Roadha Mihaaru
އޭޑީކޭގައި ކަކުލު ހުޅު ބަދަލުކުރާ އޮޕަރޭޝަނަށް އާސަންދަ

އޭޑީކޭގައި ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނަށް އާސަންދަ ދޭން ފަށައިފި

25 އޯގަސްޓް 2019

އޭޑީކޭ ހޮސްޕިޓަލުގައި ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނަށް އާސަންދަ ދޭން މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޭޑީކޭ ހޮސްޕިޓަލުގައި ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނަށް އާސަންދަ ދޭން މިއަދު ފަށައިފި އެވެ.

އެ ހޮސްޕިޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރުމަށް ސިއްހީ ފަރުވާ ދޭ އެހެން ތަންތަނުގައި ގިނަ ބަޔަކު ވެއިޓިން ލިސްޓުގައި އެބަތިބި ކަމަށެވެ. އެހެންވެ އޭޑީކޭގެ ހިދުމަތަށް އާސަންދަ ލިބުމަކީ ގިނަ ބަޔަކަށް ލިބުނު ފަސޭހައެއްކަން ފާހަގަކުރެއްވި އެވެ.

އޭޑީކޭ އިން މީގެ ކުރިން ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނަށް އެކަނި ވެސް 40،000 އަށްވުރެ ގިނަ ރުފިޔާ ނަގަ އެވެ. އާސަންދަ ނުލިބުނަސް ބައެއް ކަންކަމަށް އެންސްޕާގެ އެހީ އޭރު ލިބިފައި ވެ އެވެ. އަފްއާލް ވިދާޅުވީ އެ އޮޕަރޭޝަނަށް މިހާރު ކަނޑައަޅާފައިވަނީ ޕެކޭޖުގެ އަގަކީ 63،500ރ. އެވެ. އާސަންދައިން ދޭނީ 60،000ރ. އެވެ. އެހެންވެ ބަލި މީހާގެ އަތުން ދައްކަން ޖެހޭނީ 3500ރ. އެކަންޏެވެ.

އޭޑީކޭ ހޮސްޕިޓަލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަފްއާލް ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭޑީކޭ ހޮސްޕިޓަލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަފްއާލް ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހަތަރު ޑޮކްޓަރުންގެ ޓީމުން ހުޅު ބަދަލުކުރުމުގެ 1-2 އޮޕަރޭޝަން މީގެ ކުރިން ވެސް ކޮންމެ ހަފުތާއަކު ކޮށްފައި ވެ އެވެ. އެ އޮޕަރޭޝަންތައް ވަރަށް ކާމިޔާބު ކަމަށް ވިދާޅުވި އެވެ.

އަފްއާލް ވިދާޅުވީ އޭޑީކޭ އިން އޮޕަރޭޝަން ކުރުމަށް އެހެން ތަނެއްގެ ރިފާރަލް އެއް ބޭނުމެއް ނުވާނެ ކަމަށެވެ. އެ ހޮސްޕިޓަލަށް ދައްކައިގެން ވެސް ޕެކޭޖުގެ ދަށުން އޮޕަރޭޝަން ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"މިސާލަކަށް ވެއިޓިން ލިސްޓެއްގައި މަޑުކުރައްވައިގެން ގިނަ ދުވަސްތަކެއް ވެފައި ތިބި ބޭފުޅުންނަށް ވެސް ފުރުސަތު އެބައޮތް އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގަތުމަށް. އެ ބޭފުޅުންގެ ސާޖަރީ އަވަސްކުރުމަށް ފުރުސަތެއް ލިބިގެންދާނެ އަޅުގަނޑުމެންގެ މި ހިދުމަތުގެ ތެރެއަށް ވަޑައިގެންފި ކަމުގައިވާނަމަ،" އަފްއާލް ވިދާޅުވި އެވެ.

އޭޑީކޭގެ ވެއިޓިން ލިސްޓު ދިގު ނުވެ ފަރުވާ ދިނުމަށް މަސައްކަތްކުރާއިރު މީގެ ފަހުން ކޮންމެ ހަފުތާއަކު ވެސް ހަތަރު ވަރަކަށް އޮޕަރޭޝަން ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އާސަންދައިން އަންނަނީ ޓްރީ ޓޮޕާއި މެޑިކާ ހޮސްޕިޓަލާ ގުޅިގެން ވެސް ކަކުލު ހުޅު ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ ދެ ތަނުގައި އެކަން ކުރަނީ އައިޖީއެމްއެޗްގައި ކަކުލު ހުޅު ބަދަލުކުރަން ބޭނުންވާ މީހުންގެ ވެއިޓިން ލިސްޓް ކުޑަކުރުމަށެވެ. އޭގެ ދަށުން 28 މީހެއްގެ ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން މިހާރު ކޮށްފައިވާއިރު، އިތުރު ހަތަރު މީހެއްގެ އޮޕަރޭޝަނަށް ވަނީ ތައްޔާރުވެފަ އެވެ.

އާސަންދައިގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގް ވިދާޅުވީ އޭޑީކޭގައި ވެއިޓިން ލިސްޓެއް ނެތް ކަމުގައި ވިއަސް އެ ތަނުގައި އެކަން ކުރީ ހިދުމަތް ހޯދާ މީހުންނަށް ވީހާ ވެސް ފަސޭހަކޮށްދިނުމަށް ކަމަށެވެ. ކަކުލު ހުޅު ބަދަލުކުރުމުގެ އިތުރުން އެހެން ސާޖަރީތަކަށް ވެސް އެފަދަ ޕެކޭޖުތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.

އޭޑީކޭ ހޮސްޕިޓަލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދައިގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގް ވާހަކަދައްކަވަނީ-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭޑީކޭ ހޮސްޕިޓަލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދައިގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގް ވާހަކަދައްކަވަނީ-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ސަރުކާރުގެ ހޮސްޕިޓަލްތަކުގެ ތެރެއިން އެކި ސަބަބުތަކާ ހެދި ލަސްވަމުން، ވެއިޓިން ލިސްޓުގައި ތިބޭ ބައެއް ކޭސްތައް ޕްރައިވެޓް ތަންތަން މެދުވެރިކޮށް އެ ހިދުމަތް ތަންކޮޅެއް ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަށް މި ނޫން އެހެން ޕެކޭޖުތައް ވެސް މަސައްކަތް ކުރަމުން މި ދަނީ، މިހާރު ހުރި އަގުތަކަށްވުރެ ލުއި ފަސޭހަ ގޮތެއްގައި ރައްޔިތުންނަށް ހޯދަ ދިނުމަށްޓަކައި،" މަރިޔަމް ވިދާޅުވި އެވެ.