Roadha Mihaaru
ކާބުލްގެ މިސްކިތަށް ފިދާވެގެންދިން ހަމަލާގައި 27 މަރު

ކާބުލްގެ މިސްކިތަކަށް ދިން ޖާނުން ފިދާވުމުގެ ހަމަލާގައި 27 މަރު

21 ނޮވެމްބަރ 2016

ކާބުލް (ނޮވެމްބަރު 21) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ޝިއައީ މުސްލިމުންގެ މިސްކިތަކަށް ޖާނުން ފިދާވެގެން މިއަދު ދިން ހަމަލާގައި މަދުވެގެން 27 މީހުން މަރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކާބުލް (ނޮވެމްބަރު 21) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ޝިއައީ މުސްލިމުންގެ މިސްކިތަކަށް ޖާނުން ފިދާވެގެން މިއަދު ދިން ހަމަލާގައި މަދުވެގެން 27 މީހުން މަރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ކާބުލްގެ ހުޅަނގުގެ ބާގިރުލް އުލޫމް މިސްކިތަށް ދިން ހަމަލާގައި ވަނީ 35 މީހުން ޒަޚަމްވެފަ އެވެ. ޖާނުން ފިދާވުމުގެ ހަމަލާ ދިން އިރު އަޅުކަމަށް މިސްކިތަށް ވަނީ ގިނަ ބަޔަކު ޖަމާވެފަ އެވެ. މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ހިނގާފައި ދިޔަ މީހަކު ވަނީ މީހުން ތެރެއަށް ވަދެ ގޮއްވާލައިފަ އެވެ.

"މުއްލާ ދީނީ ތަގްރީރެއް ދެމުން ދިޔަ އިރު އަހަރެން ހުރީ މިސްކިތުގެ ތެރޭގައި. ކުއްލި އަކަށް ބާރު އަޑު ފައްގަނޑެއް އިވި މުޅި ތަން އަނދިރިވި،" ހަމަލާގައި ޒަޚަމްވި އުމުރުން 50 އަހަރުގެ އީވާޒް އަލީ، 50، ބުންޏެވެ.

މިސްކިތަށް ދިން ހަމަލާގައި ޒަޚަމްވި މީހަކަށް ފަރުވާ ދޭން ގެންދަނީ. --ފޮޓޯ:އޭއެފްޕީ

މިސްކިތަށް ދިން ހަމަލާގައި ޒަޚަމްވި މީހަކަށް ފަރުވާ ދޭން ގެންދަނީ. --ފޮޓޯ:އޭއެފްޕީ

އެހެން މީހެއް ކަމަށްވާ ނާދިރު އަލީ އޭއެފްޕީ އަށް ބުނީ ގޮއްވާލި އެއްޗެއްގެ ސަބަބުން މުޅި ތަނުގައި އޮތީ ހިރަފުސް ކަމަށެވެ. އަދި މިސްކިތުގައި އޮތީ ލެ އާއި އެކި މީހުންގެ ހަށިގަނޑުގެ ބައިތައް ކަމަށް އޭނާ ބުންޏެވެ.

މިސްކިތަށް ދިން ހަމަލާގެ ޒިންމާ ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލައިފަ އެވެ. އަފްޣާނިސްތާނުގެ ޝިއައީ ކޮމިއުނިޓީ އަށް މީގެ ކުރިން ވެސް ވަނީ ހަމަލާތައް ދީފަ އެވެ. މި ހަމަލާތަކުގެ ފަހަތުގައި ވަނީ ސުންނީ މުސްލިމް ޖަމާއަތްތަކެވެ.

އަފްޣާނިސްތާނުުގައި ވޭތުވެދިޔަ 40 އަހަރު ރަނގަޅަށް ބޯހިމަނައިގެން ހިސާބުތައް ނަގައިފައެއް ނުވެ އެވެ. ނަމަވެސް ލަފާ ކުރެވޭ ގޮތުގައި އެ ގައުމުގެ އާބާދީގެ 20 ޕަސެންޓަކީ ޝިއައީންނެވެ. ބާކީ ތިބީ ސުންނީ ދަރިކޮޅުގެ މުސްލިމުންނެވެ.