28 އޯގަސްޓް 2019
ކުށްކުރާ ކުޑަކުދިންގެ މައްސަލަތައް ކުރިންސުރެ ބަލަމުން ދިޔައީ ބޮޑެތި މީހުންނާ ވަކިން އަދި އަދުލުގެ ތަފާތު ނިޒާމެއްގެ ތެރެއިންނެވެ. ކުށްކުރާ ކުޑަކުދިންނަށް ދައުވާ ކުރުމުގެ ބަދަލުގައި ވީހާ ވެސް ބޮޑަށް އިސްލާހީ ޕްރޮގްރާމްތަކުގައި ބައިވެރިކުރުވައިގެން މުޖްތަމައަށް އަނބުރާ ގެނައުމާއި ދައުވާ ކޮށްގެން ކުށް ސާބިތުވިޔަސް، ބޮޑެތި މީހުންނަށް ވުރެ ލުއި އަދަބުތަކެއް ދިނުމާއި ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބެލުމަށް ވަކި ޚާއްސަ ކޯޓެއް ހުރުމުގެ އިތުރުން ޝަރީއަތް ހިންގުމުގައި ތަފާތު އުސޫލުތަކެއް ވެސް ގެންގުޅުނެވެ.
ކުށްކުރާ ކުޑަކުދިންގެ މައްސަލަތައް ކުރިންސުރެ ބަލަމުން ދިޔައީ ބޮޑެތި މީހުންނާ ވަކިން އަދި އަދުލުގެ ތަފާތު ނިޒާމެއްގެ ތެރެއިންނެވެ. ކުށްކުރާ ކުޑަކުދިންނަށް ދައުވާ ކުރުމުގެ ބަދަލުގައި ވީހާ ވެސް ބޮޑަށް އިސްލާހީ ޕްރޮގްރާމްތަކުގައި ބައިވެރިކުރުވައިގެން މުޖްތަމައަށް އަނބުރާ ގެނައުމާއި ދައުވާ ކޮށްގެން ކުށް ސާބިތުވިޔަސް، ބޮޑެތި މީހުންނަށް ވުރެ ލުއި އަދަބުތަކެއް ދިނުމާއި ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބެލުމަށް ވަކި ޚާއްސަ ކޯޓެއް ހުރުމުގެ އިތުރުން ޝަރީއަތް ހިންގުމުގައި ތަފާތު އުސޫލުތަކެއް ވެސް ގެންގުޅުނެވެ.
މީގެ 27 ވަރަކަށް އަހަރު ކުރިން ފެށިގެން އަމަލު ކުރަމުން އަންނަ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން އެކި މުއައްސަސާތަކުން އެކުލަވާލާފައިވާ ގަވާއިދުތަކެއްގެ ތެރެއިން ކުޑަކުދިންގެ އަދުލުގެ ނިޒާމު ހިންގަމުން އައުމަށް ފަހު ސަރުކާރުން މިހާރު ވަނީ ކުޑަކުދިންގެ އަދުލުގެ ގާނޫނެއް ހަދަން ބިލެއް ހުށަހަޅައިފަ އެވެ. އެއީ ކުށްކުރާ ނުވަތަ ކުށުގެ ވެށީގައި އުޅޭ ކުޑަކުދިންނަށް ފިޔަވަޅު އަޅައި، އަނބުރާ މުޖްތަމައުއަށް ގެނައުމުގެ އުސޫލުތައް ކަނޑައަޅާ ބިލެކެވެ.
އެ ބިލުގައި ކުށްކުރާ ކުދިން ނުވަތަ ކުށުގެ ވެށީގައި އުޅޭ ކުދިންނާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އޮންނަނީ ދެ ބަޔަކަށް ބަހާލައިފަ އެވެ. އެއް ބަޔަކީ ޖިނާއީ ކުށުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރު ހަމަނުވާ ކުދިންނެވެ. އެ ކުދިން އަނބުރާ މުޖްތަމައަށް ގެނައުމުގެ ޕްރޮގްރާމްތައް ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން އެ ބިލުން އޮންނަނީ ސަރުކާރަށް ދޫކޮށްލައިފަ އެވެ. ދެވަނަ ބަޔަކީ ކުށުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރުގެ ކުދިންގެ ތެރެއިން ކުށްކުރާ ކުދިންނާ މެދު އަމަލު ކުރަން ޖެހޭ އުސޫލުތަކެވެ. އެ އުސޫލު އޮންނަނީ އެ ބިލުގައި ބަޔާންކޮށްފަ އެވެ.
