Roadha Mihaaru
ވޯޓު ދޭކަށްް މަޖުބޫރެއް ނުކުރަން: ޕީޕީއެމް

ރީ ރަޖިސްޓްރީ ކޮށްދިނަސް ވޯޓުދޭން މަޖުބޫރެއް ނުކުރަން: ޕީޕީއެމް

25 ޖުލައި 2018

ސަރުކާރު ކުންފުނިތަކާއި ޕީޕީއެމުން ރީރަޖިސްޓްރީ ކޮށްދިން ނަމަވެސް ވަކި ކެނޑިޑޭޓަކަށް ވޯޓްލާން މަޖުބޫރު ނުކުރާ ކަމަށް އެ ޕާޓީގެ ސްޕޯކް ޕާސަން، އަލީ އާރިފް މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސަރުކާރު ކުންފުނިތަކާއި ޕީޕީއެމުން ރީރަޖިސްޓްރީ ކޮށްދިން ނަމަވެސް ވަކި ކެނޑިޑޭޓަކަށް ވޯޓްލާން މަޖުބޫރު ނުކުރާ ކަމަށް އެ ޕާޓީގެ ސްޕޯކް ޕާސަން، އަލީ އާރިފް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ކުންފުނިތަކާއި އޮފީސްތަކުގެ މުވައްޒަފުން ރީ ރަޖިސްޓްރީ ކުރުވައި ރައީސް އަބްދުﷲ ޔާމީނަށް ވޯޓު ދޭން މަޖުބޫރު ކުރުވާ ކަމަށް ތުހުމަތު ކުރަމުންދާއިރު، ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ އާރިފް ވިދާޅުވީ ޕީޕީއެމްގެ މަސައްކަތަކީ ހުރިހާ ރައްޔިތުން ރީ ރަޖިސްޓްރީ ކުރުން ކަމަށާއި މަޖުބޫރުން އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.

"އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ނުބުނަން ވަކި މީހަކަށް ވޯޓު ދޭކަށް. ކުންފުނިތަކުން ވެސް އެކުރާ މަސައްކަތުގައި އެ ބޭފުޅުން ވިދާޅެއްނުވޭ ވަކި މީހަކަށް ވޯޓް ދޭކަށް. ވޯޓަކީ ފަރުދީ ހައްގެއް. ފަރުދީ ވާޖިބެއް. ފަރުދީ ޒިންމާއެއް. އެބޭފުޅަކު ބޭނުންވާ ބޭފުޅަކަށް ވޯޓު ދިނުމަކީ އެބޭފުޅެއްގެ ފުރިހަމަ އިހުތިޔާރުގައި އޮތް ކަމެއް،" މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 263،000 މީހުންނަށް ލިބޭއިރު، އޭގެ ތެރެއިން 70،000 އެއްހާ މީހުން ރީ ރަޖިސްޓްރީ ކުރަން ޖެހޭ ކަމަށް އިލެކްޝަންސް އިން ލަފާކުރެ އެވެ. ޕީޕީއެމުން ބުނީ އެ ޕާޓީގެ އަމާޒަކީ އޭގެތެރެއިން 56،000 މީހުން އެ ޕާޓީ މެދުވެރިކޮށް ރަޖިސްޓްރީ ކުރުން ކަމަށެވެ.

ނިލަންދޫ ދާއިރާގެ މެމްބަރުކަން ކުރައްވާ ޕީޕީއެމްގެ ސެކެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ދިވެހި ރައްޔިތުން ވޯޓުލުމަށް ރަޖިސްޓްރީކޮށްގެން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވާން ނުޖެހޭ ކަމަށާއި އެއީ ހައްގެއް ހޯދައިދިނުން ކަމަށެވެ. ދައުލަތުގެ އިދާރާތަކުން ރީރަޖިސްޓްރީ ކުރަނީ އިލެކްޝަންސް ކޮމިޝަނަށް އެހީތެރިވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ހަލީލް އާއި އަލީ އާރިފް ނޫސްވެރިންގެ ބައްދަލުވުމެއްގައި-- ފޮޓޯ: މިހާރު

