Roadha Mihaaru
ޕާކިސްތާނު މިސްކިތަކަށް ހަމަލާދީ 23 މީހުން މަރާލައިފި

ޕާކިސްތާނުގެ މިސްކިތަކަށް ހަމަލާދީ 23 މީހުން މަރާލައިފި

17 ސެޕްޓެމްބަރ 2016

ޕިޝާވަރު (ސެޕްޓެމްބަރު 17) - ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ޕިޝާވަރުގެ މިސްކިތަކަށް ޖާނުންފިދާވެގެން ދިން ހަމަލާއެއްގައި 23 މީހުން މަރާލާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕިޝާވަރު (ސެޕްޓެމްބަރު 17) - ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ޕިޝާވަރުގެ މިސްކިތަކަށް ޖާނުންފިދާވެގެން ދިން ހަމަލާއެއްގައި 23 މީހުން މަރާލާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަމަލާ އަމާޒުކޮށްފައި ވަނީ އިއްޔެ ހުކުރު ނަމާދަށް ދިޔަ މީހުންނަށް ކަމަށްވެ އެވެ. މި ހަމަލާގައި ވަނީ 40 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ އެވެ. މީގެ ތެރޭން ގިނައީ ކުޑަ ކުދިންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިސްކިތުގައި ޖާނުންފިދާވުމުގެ ހަމަލާދީފައި ވަނީ ޕާކިސްތާނުގެ ތާލިބާން ޖަމާއަތެއް ކަމަށްވާ ޖަމާއަތުލް އަހުރާރުންނެވެ. މިއީ މީގެ ދެ އަހަރު ކުރިން ޕާކިސްތާން ތާލިބާން ޖަމާއަތުން ވަކިވެފައިވާ ބައެކެވެ. ޕާކިސްތާނުގައި މި ޖަމާއަތުން ވަނީ ވަރަށް ގިނަ ހަމަލާތައް ދީފަ އެވެ. މީގެ ތެރޭގައި ގުއެޓާގެ ހޮސްޕިޓަލެއްގައި އޮގަސްޓް މަހު ޖާނުންފިދާވުމުގެ ހަމަލާދީ 70 މީހުން މަރާލި ހާދިސާ ވެސް މެ އެވެ.

ޕާކިސްތާނުގައި ގަބީލާތަކުގެ މީހުން އުޅޭ ސަރަހައްދުތަކަށް ވޭތުވެދިޔަ ދުވަސްތަކުގައި ވަނީ ތާލިބާނުންނާއި އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދޭ ހަމަލާތައް އިތުރުކޮށްފަ އެވެ. ތާލިބާން ސިފައިން 2014 ވަނަ އަހަރު ވަނީ އެ ހިސާބުތަކުގައި ތާލިބާނުންގެ ބާރު ކުޑަ ކުރުމަށް އޮޕަރޭޝަނެއް ފަށައިފަ އެވެ. ނަމަވެސް ތާލިބާނުންދޭ ހަމަލާތަކަށް ހުއްޓުމެއް އައިސްފައެއް ނުވެ އެވެ.

ބީބީސީން ބުނީ ޖާނުންފިދާވުމުގެ ހަމަލާ ދިން އިރު 200 ވަރަކަށް މީހުން ހުކުރަށް ގޮސް ތިބި ކަމަށެވެ. އެ ސަރަހައްދުގެ އިދާރީ އޮފިޝަލަކު އޭއެފްޕީ އަށް ބުނީ ބޮން ގޮއްވާލާފައި ވަނީ ހުކުރު ނަމާދު ކުރިއަށް ދަނިކޮށް ނަމާދުކުރާ މައި ހޯލުގައި ކަމަށެވެ.

ބޮޑު ވަޒީރު ނަވާޒް ޝަރީފް ވަނީ މި ހަމަލާ ކުށްވެރި ކުރައްވައިފަ އެވެ. ޓެރަރިސްޓުން ދޭ ފިނޑި ހަމަލާތަކުގެ ސަބަބުން ޓެރަރިޒަމާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތަށް ކުޑަވެސް ހުއްޓުމެއް ނާންނާނެ ކަމަށް ވެސް ނަވާޒް ޝަރީފް ނެރުއްވި ބަޔާނުގައިވެ އެވެ.