ބިލް އޮތް ގޮތުން ޖިނާއީ އިޖްރާއާތުގެ ހުރިހާ މަރުހަލާއެއްގައި ވެސް ކުށުގެ ތުހުމަތުކުރެވޭ ކުޑަކުދިންނާ މެދު ޚާއްސަ އުސޫލުތަކެއް ގެންގުޅެން ޖެހެ އެވެ. އެފަދަ މައްސަލަތައް ތަހުގީގުކުރާ ފުލުހުންނާއި ދައުވާކުރާ މަރުހަލާގައި ހަރަކާތްތެރިވާ ޕްރޮސެކިއުޓަރުންގެ އިތުރުން މައްސަލަ ބަލާ ފަނޑިޔާރުންނަކީ ވެސް އެކަމަށް ޚާއްސަ ތަމްރީނުތަކެއް ލިބިފައިވާ ބަޔަކަށް ވާން އެ ބިލް ލާޒިމް ކުރެ އެވެ. އަދި ކުޑަކުދިން ބަންދުގައި ބައިތިއްބާއިރު އާއި ޕްރޮބޭޝަންގައި ނުވަތަ ޕެރޯލް ދީފައިވާ މުއްދަތުގައި އެ ކުދިން މޮނީޓާ ކުރުމުގައި ވެސް ހަރަކާތްތެރިވާން ޖެހޭނީ ކަރެކްޝަނަލް ސާވިސްގައި އެކަމަށް ޚާއްސަ ޔުނިޓަކުން ކަމަށް ބިލުގައިވެ އެވެ.
ތަހުގީގު ކުރުމާއި ދައުވާ އުފުލުމުގެ އިތުރުން ޝަރީއަތް ކުރުމާއި ކުށް ސާބިތުވެގެން އަދަބު ދޭ ހާލަތުގަ އާއި ހައްޔަރުކުރުމާއި ބަންދު ކުރުމުގައި ވެސް ޚާއްސަ އިޖްރާއާތުތަކެއް ފުރިހަމަ ކުރަން ބިލް ލާޒިމްކުރެ އެވެ. އެގޮތުން ޖިނާއީ ކުށުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރުގެ ކުއްޖަކަށް ކުށެއްގެ ތުހުމަތު ކުރެވޭ މަރުހަލާގައި އެންމެ ފުރަތަމަ އެ ކުއްޖާގެ ރިސްކް އެސެސްމެންޓެއް ހެދުމާއި އެ ކުއްޖާއާ މެދު ދެން އަމަލު ކުރާނެ ގޮތެއް ކަނޑައަޅަން ޖެހެނީ އެސެސްމަންޓް ރިޕޯޓުގެ ނަތީޖާއަށް ބަލައިިގެންނެވެ.
ތުހުމަތު ކުރެވެނީ ކުޑަ އަދަބެއް ކަނޑައެޅޭ ކުށެއްގައި ކަމަށް ވެފައި އަދި ކުށް ތަކުރާރު ކޮށްފާނެ ކަމަށް ނުވަތަ އިތުރަށް ކުށަށް އަރައިގެންފައިވާނެ ކަމަށް ނުބެލެވޭ ނަމަ، އެއްވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލަން ލާޒިމްވެ އެވެ. އެކަމަކު އެފަދަ ކުށެއް ތަކުރާރުކޮށްފާނެ ކަމަށް ބެލެވޭ ނަމަ، ދޫކޮށްލަން ޖެހެނީ ނަސޭހަތް ނުވަތަ އިންޒާރު ދިނުމަށް ފަހު އެވެ.
