Roadha Mihaaru
އޭޑީބީގެ ވެރިޔާ، ރައީސާ ބައްދަލުކުރައްވައިފި

އޭޑީބީގެ ރައީސާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްދަލުކުރައްވައިފި

26 އޯގަސްޓް 2019

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކު (އޭޑީބީ) ގެ ރައީސް ޓަކަހިކޯ ނަކައޯ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކު (އޭޑީބީ) ގެ ރައީސް ޓަކަހިކޯ ނަކައޯ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި ބައްދަލުވުމުގައި، ރާއްޖެ އަށް އޭޑީބީން 1978 އިން ފެށިގެން އެހީ ލިބެމުން އަންނަކަން ފާހަގަކުރައްވައި ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީ އަށް އޭޑީބީން ވެފައިވާ އެހީތެރިކަމަށް ރައީސް ޝުކުރުއަދާކުރެއްވި އެވެ.

ރާއްޖޭގެ މަސްވެރިކަމާއި ޓޫރިޒަމް ތަރައްގީކުރަން އޭޑީބީގެ ފަރާތުން ރާއްޖެ އަށް ސްމޯލްގްރާންޓް އަދި ލޯނު ދިނުމާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ޓޫރިޒަމުން ރާއްޖޭގެ އިގްތިސާދަށް ކުރާ ފައިދާ ވީހާ ވެސް ގިނަ ރައްޔިތުންނަށް ބެހިގެންދާނެ އިންތިޒާމެއް ހަމަޖެހިފައި އޮތުން މުހިއްމު ކަމަށް އޭޑީބީގެ ރައީސް ވިދާޅުވި އެވެ. އަދި ގެސްޓްހައުސް ވިޔަފާރި އިތުރަށް ފުޅާކުރުމުގެ މުހިއްމުކަން ވެސް ފާހަގަކުރެއްވި އެވެ.

ގައުމު ތަރައްގީކުރުމުގައި ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކުރުމުގެ މުހިއްމުކަމާ ބެހޭ ގޮތުން އެ ދެ ބޭފުޅުން މަޝްވަރާކުރައްވާފައި ވާއިރު، ރައީސް އޮފީހުން ބުނި ގޮތުގައި ރާއްޖޭގެ އިގްތިސާދާއި ސިޔާސަތުތައް ބައްޓަންކުރަނީ ހަރުދަނާކޮށް ކަން ވެސް އޭޑީބީގެ ރައީސް ފާހަގަކުރެއްވި އެވެ.

މިއީ އޭޑީބީގެ ރައީސް ނަކައޯ ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރެވެ. މިދަތުރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވަން ހަމެޖެހިފައިވެ އެވެ.

ނައަކޯ ވަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ އަށް އޭޑީބީން އެއް ބިލިއަން ރުފިޔާގެ އެހީ ދޭނެކަން މިއަދު އިއުލާނުކުރައްވައިފަ އެވެ.