Roadha Mihaaru
ދިރާސާތައް ބެލިއިރު ފުވައްމުލަކު ފަރަށް ބޮޑު ގެއްލުމެއް

ދިރާސާތައް ދެއްކީ ފުވައްމުލަކު ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް

26 ސެޕްޓެމްބަރ 2016

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓުގެ ސަބަބުން ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓުގެ ސަބަބުން ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ފަރަށް ލިބުނު ގެއްލުން ބަލަން ސާވޭ ކުރިއިރު، ފަރުގެ ބޮޑު ސަރަހައްދަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ މަހުގެ 13 ގައި ފަރަށް އެރި ބޯޓުގެ ސަބަބުން ފުވައްމުލަކު ފަރަށް ލިބުނު މާބޮޑު ތަފްސީލެއް އޭނާ ވިދާޅެއް ނުވެ އެވެ.

"ސާވޭ ނިމިފައި ވަނީ، ރިޕޯޓާއި ބަދަލު ދޭން ޖެހޭ އަދަދު ރަސްމީކޮށް ހާމަކުރާނަން،" އޭނާ ވިދާޅުވި އެވެ.

ދިގުމިނުގައި 102.79 މީޓަރު، ފުޅާމިނުގައި 17 މީޓަރު ހުރި ބޯޓު ފަރަށް އެރުމާ ގުޅިގެން އީޕީއޭގެ އިތުރުން ބޯޓު ފުން ކުރުމުގައި މަސައްކަތް ކުރި ސިންގަޕޫރުގެ ސެލްވޭޖް ކުންފުނިން ވެސް ދިރާސާތަކެއް ކުރި އެވެ.

ނައީމް ވިދާޅުވި ގޮތުގައި ދިރާސާތައް ނިމުނުއިރު، ދެ ފަރާތުން ވެސް ބަދަލު ދޭން ޖެހޭ އަދަދެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި މަޝްވަރާ ކުރުމަށްފަހު، ވީހާ ވެސް އަވަހަށް އެ އަދަދު މީޑިއާތަކާ ހިއްސާ ކުރާނެ ކަމަށް ވެސް ނައީމް ވިދާޅުވި އެވެ. އުޅަނދުތައް ފަރަށް އަރައިގެން ލިބޭ ގެއްލުންތަކާ ގުޅިގެން މީގެ ކުރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައިވެ އެވެ.

"ބަދަލު ދޭން ޖެހޭ އަދަދު ކަނޑައެޅުމަށް ފަހު ދެކޮޅުން ވެސް ވަނީ ހުށަހަޅާފައި. ގާތް ކުރާ އަދަދެއް އުޅެނީ. އެކަމާ މަޝްވަރާކޮށްފައި އެއްޗެއް ހާމަކުރާނަން،" ނައީމް ވިދާޅުވި އެވެ.

"އެމްވީ އެންޖީއޯސީ ސަން" ފުވައްމަލަކަށް ދިޔައީ ފެނާއި ނަރުދަމާގެ ނިޒާމްގެ މަސައްކަތް ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ސިއެރާ ކުންފުނީގެ އޯޑަރަށް ގެނައި މުދާ ހުސްކުރާށެވެ. އެ ބޯޓު ފުން ކުރީ ފަރަށް އެރިތާ އެއް މަސް ފަހުން މިދިޔަ މަހުގެ 15 ގަ އެވެ.

މީގެ މަހަކަށްވުރެ ކުރިން، ފަރަށް އެރި ބޯޓު ފުންކުރީ ބޯޓުގައި ހުރި 5700 ޓަނުގެ ހިލަ އާއި ހިލަވެލީގެ ތެރެއިން 5000 އެއްހާ ޓަނުގެ އެއްޗެހި މޫދަށް އުކާލައި، ބޯޓު ލުއިކުރުމަށް ފަހު ދެ ޓަގު ބޭނުންކޮށްގެންނެވެ. އާގު ބޯޓުގެ ދެ ތިން ތަނެއް ފޫގޮސް، ކޮންމެވެސް ވަރަކަށް ބޯޓު ދިޔަވަމުން އަންނާތީ ޕަމްޕް ޖައްސާފައި ހުރި ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.

ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމަށް ބޭނުންވާ ސާމާނު ހިފައިގެން ދިޔަ "އެމްވީ އެންޖީއޯސީ ސަން" ބޯޓުގައި ހުރި ހިލަ އާއި ހިލަވެލިތައް މޫދަށް އުކާލަން އީޕީއޭއިން ހުއްދަ ދިނީ އެ ނޫން ގޮތަކަށް ބޯޓު ފުންކުރެވޭނެ ގޮތެއް ނެތުމުން ކަމަށްވެ އެވެ. ބޯޓު އެގޮތަށް ފަރުމަތީ އޮވެއްޖެ ނަމަ ތިމާވެއްޓަށް މާ ބޮޑު ގެއްލުންތަކެއް ލިބިދާނެ ކަމަށް އީޕީއޭ އިން ދެކެ އެވެ.