Roadha Mihaaru
އައިފޯން ހެކްކުރި ބަޔަކު ހޯދަން ދައުވާކޮށްފި

އައިފޯން ހެކްކުރި މީހުންގެ މައުލޫމާތު ހޯދަން އެފްބީއައިއާ ދެކޮޅަށް ދައުވާކޮށްފި

19 ސެޕްޓެމްބަރ 2016

އައިފޯން ހެކް ކުރުމަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ހޯދީ ކޮން ބައެއްގެ އެހީއެއްތޯ އާއި ފޯނު ހެކްކޮށްދިން މީހުންނަށް ޚަރަދުކުރީ ކިހާ ފައިސާއެއްކަން ހާމަކޮށްދިނުމަށް އެދި އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އާއި އިތުރު ދެ ނިއުސް އޮގަނައިޒޭޝަނަކުން އެފްބީއައިއާ ދެކޮޅަށް ދައުވާކޮށްފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އައިފޯން ހެކް ކުރުމަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ހޯދީ ކޮން ބައެއްގެ އެހީއެއްތޯ އާއި ފޯނު ހެކްކޮށްދިން މީހުންނަށް ޚަރަދުކުރީ ކިހާ ފައިސާއެއްކަން ހާމަކޮށްދިނުމަށް އެދި އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އާއި އިތުރު ދެ ނިއުސް އޮގަނައިޒޭޝަނަކުން އެފްބީއައިއާ ދެކޮޅަށް ދައުވާކޮށްފި އެވެ.

އެފްބީއައިއާ ދެކޮޅަށް ދައުވާކޮށްފައި ވަނީ އޭޕީގެ އިތުރުން، ޔޫއެސްއޭ ޓުޑޭގެ ޕޭރެންޓް ކުންފުންޏެއް ކަމަށްވާ ގެނެޓް އާއި ވައިސް މީޑިއާ އެލްއެލްސީ ގުޅިގެންނެވެ.

ދައުވާގައި އެދިފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެމެރިކާގައި ބަޑިން ހަމަލާދީ 14 މީހަކު މަރާލި ސައީދު ރިޒްވާން ފާރޫގުގެ އައިފޯން ހުޅުވަން އެފްބީއައި އިން ކުރި މަސައްކަތް ނާކާމިޔާބުވެ، ފޯނު ހުޅުވޭނެ ގޮތެއް ހަދަން އެޕަލްއާ ދެކޮޅަށް ދައުލަތުން ކުރި ދައުވާ ހުއްޓާލުމަށް ފަހު އެހީ ހޯދީ ކޮން ބައެއްގެ ފަރާތުންކަން ހާމަކޮށްދިނުމަށެވެ. އަދި ފޯނު ހެކްކޮށް ހުޅުވައިދިން ބަޔަކާ ދެމެދު ހިންގާފައިވާ ސިއްރު މުއާމަލާތްތައް ހާމަކޮށް އެކަމަށް ހޭދަކުރި ފައިސާގެ އަދަދު ބުނެދިނުމަށް ވެސް އެދިފައިވެ އެވެ.

"ފޯން ހެކްކުރާ ޓޫލްއެއް ހޯދުމަށް އެފްބީއައި އިން ޚަރަދުކުރީ އެކަށީގެންވާ އަދަދެއްގެ ފައިސާއެއްތޯ އާއި އެ މުއާމަލާތް ހިންގާފައި ވަނީ ރަނގަޅު ބަޔަކާ އެކުގައިތޯ ރައްޔިތުންނަށް އެނގެން ޖެހޭނެ" ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

މީގެ ކުރިން ވެސް މީޑިއާ އިން ވަނީ މިކަމާ ބެހޭ މައުލޫމާތު ހޯދަން އެފްބީއައިގައި އެދިފަ އެވެ. އެކަމަކު އެތަނުން ބުނެފައި ވަނީ މިފަދަ މައުލޫމާތު ހާމަކުރުމުން ތަހުގީގުތަކަށް ހުރަސް އެޅިދާނެ ކަމަށެވެ. އިތުރަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

އެތައް ބަޔަކު މަރާލި މީހެއްގެ ފޯނު ހުޅުވުމަކީ އެޕަލް އިން އެންމެންގެ ސަލާމަތަށްޓަކައި ވެސް ކޮށްދޭންޖެހޭނެ ކަމެއްގެ ގޮތުގައި އެފްބީއައި އިން ކުރިން ކޯޓުގައި ބުނެފައިވެ އެވެ. ނަމަވެސް އެޕަލް އިން އެކަމާ ދެކޮޅު ހަދައި ބޮޑު މައްސަލައަކަށް ވެފައި ވަނިކޮށް އެފްބީއައި އިން ދައުވާ ދޫކޮށްލީ ފޯނު ހުޅުވޭ ގޮތް ވުމުންނެވެ. އެފްބީއައި އިން ފަހުން ބުނެފައި ވަނީ އައިފޯނު ހުޅުވޭ ޓޫލްއެއް ގަނެފައިވާ ކަމަށެވެ.

މީޑިއާ އިދާރާތަކަކުން ކުރާ ދައުވާތަކުގައި ބުނެފައި ވަނީ އެފްބީއައި އިން ހިންގި މި މުއާމަލާތުގެ މައުލޫމާތު ސިއްރުކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.