ހަލީލް އާއި އަލީ އާރިފް ނޫސްވެރިންގެ ބައްދަލުވުމެއްގައި-- ފޮޓޯ: މިހާރު

"ދިވެހި ރައްޔިތުން ވޯޓު ލުމުގެ ހައްގު އަދާކޮށްފާނެތީ އެކަމާ ޖެހިލުން ވެގެން އުޅޭ މަންޒަރު ފެންނަގޮތަކަށް އިދިކޮޅު ފަރާތްތަކުގެ ވާހަކަތައް އަޅުގަނޑުމެނަށް ބައްޓަން ކުރެވިގެން ދަނީ. މީގެން އަޅުގަނޑުމެނަށް މާނަ ކުރެވެނީ މިހާ ހިސާބުން ވެސް އެ ބޭފުޅުންނަށް ގަބޫލު ކުރެއްވެނީ ތިމަންނަމެންނަށް އިލެކްޝަން ގެއްލިއްޖެ ކަމަށް،" ހަލީލް ވިދާޅުވި އެވެ.

އެ ވާހަކަތަކަށް ތާއީދު ކުރައްވައި، ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުން އެތަނުގެ ސިވިލް ސާވިސް މުވައްޒަފުން ރީ ރަޖިސްޓްރީ ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އެފަދަ އެހީތެރިކަމަކަށް އެދުމުން އެކަން ކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަލީލް ވަނީ އިދިކޮޅު ފަރާތްތަކުގެ ކެމްޕެއިނަށް ފާޑު ވިދާޅުވެފަ އެވެ. އިދިކޮޅު ފަރާތްތަކުން ފާޑުކިޔަނީ ކޮރަޕްޝަނާއި ނާއިންސާފުގެ އިތުރުން އަނިޔާވެރި ސަރުކާރެއް ކަމަށް ބުނެ ކަމަށާއި އެއީ ހަގީގަތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ވާހަކަތައް ދައްކައިގެން ރައްޔިތުންގެ ތާއީދެއް ނުލިބޭނެ ކަމަށް ހަލީލް ވިދާޅުވި އެވެ.

ޕީޕީއެމުން މިފަހަރުގެ އިންތިހާބު ކާމިޔާބު ކުރާނީ ސަރުކާރުގެ ވަސީލަތްތަކާއި މުޅި ސަރުކާރު އެއްކޮށް ބޭނުންކޮށްގެން ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް ރޭ ވަނީ ވިދާޅުވެފަ އެވެ. ހަލީލް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އަދުރޭގެ ވާހަކަތައް އެކިގޮތްގޮތަށް މާނަ ކުރަމުންދާ ކަމަށެވެ.

މަޖިލީހުގެ ތިން މެމްބަރުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެބޭފުޅުން ވަނީ އިދިކޮޅު މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިނުވާތީ ވެސް ފާޑު ވިދާޅުވެފަ އެވެ.

ނިހާން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: މިހާރު

ނިހާން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: މިހާރު

ރައްޔިތުންގެ މަޖިލީހުގައި މިއަދު ވޯޓް ނަގަމުން ދިޔައިރު ވޯޓުގައި ބައިވެރި ނުވެ އިދިކޮޅު ކޯލިޝަންގެ 21 މެމްބަރަކު މަޖިލީހުގެ ސައި ކޮޓަރި އާއި ބޭރުގައި ތިއްބެވި ކަމަށް ނިހާން ވިދާޅުވި އެވެ. ވޯޓުތަކުގައި ހަމައެކަނި ބައިވެރިވަނީ ޕީޕީއެމާއި އެމްޑީއޭގެ މެމްބަރުން ކަން ފާހަގަ ކުރައްވައި ރައްޔިތުންނަށް ހިދުމަތްދެނީ ކޮންބައެއްކަން ސާފުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުން އެއަށް އަމަލުކުރަންޖެހޭ ގާނޫނެއް ފާސްކުރަން 43 މެމްބަރުން ވޯޓުގައި ބައިވެރިވާން ޖެހޭއިރު އިދިކޮޅު ފަރާތްތަކުން ވަނީ މަޖިލިސް ބޮއިކޮޓް ކޮށްފަ އެވެ. ސަރުކާރު ކޯލިޝަންގައި އެ އަދަދަށް މެމްބަރުން ހަމައެއްނުވެ އެވެ. އިދިކޮޅު ކޯލިޝަނުން މަޖިލިސް ބޮއިކޮޓް ކުރީ އެ ބޭފުޅުންނަށް ފުރުސަތު ނުދެއްވާތީ އާއި ގަވައިދާ ހިލާފަށް އަމަލުކުރާތީ ކަމަށް ވިދާޅުވެ އެވެ.