Roadha Mihaaru
އަހަންނަކީ ސާރީގެ ސަޕޯޓަރެއް: ކްލޮޕް

އަހަންނަކީ ސާރީގެ ސަޕޯޓަރެއް: ކްލޮޕް

26 ސެޕްޓެމްބަރ 2018

ލިވަޕޫލް (ސެޕްޓެމްބަރު 26) - އޭނާ އަކީ ޗެލްސީއާ ގަޔާވާ މީހެއް ނޫން ކަމަށާއި އެކަމަކު އޭނާ އަކީ އެ ޓީމުގެ ކޯޗު މައުރީޒިއޯ ސާރީގެ ސަޕޯޓަރެއް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލިވަޕޫލް (ސެޕްޓެމްބަރު 26) - އޭނާ އަކީ ޗެލްސީއާ ގަޔާވާ މީހެއް ނޫން ކަމަށާއި އެކަމަކު އޭނާ އަކީ އެ ޓީމުގެ ކޯޗު މައުރީޒިއޯ ސާރީގެ ސަޕޯޓަރެއް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

އިނގިރޭސި ލީގު ކަޕްގައި މިރޭ ލިވަޕޫލް ނުކުންނާނީ އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށެވެ. އަދި އަންނަ ހޮނިހިރު ދުވަހު ރަށުންބޭރުގައި ޗެލްސީއާ ދެކޮޅަށް ލިވަޕޫލް ކުޅޭނެ އެވެ. މި ދެ މެޗަށް މި ދެ ޓީމުން ވެސް ގިނަ ބަދަލުތަކެއް ގެންނާނެ ކަމަށް ދެ ޓީމުން ވެސް ވަނީ ބުނެފަ އެވެ.

ނަޕޯލީގައި ކާމިޔާބު މަސައްކަތްތަކެއްކޮށް މި ސީޒަނުގައި ޗެލްސީއާ ހަވާލުވެ ސާރީ އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ކްލޮޕް ބުނީ ސާރީ އަކީ ވަރަށް މޮޅު ކޯޗެއް ކަމަށާއި އޭނާ އަކީ ކުޅުމުގެ ތަފާތު ސްޓައިލެއް ގެންގުޅޭ ކޯޗެއް ކަަމަށެވެ.

"އަހަރެން ވަރަށް ޝައުގުވެރިވި ނަޕޯލީގައި ސާރީ މަސައްކަތަށް. ވަރަށް ރަނގަޅަށް އޭނާ އެ ޓީމު ގެންގުޅުނު. ކާމިޔާބު ނުލިބުމަކީ އެހެންކަމެއް. އެކަމަކު ނަޕޯލީގެ ސަޕޯޓަރުން ބޭނުންވާ ތަފާތު އެ ކްލަބުން ދެއްކި. އަހަންނަކީ ސާރީ މިހާރު ހުރި ކްލަބްގެ ސަޕޯޓަރަކަށް ނުވިޔަސް އަހަންނަކީ އޭނާގެ ސަޕޯޓަރެއް،" ކްލޮޕް ބުންޏެވެ.

ލީގު ކަޕްގައި މިރޭ ކުޅޭ މެޗަށް ލިވަޕޫލުން ބަދަލުތަކެއް ގެންނާނެ ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ. މިރޭގެ މެޗުގައި ލިވަޕޫލްގެ ގޯލު ބަލަހައްޓާނީ ދެ ވަނަ ކީޕަރު ސިމޮން މިންޔޮލޭ އެވެ. ކްލޮޕް ބުނީ ދެން ޓީމަށް ގެންނާނެ ބަދަލުތަކުގެ ވާހަކަ ނުދައްކާނެ ކަމަށެވެ.

"ބަދަލުތަކެއް ގެންނާނަން. އެކަމަކު އެއީ މި މުބާރާތަށް އިހުތިރާމް ނުކުރާތީއެއް ނޫން. މިއީ ދިގު ސީޒަނެއް ހުރިހާ ކުޅުންތެރިން ފިޓްކޮށް ބޭނުންވާ ހާލަތްތަކަށް ރަނގަޅު ފޯމެއްގައި ބެހެއްޓުމަކީ އަހަރެންގެ ޒިންމާއެއް. އެ ހާލަތްތަކަށް ކުޅުންތެރިން ތައްޔާރުކުރަން ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ދޭން ޖެހޭ،" ކްލޮޕް ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ޗެލްސީ ވަނީ ލަނޑެއް ނުޖެހި ވެސްޓް ހޭމް ޔުނައިޓެޑާ އެއްވަރުވެފަ އެވެ. އެ ނަތީޖާއާ އެކު ޗެލްސީން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ އަށް ވަނީ ނިމުމެއް އައިސްފަ އެވެ.

އެ މެޗަށް ފަހު ޗެލްސީގެ ކޯޗު ސާރީ ބުނީ ކުރިއަށް އޮތް ލިވަޕޫލް މެޗު ކާމިޔާބުކޮށް އަލުން ރަނގަޅު ޓްރެކަށް ޓީމު ގެންނަން ބޭނުންވާ ކަމަށެވެ.

މިރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަށް ޗެލްސީން ވެސް ބަދަލުތަކެއް ގެންނާނެ ކަމަށް އެ ޓީމުގެ އެސިސްޓަންޓް ކޯޗު އަދި ކުރީގެ ކުޅުންތެރިއާ ޖިއަންފްރަންކޯ ޒޯލާ ވަނީ ބުނެފަ އެވެ.

ޗެލްސީ އާއި ލިވަޕޫލް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަނޑިން 11:45 ގަ އެވެ.