އެ މަރުހަލާއަށް ފަހު ކުއްޖާގެ މައްޗަށް ތަހުގީގު ހިންގިޔަސް، ތަހުގީގު މަރުހަލާގައި ވެސް އިތުރު ފުރުސަތުތަކެއް އެ ބިލް މިހާރު އޮތް ގޮތުން އެ ކުއްޖާއަށް ދެވިދާނެ އެވެ. އެއީ އެ ބިލްގެ ދަށުން އުފެދޭ ޑައިވާޝަންގެ ނިޒާމުގެ ދަށުންނެވެ. އެ ނިޒާމުގެ ދަށުން މައާފަށް އެދެން އެންގުމާއި ފައިސާގެ ބަދަލެއް އަނިޔާ ލިބުނު ފަރާތަށް ދައްކަން އެންގުމާއި ޖޫރިމަނާއެއް ކުރުން ނުވަތަ ކުއްޖާ އުޅޭނޫޅޭ ގޮތް ބެލުމަށްޓަކައި ޕްރޮބޭޝަން އޮފިސަރަކަށް ރިޕޯޓް ކުރަން އެންގުން ފަދަ ފިޔަވަޅުތައް ހިމެނެ އެވެ. ބެލެނިވެރިޔާއާ އެކު ވަކި މުއްދަތެއްގައި ވަގުތު ހޭދަކުރަން އެންގުން ނުވަތަ ރިހެބިލިޓޭޝަން ނުވަތަ މުޖްތަމައަށް ޚިދުމަތް ކުރާ ޕްރޮގްރާމެއްގައި ބައިވެރިވާން އެންގުމާއި ކަނޑައެޅޭ ވަކި ތަނަކަށް ކިޔަވަން ދާން އެންގުން ފަދަ ފިޔަވަޅުތައް ވެސް ޑައިވާޝަންގެ ތެެރެއިން އެޅިދާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް: ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ބިލް މިހާރު އޮތީ މަޖިލިހުގައި -- ފޮޓޯ/މަޖިލިސް
ޑައިވާޝަންގެ ނިޒާމަށް ޝަރުތު ހަމަވާނީ އެ ކުއްޖާ ކުށްކުރި ކަމުގެ އެކަށީގެންވާ ހެކި ލިބިފައިވުމާއި އެ ކުއްޖާ ކުށަށް އިއުތިރާފްވެފައިވާ ނަމަ އެވެ. އަދި އެ ކުއްޖާ އާއި އޭނާގެ ބެލެނިވެރިޔާ ޑައިވާޝަންގެ ޝަރުތުތަކަށް އެއްބަސްވެ އަދި އެ ޕްރޮގްރާމް ފުރިހަމަ ކޮށްފި ނަމަ، ތުހުމަތު ކުރެވޭ ކުށުގެ މައްސަލަ ނިމުމަކަށް އަންނާނެ ކަމަށް ބިލުގައިވެ އެވެ. އެކަމަކު ޑައިވާޝަންގެ ޕްރޮގްރާމް ފުރިހަމަ ނުކޮށްފި ނަމަ، އޭނާ ކުރި ކުށަށް ޖިނާއީ ދައުވާއެއް އުފުލުމުގެ ފުރުސަތު އޮންނާނެ އެވެ.
