Roadha Mihaaru
ލުކާކޫގެ ގޯލާ އެކު އިންޓަ އަށް ފުރިހަމަ ފެށުމެއް

ލުކާކޫގެ ގޯލާ އެކު އިންޓަ އަށް ފުރިހަމަ ފެށުމެއް

27 އޯގަސްޓް 2019

މިލާން (އޮގަސްޓް 27) - އިޓާލިއަން ލީގަށް މި ފަހަރު ރަނގަޅު ސްކޮޑަކާ އެކު ތައްޔާރުވި އިންޓަ މިލާން ލީގުގައި ކުޅުނު ފުރަތަމަ މެޗުން ރޮމެލޫ ލުކާކޫގެ ގޯލާ އެކު 4-0 އިން ލެޗޭ ބަލިކޮށް ފެށުން ފުރިހަމަކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިލާން (އޮގަސްޓް 27) - އިޓާލިއަން ލީގަށް މި ފަހަރު ރަނގަޅު ސްކޮޑަކާ އެކު ތައްޔާރުވި އިންޓަ މިލާން ލީގުގައި ކުޅުނު ފުރަތަމަ މެޗުން ރޮމެލޫ ލުކާކޫގެ ގޯލާ އެކު 4-0 އިން ލެޗޭ ބަލިކޮށް ފެށުން ފުރިހަމަކޮށްފި އެވެ.

ޗެލްސީ އާއި ޔުވެންޓަސްގެ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން މި ފަހަރު އިންޓަ ކުޅޭއިރު، ލުކާކޫ އަކީ އޭނާ އެންމެ ބުރަ މަސައްކަތުން ހޯދި ކުޅުންތެރިޔާ އެވެ. އުމުރުން 26 އަހަރުގެ ލުކާކޫގެ ސޮއި ހޯދީ އިޓާލިއަން ލީގަށް ބަދަލުވި ތިން ވަނަ އަށް އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި 89 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ރޭ އިންޓަ އިން ވަނީ ކޮންމެ ހާފެއްގައި ދެ ގޯލު ޖަހައިފަ އެވެ. އެ ގޮތުން ފުރަތަމަ ހާފުގެ 21 ވަނަ މިނިޓްގައި އިންޓަ އަށް ލީޑުނަގައިދިނީ ކްރޮއޭޝިއާގެ މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗް އެވެ. އޭގެ ތިން މިނިޓް ފަހުން ސްޓެފާނޯ ސެންސީ ވަނީ އެ ޓީމަށް ލީޑުފުޅާކޮށްދީފަ އެވެ. އިންޓަގެ ތިން ވަނަ ގޯލު ލުކާކޫ ކާމިޔާބުކުރީ މެޗުގެ 60 ވަނަ މިނިޓްގަ އެވެ. އިންޓަގެ އާޖެންޓީނާ ފޯވާޑް ލަޓާރޯ މާޓިނޭޒް ޖެހި ބޯޅަ ލެޗޭ ކީޕަރު ޕެރޭރާ އަތުގައި ޖެހިފައި ނުކުތްވަގުތު ލުކާކޫ ވަނީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ކޮންޓޭ ވަނީ މި މެޗުގައި ލުކާކޫގެ ފަރާތުން ފެނުނު ކުޅުމަށް ތައުރީފުކޮށްފަ އެވެ.

"އިންޓަގެ ދުނިޔެ އަށް ލުކާކޫ މި އައީ ވަރަށް ފުރިހަމަކޮށް އޭނަ މި މެޗުގައި އެކަން ސާބިތުކޮށްދީފި. މި ޓީމުގައި އޭނާ ކިހާ ފެންވަރެއްގައި ކުޅެފާނެތޯ އުފެދޭނެ ސުވާލުތަކެއް އެބަހުރި. އެއަށް ޖަވާބު ދިނުމުގައި މި ފެށުން ވަރަށް ރަނގަޅު ކަމަށް އަހަރެން ގަބޫލުކުރަނީ،" ކޮންޓޭ ބުންޏެވެ.

މެޗުގެ 76 ވަނަ މިނިޓްގައި ލެޗޭގެ ފަރީއަސް އަށް ރަތް ކާޑު ދެއްކުމުން އެ ޓީމުން ފަހުން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އިންޓަގެ ފަހު ގޯލު ޖެހީ އިޓަލީގެ މިޑްފީލްޑަރު އެންޓޯނިއޯ ކަންޑްރޭވާ އެވެ. ލެޗޭ ހާފްގެ މެދަކާ ހަމައިން ކަންޑްރޭވާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.