23 އޯގަސްޓް 2019
އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިހުން ބުރަވަނީ، އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ރައުޔުއަށް ކަމަށް، އެ މަޖިލިހުގެ ނިންމުމަކުން ހާމަވެއްޖެ އެވެ.
އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިހުން ބުރަވަނީ، އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ރައުޔުއަށް ކަމަށް، އެ މަޖިލިހުގެ ނިންމުމަކުން ހާމަވެއްޖެ އެވެ.
ޖުލައި 9 ގައި ފަތުވާ މަޖިލިހުން ނިންމި ނިންމުގައި ކަނޑައަޅާފައިވާ ގޮތް މީޑިއާއަށް މި ތިލަވީ، ރާއްޖޭގެ އެންމެ މަތީ ކޯޓަށް އަންހެން ދެ ފަނޑިޔާރަކު އައްޔަންކުރަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފަޔަކަށް މިއަދު ފޮނުއްވި ފަހުންނެވެ.
ރާއްޖޭގެ ސުޕްރީމް ކޯޓުގައި ތިބޭ ފަނޑިޔާރުންގެ އަދަދު ފަހަކުން ހަތަކަށް ބަދަލުކުރުމާ އެކު އަލަށް ބެންޗަށް ލާން ޖޭއެސްސީއަށް ރައީސް ފޮނުއްވީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ނަމެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އަންހެން ފަނޑިޔާރުން އައްޔަންކުރެއްވީ މީގެ ގާތްގަނޑަކަށް ދިހަ އަހަރު ކުރިން، އޭރުގެ ރައީސް އަދި އިސްލާމީ އިލްމުގައި ދުނިޔެއިން ވެސް ފާހަގަކުރެވޭ މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. ޝުޖޫން އަކީ އެގޮތުން އެންމެ ފުރަތަމަ ފަނޑިޔާރުކަން ކުރެއްވި އަންހެން ދެ ގާޒީންގެ ތެރެއިން އެއް ބޭފުޅެވެ.
ރާއްޖޭގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެތޯ ނުވަތަ ނޫންތޯ، ފަތުވާ މަޖިލިހުން ބެލީ ސަރުކާރުން އެ މަޖިލިހުގެ ރައުޔެއް ބޭނުންވެގެން ކަމެއް ނުވަތަ އެއީ އެ މަޖިލިހުގެ މެމްބަރުންގެ އަމިއްލަ އިސްނެގުމެއް ކަމެއް އެނގޭކަށް ނެތެވެ.
އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިހުން ބުރަވީ، ނިންމުމުގައިވާ ގޮތުން، އިސްލާމީ އިލްމުވެރިންގެ މެދުގައި އޮތް ތިން ރައުޔަކަށް ބެލުމަށް ފަހު އެވެ. އެއީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި އިލްމުވެރިންގެ އިޖުމާއު އާއި އިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި ފެންނަން އޮތް ތިން ރައުޔު ކަމަށް ނިންމުމުގައިވެ އެވެ.
ފަތުވާ މަޖިލިހުން ބުނީ އެ ތިން ރައުޔުގެ ތެރެއިން އެންމެ ހަރުދަނާ ރައުޔަކީ އިލްމުވެރިންގެ ޖުމްހޫރުންގެ ރައުޔު ކަމަށެވެ. އެއީ އޭގައި ހިމެނޭ ހުއްޖަތުތަކާއި ދަލީލުތަކުގެ ވަރުގަދަ ކަމުންނާއި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ވެސް ސާބިތުވާ ރައުޔަކަށް ވާތީ ކަމަށް ބުނެފައިވެ އެވެ.
ސުންނަތް ޖަމާއަތުގެ ހަތަރު މަޒުހަބު ކަމަށް ވާ މާލިކީ، ޝާފިއީ، އަންބަލީ އަދި ހަނަފީ މަޒުހަބުގެ ގިނަ އިލްމުވެރިންނާއި ސުންނަތް ޖަމާއަތުގައި ނުހިމެނޭ ޝީއީންގެ އަލްއިމާމިއްޔާއިންނާއި، ޒައިދީންނާއި ހަވާރިޖުންގެ ތެރޭގައި ހިމެނޭ އިބާޟީންގެ ރައުޔަކީ ވެސް އެއީ ކަމަށް، ފަތުވާ މަޖިލިހުން ގަބޫލުކުރެ އެވެ.
އެ ރައުޔުގައިވާ ގޮތުން އެއްވެސް މައްސަލައެއްގައި، އެއީ މުދަލާ ގުޅޭ ކަމެއް ނަމަވެސް، ގިސާސާއި ހައްދުތައް ހިމެނޭ ދައުވާއެއް ނަމަވެސް ހުކުމް ކުރުމަށް އަންހެނަކާ ހަވާލުކުރުން ހަރާމެވެ. އަދި އެކަން ހަވާލުކުރި މީހާ އާއި ހަވާލުވި މީހާ ވެސް ފާފަވެރިވާނެ ކަމަށް އެ ރައުޔުގައި ވާ ކަމަށް، ފަތުމާ މަޖިލިހުން ބުނެ އެވެ. އޭގެ އިތުރުން އެފަދަ ހުކުމެއް ތަންފީޒު ވެސް ނުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.