އެ ބިލް އޮތްގޮތުން ފުލުހުންގެ އިތުރުން ދައުވާ އުފުލުމުގެ މަރުހަލާގައި ޕްރޮސެކިއުޓާ ޖެނެރަލަށް ވެސް ޑައިވާޝަންގެ ނިޒާމުގެ ދަށުން ކުއްޖާއަށް އިތުރު ފުރުސަތެއް ދެވިދާނެ އެވެ. އަދި ދައުވާ އުފުލައި، ކޯޓުގައި ކުށް ސާބިތުވާ ހާލަތުގައި ވެސް ޑައިވާޝަންގެ ނިޒާމުގެ ތެރެއިން އެ ކުއްޖާއަށް ފުރުސަތުތަކެއް ދިނުމުގެ ބާރު ކޯޓަށް ވެސް އޮވެ އެވެ. އަދި ޑައިވާޝަން ނިޒާމުގެ ތެރެއަށް ނުވަންނަ ގޮތަށް އެކަމަކު ކޯޓުން ކަނޑައަޅާ އެހެން ޝަރުތުތަކެއް ފުރިހަމަ ކުރުމުން ހުކުމް ތަންފީޒު ކުރަން ނުޖެހޭ ގޮތަށް ހެދުމުގެ ބާރު ވެސް އެ ބިލް އޮތްގޮތުން ކޯޓަށް ލިބިދެ އެވެ.
މި ފާހަގަކޮށްލީ ކުށްކުރާ ކުދިންނަށް ދައުވާކޮށް އަދަބު ދިނުމުގެ ބަދަލުގައި އިސްލާހުކޮށް، މުޖްތަމައަށް އަނބުރާ ގެނައުމަށް އެ ބިލުގައި ކަނޑައެޅިފައިވާ ނިޒާމުތަކެވެ. މިއީ ހަމަގައިމު ވެސް، ކުށްކުރާ ކުދިން އިސްލާހުކޮށް، އަނބުރާ މުޖްތަމައަށް ގެނައުމަށްޓަކައި މިހާރު އޮތް ނިޒާމަށް ވުރެ ހަރުދަނާ ނިޒާމެއް ކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ. އެކަމަކު މި ބިލުގައި ވިސްނާލަން ޖެހޭ ކަންތައްތަކެއް ވެސް އެބަހުއްޓެވެ.
އެ ބިލުން އެންމެ ބޮޑު ބަދަލެއް އަންނަ އެއް ކަމަކީ ކުޑަކުދިން ޖިނާއީ ކުށުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަށެވެ. މިހާރު ރާއްޖޭގައި އޮންނަނީ އުމުރުން 10 އަހަރު ވެފައިވާ ނަމަ، އިސްލާމްދީނުގައި ހައްދު ކަނޑައެޅޭ ކުށްތަކާއި މަރާ ގުޅުންހުރި ހުރިހާ ކުށްތަކާއި މަސްތުވާތަކެތީގެ ކުށްތަކުގައި ކުޑަކުދިން ކުށުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭ ގޮތަށެވެ. އަދި އުމުރުން 15 އަހަރު ވުމަށް ފަހު ހުރިހާ ޖިނާއީ ކުށްތަކެއްގެ ޒިންމާ އުފުލަން ޖެހޭ ގޮތަށެވެ. އެކަމަކު މި ބިލުގައި އޮތީ ހުރިހާ ކުށްތަކެއްގައި ވެސް ކުށުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު 15 އަހަރަށް މަތި ކުރުމަށެވެ.
ރާއްޖޭގައި ސީރިއަސް ކުށްތަކުގައި ކުޑަކުދިން ބައިވެރި ކުރުވުން އާންމެވެ. ތޫނު ހަތިޔާރު ބޭނުން ކޮށްގެން މީހުން މެރުމާއި ނުރައްކާތެރި މާރާމާރީ އާއި މަސްތުވާތަކެތީގެ ކުށްތަކާއި އެ ނޫން ވެސް ބޮޑެތި ކުށްތަކުގައި ކުޑަކުދިން ބައިވެރި ކުރުވަނީ ފަސޭހައިން ސަލާމަތް ވެވިދާނެ ކަމުގެ ތަސައްވުރެއް އެ ކުދިންނަށް ދައްކައިގެންނެވެ. އެހެންކަމުން 15 އަހަރު ނުވާ ނަމަ ކުށުގެ ޒިންމާ އުފުލަން ނުޖެހޭ ގޮތަށް ހެދުމުން ރަނގަޅު ނަތީޖާއެއް ނުކުމެދާނެތޯ ވިސްނާލަން ޖެހެ އެވެ.
