Roadha Mihaaru
ޗެލްސީ ފަސޭހަކޮށް ނުނަގާނަން: ކްލޮޕް

ޗެލްސީ ފަސޭހަކޮށް ނުނަގާނަން: ކްލޮޕް

14 އޯގަސްޓް 2019

އިސްޓަންބުލް، ތުރުކީ (އޮގަސްޓް 14) - ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން މިރޭ މިިދިޔަ އަހަރުގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަން ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަކޮށް ނުނަގާނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އިސްޓަންބުލް، ތުރުކީ (އޮގަސްޓް 14) - ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން މިރޭ މިިދިޔަ އަހަރުގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަން ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަކޮށް ނުނަގާނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ޗެލްސީގެ ކޯޗުކަމާ މި ސީޒަނުގައި ހަވާލުވި ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ޗެލްސީ ވަނީ މިދިޔަ އާދިއްތަ ދުވަހު 4-0 އިން މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެފަ އެވެ. ޗެލްސީން ޔޫރޮޕާ ލީގު ކާމިޔާބުކުރި ޓީމުގެ މުހިއްމު ކުޅުންތެރިޔާ އެޑެން ހަޒާޑާއި ޓީމުގެ އޭރުގެ ކޯޗު މައުރީޒިއޯ ސާރީ ނެތަސް ކްލޮޕްގެ ނަޒަރުގައި އެ ޓީމު ވަރުގަދަ އެވެ.

"އެ މެޗު (ޔުނައިޓެޑާއި ޗެލްސީ މެޗު)ގެ ނަތީޖާ އަށް ބަލައިގެން ގޮތް ނިންމަން ބޭނުމެއް ނޫން. ހަގީގަތުގައި ޗެލްސީން ވަރަށް ރަނގަޅަށް އެ މެޗުގައި ކުޅުނު. ހަނދާނުން ފޮހެލައިގެން ނުވާނެ އަނެއް ކަމަކީ ލަމްޕާޑް ވަނީ މިދިޔަ ސީޒަނުގައި ޑާބީ ގޮވައިގެން ވެސް ފުރިހަމަ މަސައްކަތެއް ކޮށްފައި. ލަމްޕާޑަށްޓަކައި ޗެލްސީ ސަޕޯޓަރުންނާ ކުޅުންތެރިން މަސައްކަތްކުރާނެ. މިއީ ކޯޗަކަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ބުންޏެވެ.

މިދިޔަ ޖޫން މަހު ޓޮޓެންހަމް ބަލިކޮށް ލިވަޕޫލުން ހަ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލިއިރު ކްލޮޕް ވަނީ ކާމިޔާބީ އިތުރުކުރުމަކީ ވެސް ފަސޭހަކަމެއް ނޫން ކަމަށް ބުނެފަ އެވެ. ލިވަޕޫލަށް މި ސީޒަނަށް ތައްޔާރުވުމުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ޕްރީ ސީޒަނުގެ ބޮޑުބައިގައި މުހިއްމު ކުޅުންތެރިން ނުލައި ކުރިއަށްދާން ޖެހުމެވެ.

"އަހަރެމެންގެ ޓޮޕް ލެވެލަށް ދާން ހުރަސްތަކެއް އެބަހުރި. އެކަމަކު ކުރިމަތީގައި މިއޮތީ ތަށްޓެއްގައި އަނެއްކާ ވެސް އަތްލުމުގެ ފުރުސަތު. ބޭނުން ހިފަން ކޮންމެހެން ވެސް ބޭނުން،" ކްލޮޕް ބުންޏެވެ.

ލިވަޕޫލްގެ އެއް ނަމްބަރު ގޯލްކީޕަރު އެލިސަން ބެކާ ފަޔަށް ލިބުނު އަނިޔާއިން ރަނގަޅުވާން މަހެއްހާ ދުވަސް ނަގާއިރު ކްލޮޕް ވަނީ މިހާރު ހުރި ސްޕެއިނުގެ ކީޕަރު އެޑްރިއަން އަށް ޓީމުގެ އިތުބާރުގައި ތަފާުތު ދެއްކޭނެ ކަމަށް ބުނެފަ އެވެ. އަދި މިރޭގެ މެޗުގައި ސަޑިއޯ މާނޭ ފުރަތަމަ އެގާރައިގައި ކުޅޭނެ އެވެ.

ޗެލްސީގެ ކޯޗު ލަމްޕާޑް ބުނީ ޔުނައިޓެޑް މެޗުގައި ހެދުނު ގޯސްތަކުން ފިލާވަޅު ނުހޯދައިފިނަމަ މިއީ ވެސް އުނދަގޫ ހާލަތެއް ކުރިމަތިވާނެ މެޗެއް ކަމަށެވެ. އެކަމަކު ކުރީ މެޗަށް ވުރެ ރަނގަޅަށް މި މެޗަށް ތައްޔާރުވެވުނު ކަމަށް ގަބޫލުކުރާ ކަމަށާއި ތަށްޓެއް ހޯދުމުގެ ފުރުސަތު ނަގައިލަން ބޭނުމެއްނުވާ ކަމަށް ލަމްޕާޑް ބުންޏެވެ.

މިރޭގެ މެޗުގެ ރެފްރީ އަކީ ފްރާންސްގެ އަންހެން ރެފްރީ ސްޓެފަނީ ފްރަޕާޓް އެވެ. މިއީ ޔުއެފާގެ ފިރިހެނުންގެ ފުޓްބޯޅައިގެ ވަރުގަދަ މެޗެއްގައި އަންހެން ރެފްރީއެއް އިންސާފުކުރާނެ ފުރަތަމަ މެޗެވެ. ކްލޮޕާއި ލަމްޕާޑް ވަނީ ޔުއެފާ އިން މި މެޗަށް އަންހެން ރެފްރީއެއް ނެގި ނަމަވެސް ޝަކުވާނުކުރާނެ ކަމަށާއި މިއީ މަރުހަބާ ކިޔަންޖެހޭ ނިންމުމެއް ކަމަށް ބުނެފަ އެވެ.

ޗެލްސީ އާއި ލިވަޕޫލް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ޖަހާއިރު އެވެ.