Roadha Mihaaru
ފުވައްމުލަކު ފަރަށް އެރި ބޯޓުން ތެޔޮ ލީކުވަނީ

ފުވައްމުލަކު ފަރަށް އެރި ބޯޓުން ތެޔޮ ލީކުވަނީ، ކަންބޮޑުވުން އިންތިހާގައި!

12 ސެޕްޓެމްބަރ 2016

މީގެ މަހެއްހާ ދުވަސްކުރިން ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގުބޯޓު ފުން ނުކުރެވި އޮވެ، އެންމެ ފަހުން ބޯޓުން ތެޔޮ ލީކުވާން ފަށައިފި އެވެ. ބޯޓު ފުން ނުކުރެވި އެ ސަރަހައްދު ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދަނިކޮށް ތެޔޮ ލީކުވާތީ ރައްޔިތުން އަންނަނީ އަތޮޅު ކައުންސިލްގައި ކަންބޮޑުވުންފާޅުކުރަމުންނެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މީގެ މަހެއްހާ ދުވަސްކުރިން ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގުބޯޓު ފުން ނުކުރެވި އޮވެ، އެންމެ ފަހުން ބޯޓުން ތެޔޮ ލީކުވާން ފަށައިފި އެވެ. ބޯޓު ފުން ނުކުރެވި އެ ސަރަހައްދު ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދަނިކޮށް ތެޔޮ ލީކުވާތީ ރައްޔިތުން އަންނަނީ އަތޮޅު ކައުންސިލްގައި ކަންބޮޑުވުންފާޅުކުރަމުންނެވެ.

އަތޮޅު ކައުންސިލް މެމްބަރު ހުސެއިން ޝާފީ އިބްރާހިމް މިއަދު ވިދާޅުވީ ބޯޓުން ތެޔޮ ލީކުވަނީ އިއްޔެ އިން ފެށިގެން ކަމަށެވެ. ބޮޑު ސަރަހައްދަކަށް ތެޔޮ ފެތުރެމުންދާ ކަމަށާއި އެއީ ރައްޔިތުންނާއި ކައުންސިލްގެ ވެސް ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޯޓު ފުން ނުކުރެވޭތީ ވެސް އެހާ ޝަކުވާ ލިބޭ. އާގު ބޯޓު ނުނެގި ހޭދަވާ ކޮންމެ ދުވަހަކު ވެސް އެ ސަރަހައްދުގެ ފަރަށް ގެއްލުން ލިބޭނެ. އެ ސަރަހައްދުގައި އޮންނަ ޑައިވިން ޕޮއިންޓަށް ވެސް އެކަމުގެ އަސަރުކުރާނެ،" ޝާފީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑައިވިން ޕޮއިންޓުގައި އުޅޭ މިޔަރާއި އެ ނޫން ވެސް ބާވަތްތައް އެ ސަރަހައްދުން ދުރަށް ހިނގައިދާނެ ކަމުގެ ބިރު ވެސް މިހާރު އެބައޮތެވެ. ބޯޓާ ގުޅިގެން ހުރި ކަންބޮޑުވުންތައް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އާ ވެސް ހިއްސާކުރަމުން އަންނަ ކަމަށް ޝާފީ ވިދާޅުވި އެވެ.

ފުވައްމުލަކު ފަރަށް އެރި ބޯޓު. އެ ބޯޓު ފުން ނުކުރެވިގެން ގިނަ އަދަދެއްގެ ހިލަ ވަނީ މޫދަށް އުކާފައި. - ފޮޓޯ: ފުވައްމުލައް ކައުންސިލް

ފުވައްމުލަކު ފަރަށް އެރި ބޯޓު. އެ ބޯޓު ފުން ނުކުރެވިގެން ގިނަ އަދަދެއްގެ ހިލަ ވަނީ މޫދަށް އުކާފައި. - ފޮޓޯ: ފުވައްމުލައް ކައުންސިލް

