Roadha Mihaaru
ފުޑް ކޯޓުގެ ތިން ޔުނިޓެއް ކުއްޔަށްދޭން އިއުލާންކޮށްފި

ފުޑް ކޯޓުގެ ތިން ޔުނިޓެއް ކުއްޔަށްދޭން އިއުލާންކޮށްފި

20 އޯގަސްޓް 2019

ހާބަރު ސަރަހައްދުގައި ހަދާފައިވާ ފުޑް ކޯޓުގެ ތިން ޔުނިޓެއް ކުއްޔަށް ދޭން އެސްޓީއޯ އިން އިއްޔެ އިއުލާންކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހާބަރު ސަރަހައްދުގައި ހަދާފައިވާ ފުޑް ކޯޓުގެ ތިން ޔުނިޓެއް ކުއްޔަށް ދޭން އެސްޓީއޯ އިން އިއްޔެ އިއުލާންކޮށްފި އެވެ.

އެސްޓީއޯ އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި ކުއްޔަށް ދޫކުރަން ނިންމާފައިވަނީ ފުޑް ކޯޓުގެ 26 ވަނަ ޔުނިޓާއި 22 ވަނަ ޔުނިޓުގެ އިތުރުން 10 ވަނަ ޔުނިޓެވެ. މި ޔުނިޓްތަކަށް އެދި ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 28 ވަނަ ދުވަހުގެ 2:00 ގެ ނިޔަލަށެވެ.

ފުޑް ކޯޓުގެ 26 ވަނަ ޔުނިޓާއި 10 ވަނަ ޔުނިޓުގައި 960 އަކަފޫޓު ހުންނައިރު 22 ވަނަ ޔުނިޓުގައި ހުންނަނީ 1،660 އަކަފޫޓެވެ.

ޔުނިޓްތަކަށް އެދި ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްތަކުގެ ތެރެއިިން ކޮންމެ މީހަކަށް ވެސް ބިޑް ހުށަހެޅޭނީ އެއް ޔުނިޓަށެވެ. އެސްޓީއޯ އިން ބުނީ އެއް ޔުނިޓަށް ވުރެ ގިނަ ޔުނިޓަށް އެދި ބިޑް ހުށަހަޅާ ފަރާތްތައް ޑިސްކޮލިފައި ވާނެ ކަމަށެވެ.

މި ތިން ޔުނިޓުގެ ބިޑް ސެކިއުރިޓީ އަކީ އެއް ލައްކަ ރުފިޔާ އެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަން ޖެހޭނީ ޕްރޮޕޯސަލް ހުށަހަޅާތާ 60 ދުވަހުގެ ތެރޭގަ އެވެ.

ފުޑް ކޯޓުގެ ޔުނިޓްތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބިޑް ކާމިޔާބުކުރާ ފަރާތްތަކުން ހަތް ދުވަހުގެ ތެރޭގައި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ތިން މަސް ދުވަހުގެ ކުލި އެޑްވާންސްކޮށް ދައްކަން ޖެހޭނެ އެވެ. އެއީ އަކަފޫޓެއް 53ރ. ގެ ރޭޓުންނެވެ.

ފުޑް ކޯޓުގައި ހިންގާ ރެސްޓޯރަންޓްތަކާއި ކެފޭތަކަށް ފަރުނީޗަރު ފޯރުކޮށްދޭނީ އެސްޓީއޯއިންނެވެ. އެ ޔުނިޓްތައް ހިންގާ ފަރާތްތަކުން އިތުރު ފަރުނީޗަރު ގެނައުމަކީ މަނާކަމެކެވެ.