Roadha Mihaaru
އަޒްމިރަލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަންކޮށްފި

އަޒްމިރަލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަންކޮށްފި

04 ސެޕްޓެމްބަރ 2019

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން ދާދި ދެންމެއަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރަައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން ދާދި ދެންމެއަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރަައްވައިފި އެވެ.

މިއީ ރާއްޖޭގެ އެންމެ މަތީ ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރި ފުރަތަމަ ފަހަރެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު އިތުރު ކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެ އަޒްމިރަލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނަން ފޮނުއްވުމުން އެ ދެ ބޭފުޅުން އެ މަގާމަށް އައްޔަން ކުރަން މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

އަޒްމިރަލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ދެ ބޭފުޅުންނަށް ހުވައި ލައި ދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

އަޒްމިރަލްދާ އާއި ޝުޖޫން ފަނޑިޔާރު ކަމުގެ ހުވާ މިއަދު ކުރައްވަނީ.--- ފޮޓޯ/ރައީސް އޮފީސް

އަޒްމިރަލްދާ އާއި ޝުޖޫން ފަނޑިޔާރު ކަމުގެ ހުވާ މިއަދު ކުރައްވަނީ.--- ފޮޓޯ/ރައީސް އޮފީސް

އަޒްމިރަލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވިއިރު އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ އެ މަގާމުން ވަކި ކުރެއްވުމުން އެ ކޯޓުގެ ބެންޗުން އިތުރު މަގާމެއް ވެސް އޮތީ ހުސްވެފަ އެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޮތީ ހުޅުވާލައިފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސް މަޖިލީހަށް ނަންފުޅުތަކެއް ފޮނުއްވުމުން މަޖިލީހުން ފާސް ކޮށްގެންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 70،000ރ. ލިބިވަޑައިގަންނަވާނެ އެވެ.