ފެނާއި ނަރުދަމާގެ ނިޒާމަށް ބޭނުންވާ ސާމާނު ހިފައިގެން ދިޔަ "އެމްވީ އެންޖީއޯސީ ސަން" ބޯޓުގައި 5700 ޖަމްބޯ ބޭގްގެ ހިލަ އާއި ހިލަވެލި ހުއްޓެވެ. އޭގައި ހުރި ދެބައިކުޅަ އެއްބައި ހިލަ ފަރުމައްޗަށް އުކައިގެން ވެސް ބޯޓު ފުން ކުރެވޭ ވަރެއް ނުވި އެވެ. އެހެންވެ ބޯޓު ފުންކުރާ މީހުންގެ ވިސްނުން ހުރީ ހުރިހާ ހިލައެއް އުކާލުމަށެވެ.

ހިލަ އާއި ހިލަވެލި ހުރި ބޯޓު ފުން ކުރުމުގެ މަސައްކަތުގައި އުޅެނީ ސިންގަޕޫރުގެ ސެލްވޭޖް ކުންފުންޏެވެ. ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރަަން ސަރުކާރުން ހަވާލުކުރީ ސްރީ ލަންކާގެ ސިއެރާ ކުންފުންޏާ އެވެ.

ބޯޓު ފުން ކުރުމުގެ މަސައްކަތުގައި އުޅޭ މީހުން ބުނާ ގޮތުގައި މިހާރު ބޯޓުގައި ހުންނާނީ ގާތްގަނޑަކަށް 1500 ޓަނުގެ ހިލަ (1500 ޖަމްބޯ ބޭގް) އެވެ.

ބޯޓު ފުންކުރުމުގެ މަސައްކަތް ހުއްޓާލީ އޭގައި ހުރި ދެބައިކުޅަ އެއްބައި މުދާ އުކާލުމަށްފަހު، ޓަގު ބޭނުންކޮށްގެން ބޯޓު ހިފާލި ވަގުތު ބޯޓަށާއި ފަރަށް އިތުރު ގެއްލުމެއް ލިބިދާނެ ކަމަށް ފެނުމުންނެވެ. ބޯޓު ފުން ކުރުމުގެ މަސައްކަތުގައި އުޅޭ މީހުން ބުނި ގޮތުގައި ބޯޓު އޮތީ ގާތްގަނޑަކަށް ފަރުމަތީގަ އެވެ. އަދި ބޯޓު ފަރަށް އެރި ދިމާލަކީ ބޮޑެތި ބާނިތައް އުފެދޭ ދިމާލަކަށް ވުމުން ދޭތެރެ ދޭތެރެއިން ބޯޓަށް ބޮޑެތި ރާޅު ބިންދަމުންދާ ކަމަށް ވެސް އެމީހުން ބުންޏެވެ. އިންޑިއާގެ ޓުޓިކޮރިން އިން ރާއްޖެ އަށް މުދާ ބަރުކޮށްގެން މާލެ ބަނދަރަށް ވަދެ، ކްލިއަރެންސް ހޯދުމަށް ފަހު ފުވައްމުލަކަށް މުދާ ބާލަން އުޅެނިކޮށް ފަރަށް އެރި ބޯޓު ފުން ކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ދިން 15 ދުވަހުގެ މުއްދަތުގައި އެކަން ނުވެގެން އަލުން ވަނީ އިތުރު ދެ ހަފުތާ ދީފަ އެވެ. ފަރަށް އެރި ބޯޓު ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ބެލެވޭއިރު، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނި ގޮތުގައި ބޯޓުގައި ހުރި ހިލަ އާއި ހިލަވެލިތައް މޫދަށް އުކާލަން ހުއްދަ ދިނީ ބޯޓު ފުން ކުރެވޭނެ އިތުރު ގޮތެއް ނެތިގެންނެވެ.