ކުޑަކުދިން ޖިނާއީ ކުށުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭނެ އުމުރުގެ ގޮތުގައި އދ. އިން ބާރުއަޅަނީ އެންމެ ދަށްވެގެން 12 އަހަރެވެ. އަދި އެއަށް ވުރެ ވެސް އުމުރު މަތިކުރުމަކީ ބައިނަލްއަގްވާމީ ގޮތުން ވެސް ބާރުއަޅާ ކަމެކެވެ. ނަމަވެސް އެކި ގައުމުތަކުގައި އުމުރު އޮންނަނީ ތަފާތުކޮށެވެ. ގިނަ ގައުމުތަކުގައި ކުށުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭ އެންމެ ދަށް އުމުރަކީ 10 އަހަރާއި 14 އަހަރާ ދެމެދެވެ. އަދި ބައެއް ގައުމުތަކުގައި ސީރިއަސް ކުށްތަކުގައި އެ އުމުރު ހަމަ ނުވިޔަސް، ކުޑަކުދިން ކުށުގެ މަސްއޫލިއްޔަތު އުފުލަން ޖެހެ އެވެ.
ކުރިއަރާފައިވާ ގައުމުތަކުގެ ތެރެއިން އެމެރިކާގެ 33 ސްޓޭޓެއްގައި ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ ދަށް އުމުރެއް ކަނޑައަޅާފައެއް ނޯވެ އެވެ. އެކަމަކު ގައުމީ ފެންވަރުގައި ކަނޑައަޅާފައިވާ އަދި ސީރިއަސް ކުށްތަކުގެ ގޮތުގައި ބަލާ ފެޑަރަލް ކުށްތަކުގައި 11 އަހަރު ވުމަށް ފަހު ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހެ އެވެ. އަވަށްޓެރި އިންޑިއާގައި ކުށުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭ އެންމެ ދަށް އުމުރަކީ ހަތް އަހަރެވެ. އެކަމަކު 12 އަހަރުން ދަށުގެ ކުއްޖަކު ކުށެއް ކުރީ އެއީ ކުށެއް ކަން އަދި އޭގެ ނަތީޖާއަކީ ކޮބައިކަން ދެނެނުގަނެވޭ ފަދަ ހާލަތެއްގައި ހުރެގެން ކަމަށް ވާ ނަމަ، އެ ކުށެއްގެ ޒިންމާ އުފުލާކަށް ނުޖެހެ އެވެ.
އިންޑިއާގައި 12 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ކުށްކުރާ ކުދިންގެ ހާލަތު ވަޒަންކޮށް، ކުށުގެ ޒިންމާ އުފުލަން ޖެހޭނެ ކަން ނުވަތަ ނޫން ކަން ނިންމަނީ އެ މައްސަލައެއްގެ ވަށައިގެންވާ ކަންކަމާއި އެ ކުއްޖެއްގެ ހާލަތަށް ބަލައިގެންނެވެ. އެހެންކަމުން އެއްވެސް އިސްތިސްނާއެއް ނެތި ރާއްޖޭގައި ހުރިހާ ކުށެއްގައި ވެސް، 15 އަހަރު ނުވާ ނަމަ ކުށުގެ މަސްއޫލިއްޔަތު އުފުލަން ނުޖެހޭ ގޮތަށް ހެދުމުން، އެ ކުދިން ބައިވެރި ކޮށްގެން ސީރިއަސް އަދި ބޮޑެތި ކުށްތައް ކުރުވަން އެދެވެނީ އިތުރު ފުރުސަތަކެއް ކަމަށް ބެލިދާނެ އެވެ.