ދެވަނަ ރައުޔުގައި ވާ ގޮތުން އިސްލާމް ދީނުގައި ކަނޑައަޅާފައިވާ ހައްދުތަކާއި ގިސާސް ހިފުމުގެ ގަޟިއްޔާތައް ފިޔަވައި އެހެން ހުރިހާ މައްސަލަތަކެއްގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެ އެވެ. މި ރައުޔުގެ މައިގަނޑަކީ ބަގަރާ ސޫރަތުގެ 282 އާޔަތުގައި "މާލީ ކަންކަމުގައި ފިރިހެނަކާއި ދެ އަންހެނުންގެ ހެކިބަސް ގަބޫލުކުރެވޭ" ގޮތަށް އޮތް އޮތުމެވެ.
މި ރައުޔުގައި ވާ ގޮތުން އަންހެނުންގެ ހެކިބަސް ގަބޫލުކުރެވޭ ކަންކަމުގައި އަންހެނުންނަށް ހުކުމް ކުރެވިދާނެ އެވެ.
އެކަމަކު ފަތުވާ މަޖިލިހުން ބުނަނީ އެއީ ހަނަފީ މަޒުހަބުގެ މަދު އިލްމުވެރިންގެ ރައުޔެއް ކަމަށެވެ.
ފަތުވާ މަޖިލިހުން ދެކެނީ ދެވަނަ ރައުޔަކީ ދަލީލުގެ ގޮތުން ބަލިކަށި ގަބޫލުކުރުމެއް ކަމަށެވެ. އެގޮތުން އޭގައި އިސްލާމީ ޝަރީޢަތުގައި ހިމެނޭ ހުރިހާ ބާވަތެއްގެ މައްސަލަތައް ޝާމިލްވެފައި ނުވާތީ އެ ރައުޔުގައި ބުރަދަނެއް ނެތް ކަމަށް، މަޖިލިހުގެ ނިންމުމުގައިވެ އެވެ.
ތިން ވަނަ ރައުޔުގެ މައިގަނޑަކީ އިސްތިސްނާއެއް ނެތި ހުރިހާ ބާވަތެއްގެ މައްސަލަތަކެއްގައި ވެސް އަންހެނުންނަށް ފަނޑިޔާރުކަން ކުރެވުމެވެ. އެކަމަކު އޭގައި އެއްވެސް ދަލީލެއް ނެތް ކަމަށް، ފަތުވާ މަޖިލިހުން ކަނޑައަޅާފައިވެ އެވެ. އަދި އެއީ އެ ރައުޔު ނިސްބަތްވާ އިލްމުވެރިޔާ، އަލް އިމާމުއް ތަބަރީގެ ބަސްފުޅެއް ކަމާ މެެދު ވެސް ޝައްކު އުފެދިފައިވާ ކަމަށް މަޖިލިހުން ގަބޫލުކުރެ އެވެ. އޭގެ ހެއްކެއްގެ ގޮތުން މަޖިލިހުން ބުނެފައި ވަނީ ތަބަރީ އަކީ ތަފްސީރާއި ތާރީޚުގެ ގިނަ ފޮތްތަކެއް ލިއުއްވި އިލްމުވެރިޔަކަށް ވިޔަސް، އެއިން އެއްވެސް ފޮތެއްގައި، އެ ރައުޔުގެ ވާހަކަ ނެތް ކަމަށެވެ.
"އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުން ބުރަވަނީ، ޖުމްހޫރު އިލްމުވެރިންގެ ރައުޔަށެވެ. އެއީ ފުރަތަމަ ރައުޔު އެވެ،" މަޖިލިހުގެ ނިންމުމުގައިވެ އެވެ.
ރާއްޖޭގެ ސުޕްރީމް ކޯޓުގައި އެއްވެސް މައްސަލައެއް އެންމެ ފަނޑިޔާރަކަށް ނުނިންމެ އެވެ. އެހެންކަމުން އަންހެން ފަނޑިޔާރަކު އިންނަ ބެންޗަކުން ނިންމާ ނިންމުންތަކާއި އަންހެން އެންމެ ފަނޑިޔާރަކު ނިންމާ ނިންމުންތަކާ މެދު ހުންނާނެ ތަފާތު ފަދަ ކަންކަން، ފަތުވާ މަޖިލިހުގެ ނިންމުމުން އެނގޭކަށް ނެތެވެ.
އަޒްމިރަލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަންކޮށްފި
ޝުޖޫނާއި އަޒްމިރަލްދާއާ މެދު ގޮތެއް ނިންމުން މާދަމާ
ޝުޖޫނާއި އަޒްމިރަލްދާ އަށް ކޮމިޓީން ރުހުން ދީފި
ޝުޖޫނާއި އަޒްމިރަލްދާ އައްޔަންކުރާ މައްސަލަ ކޮމިޓީ އަށް
ފަނޑިޔާރު މައްސަލާގައި މުހިންމީ ފިގުހުގެ ބަސް: ނަޝީދު
އަންހެނުންނަށް ފުރުސަތު ދޭން ތެދުވަންޖެހޭ: ރޮޒެއިނާ
އަންހެނުން ފަނޑިޔާރުކަން ކުރުމާ ދެކޮޅަށް މައްސަލައެއް
ޝުޖޫނާއި އަޒްމިރަލްދާ އަށް މަޖިލިހުން ރުހުން ދީފި
އަންހެނުން ފަނޑިޔާރުކަން ކުރަން މައުމޫންގެ ތާއީދު
ސުޕްރީމް ކޯޓަށް އަޒްމިރަލްދާ އާއި ޝުޖޫން