި އެވެ.

ނިދަން އުނދަގުލިއްޔާ އެނދުގައި އޮވޭ

ނިދި ނައިސްގެ އެނދުގައި ފުރޮޅެއް އެތައް އިރެއް ވަންދެން އޮންނަން ހެއްޔެވެ؟ ބައެއް މީހުން ގަބޫލުކުރަނީ ނުނިދިގެން އުޅޭ ނަމަ، ނިދޭތޯ ބަލަން އެނދުގައި އޮވެގެން މަސައްކަތް ކުރުމަށެވެ.

"އެހެން ހަދާ ނަމަ އެއީ - ނިދަން އުނދަގޫވާ މައްސަލަ ކަމަށްވާ - އިންސޯމިއާއާ، ނިދާ އެނދާ ގުޅުވެނީ،" ރޮބިންސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަނގަޅަށް ނިދާ މީހެއް ނަމަ ފަނަރަ ވަރަކަށް މިނެޓްގެ ތެރޭގައި ނިދޭނެ ކަމަށެވެ. އެކަމަކު ގިނަ މީހުންނަކީ މިއަށްވުރެ ގިނައިރުން ނިދޭ މީހުންކަން އޭނާ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ނިދި ނައިސްގެން އުޅޭ ނަމަ އެނދުގައި ނޯވެ ތެދުވެގެން ގޮސް ކޮންމެވެސް ކަމެއް ކޮށްލުން ބުއްދިވެރި ކަމަށެވެ. މާހައުލަށް ބަދަލެއް ގެނައުން ފަދަ ކަމެއް ކޮށްލުން ވެސް ރަނގަޅުކަން ފާހަގަކުރެއްވި އެވެ. އަދި އޭނާގެ ހާއްސަ ލަފައެއް ވެސް ދެއްވި އެވެ.

"[ނިދި ނާންނަންޏާ] ތެދުވެގެން ގޮސް އިސްޓާކީނު ފަތްޖަހާލާ."

އެލާމް ނިއްވާލުން

ހޭލަން ބޭނުންވާ ގަޑި އަށް އެލާމް ވުމުން އެލާމް "ސްނޫޒް" ކޮށްލައި އިތުރަށް ފަސް ވަރަކަށް މިނެޓް ނިދާލިއްޔާ އެއީ އެހާވަރު ކަމެއް ހެއްޔެވެ؟

ސައިންސްވެރިން ލަފާ ދެނީ މިހެން ނުހެދުމަށެވެ. އެލާމްވުމާ އެކު ތެދުވުމަަށެވެ.

"ނިދިން ހޭލެވޭ ވަގުތު ވަރަށް ކަންނެތްވެ ޖޯރު ނުހުންނާނެ. އެކަމަކު އެލާމް ނިއްވާލަން ސްނޫޒަށް ފިއްތާލަން ކިތަންމެ ހިތް އެދުނަސް އެކަން ނުކުރާތި،" ރޮބިންސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެލާމް ނިއްވާލާފައި އެނދުގައި އޮންނަން ފެށުމުން ނިދީގެ މަރުހަލާ އަލުން ފެށޭނެ ކަމަށެވެ.

ގުގުރި ދެމުމަކީ މައްސަލައެއް ނޫން

ނިދާއިރު ގުގުރި ދެމުމަކީ ހަމަ އެއްވެސް މައްސަލައެއް ނޫން ކަމަށް ވެސް ވެދާނެ އެވެ. އެމަކަމަކު މިއީ ނިންޖާ ގުޅުން ހުރި ސިއްހީ މައްސަލައެއްގެ އަލާމާތަކަށް ވެސް ވެދާނެ އެވެ. އެހެންވެ ގުގުރި ދަމާ ނަމަ އަދި ހާއްސަކޮށް، ބާރަށް ގުގުރި ދަމާ ނަމަ ސިއްހީ މައްސަލައެއް ހުރިތޯ ބަލަން ވަނީ ލަފާ ދެއްވައިފަ އެވެ.

ރޮބިންސް ވިދާޅުވި ގޮތުގައި ނިންޖަކީ އިންސާނަކަށް އެންމެ މުހިންމު އެއް ކަންތަކެވެ. އަދި އެއީ ސިއްހީ ހާލަތާއި މޫޑު ރަނގަޅު ކުރުމަށް ވެސް ވަރަށް ބޮޑު ބާރެއް ކަމަށް ވިދާޅުވި އެވެ. -- ބީބީސީ