Roadha Mihaaru
ޕީޕީއެމްގެ އިސް މެމްބަރުންތަކެއް ޖޭޕީ އަށް

ޕީޕީއެމްގައި އިސްކޮށް އުޅުއްވި މެމްބަރުންތަކެއް ޖޭޕީ އަށް

26 އޯގަސްޓް 2019

ޕީޕީއެމްގެ ކުރީގެ މަޖިލިސް މެމްބަރުންތަކެއް އެ ބޭފުޅުންގެ ޕާޓީތަކުން އިސްތިއުފާ ދެއްވައި، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މިރޭ ސޮއިކުރަން ނިންމަވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޕީޕީއެމްގެ ކުރީގެ މަޖިލިސް މެމްބަރުންތަކެއް އެ ބޭފުޅުންގެ ޕާޓީތަކުން އިސްތިއުފާ ދެއްވައި، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މިރޭ ސޮއިކުރަން ނިންމަވައިފި އެވެ.

ނިމުނު ދައުރުގައި އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އިބްރާހިމް ފަލާހް، "މިހާރު" އަށް ވިދާޅުވީ އޭނާގެ އިތުރުން ވިލިމާލެދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާނާއި ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ހަލީލާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް މިރޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށެވެ.

"މިރޭ އަޅުގަނޑުމެން ޖޭޕީއަށް ސޮއިކުރާނަން،" ފަލާހް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާ އަރިސްކޮށް އުޅުއްވި ބޭފުޅުންތަކެއް މިރޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމާފައިވާއިރު ފަލާހު ވިދާޅުވިގޮތުގައި އެއީ ސިޔާސީ މަސައްކަތްތައް ރަނގަޅަށް ފެށުމެވެ.

ފަލާހުގެ އިތުރުން ނިހާން ވަނީ ޕީއެންސީގެ ނައިބު ރައީސްކަމުންނާއި އެ ޕާޓީގެ މެމްބަރުކަމުން މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ވެސް ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން އެ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރެއްވި އެވެ.

ކުރީގެ ސަރުކާރުގައި އުޅުއްވި ބޭފުޅުން ޖޭޕީއާ ގުޅޭތީ، ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީން ވަނީ ފާޑުކިޔައިފަ އެވެ. ކަންކަން އިސްލާހު ކުރުމަށް މިސަރުކާރު ގެނެސް، ކުރީ ސަރުކާރުގައި ގޯސް ހެދި މީހުންނަށް ސަރުކާރުގެ ތެރެއިން ފުރުސަތު ދީގެން ނުވާނެ ކަމަށް އެމްޑީޕީގެ އެކްޓްވިސްޓުން ގެންދިޔައީ ބުނަމުންނެވެ.