މީގެ އިތުރުން އިސްލާމްދީނުގައި ހައްދު ކަނޑައެޅޭ ކުށްތަކާއި އިސްލާމީ ޝަރީއަތުގައި މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށެއްގެ ދައުވާ އުފުލޭ ކުއްޖެއްގެ މައްޗަށް ކުށް ސާބިތު ކުރަން ބޭނުން ކުރުމުގައި ޚާއްސަ އުސޫލެއް އެ ބިލުގައި ބަޔާން ކޮށްފައިވެ އެވެ. އެ ބިލް އޮތް ގޮތުން އެފަދަ ކުށެއް ކުޑަކުއްޖެއްގެ މައްޗަށް ސާބިތު ކުރަން ބޭނުން ކުރެވޭނެ ހަމައެކަނި ހެއްކަކީ އެ ކުއްޖާގެ އިއުތިރާފް ނުވަތަ އެ ކުށެއް ކުރި މަންޒަރު ފެނުނު މީހުންގެ ހެކިބަހެވެ. މާނައަކީ ސީދާ މަންޒަރު ނުފެނުނަސް، އެ ކުށް ކުރިކަމަށް ބާރު ދިނުމަށް ބޭނުން ކުރާ ހެއްކެއް ނުވަތަ ފޮރެންސިކް ހެއްކެއް ވެސް ޝަރީއަތަށް ގަބޫލެއް ނުކުރެވޭނެ އެވެ.
މިއީ ވެސް ވިސްނާލަން ޖެހޭ ކަމެކެވެ. މިސާލަށް މަރުގެ މައްސަލައެއްގައި ހަމައެކަނި މަންޒަރު ފެނުނު މީހުންގެ ހެކިބަހަށް ބިނާކޮށް މަރުގެ ކުށެއް ސާބިތުކުރުމަކީ ގިނަ ފަހަރަށް ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. މީހުން މެރުން ފަދަ ސީރިއަސް ކުށްތަކުގައި ކުޑަކުދިން ބައިވެރިވުން އާންމު ވަމުންދާއިރު، އެހެން ބައެއްގެ ހައްގުތަކެއް ވެސް ހިމެނޭ އެފަދަ ކުށެއް ސާބިތު ކުރުމުގައި، މި ބިލުން އިތުރު ހުރަސްތަކެއް ކުރިމަތިވެ އެވެ.
ކުށްކުރާ ކުދިން އަނބުރާ މުޖްތަމައަށް ގެންނަން ގާނޫނީ އޮނިގަނޑެއްގެ ދަށުން ހަރުދަނާ ނިޒާމްތަކެއް ގާއިމް ކުރުން މުހިންމެވެ. ކުޑަކުދިންގެ އަދުލުގެ ބިލް އޮތީ މުޅިން އާ ނިޒާމްތަކެއް އެކަމަށް ތައާރަފް ކުރުމަށެވެ. އެކަމަކު ކުޑަކުދިން ބޭނުންކޮށްގެން ސީރިއަސް އަދި ނުރައްކާތެރި ކުށްތައް ހިންގަން ވެސް، މިހާރު ބިލް އޮތް ގޮތުން ފުރުސަތު ފަހިވެ އެވެ.
ބޮޑު ކުށްތަކުގައި ކުޑަކުޑަ ކުދިން:ގާނޫނުގެ އަތް ނުފޯރާ
"ޖިންސީ އަނިޔާގެ ހެކި ނުލިބެނީ ފުލުހުން އަޅާނުލާތީ"
ޖިންސީ ގޯނާގެ މައްސަލަތަކުގެ އިންކުއަރީއެއް
ކުށުގެ ޒިންމާ 15 އަހަރުގައި، އިސްލާހުވާން ފުރުސަތެއް
ބައެއް ކުދިން އިސްލާހުވެ ނަމޫނާއަކަށް!
ދެ ކުޑަކުއްޖަކު ހޯދަން ފުލުހުން އިއުލާންކޮށްފި
ކުދިންގެ ފޮޓޯ އާންމުކުރި މައްސަލާގައި ގެއެއް ފާސްކޮށްފި
ލަންކާއާއެކު ޓްރީޓީއަކަށް ދާން މަޖިލީހުން ރުހުންދީފި
އިސްތިއުނާފް ނިމެންދެން ކުށްވެރިންނަށް ބެއިލް ދޭންވީތަ؟
ގާޒީންނާއި ފުލުހުން ތިބެނީ ކުށްވެރިންނާ ގުޅިފައި:ސަލީމް