Roadha Mihaaru
ބިރުވެރި، ހިތްދަތި ވަގުތު ހަނިމާދޫން ދެއްކި ނަމޫނާ

ބިރުވެރި، ހިތްދަތި ވަގުތު ހަނިމާދޫން ދެއްކި ނަމޫނާ

30 އޯގަސްޓް 2019

ހދ. ހަނިމާދޫ ކައިރިއަށް، ނޮޅިވަރަންފަރުގެ ލޯންޗު ބަންޑުން ޖަހާލައި އޭގައި ތިބި މީހުން ކަނޑުވި ހަބަރު ލިބުމާ އެކު އެ ރަށު ރައްޔިތުން އަވަސްވީ އެހީތެރިވުމުގެ މަސައްކަތަށް ނުކުންނާށެވެ. ވެހެމުންދިޔަ ވާރެ އާއި ޖެހެމުން ދިޔަ ވަޔަށް ބެލުމެއް ނެތި، ޑިންގީތަކުގައި މީހުން ނުކުތީ ނަގަމުން ދިޔަ ބިޔަ ރާޅުތަކުގެ ކުރިމައްޗަށެވެ. ގަދަ ކަނޑުގައި ކުރިމަތިވެދާނެ ނުރައްކަލަކަށް އެއްވެސް ބެލުމެއް ނެތި އަވަސްވެގަތީ ކަނޑުވި މީހުންގެ ސަލާމަތްކުރެވޭތޯ އެވެ.

މުހައްމަދު ޔާމީން ހދ. ހަނިމާދޫން މުހައްމަދު ޔާމީން

ހދ. ހަނިމާދޫ ކައިރިއަށް، ނޮޅިވަރަންފަރުގެ ލޯންޗު ބަންޑުން ޖަހާލައި އޭގައި ތިބި މީހުން ކަނޑުވި ހަބަރު ލިބުމާ އެކު އެ ރަށު ރައްޔިތުން އަވަސްވީ އެހީތެރިވުމުގެ މަސައްކަތަށް ނުކުންނާށެވެ. ވެހެމުންދިޔަ ވާރެ އާއި ޖެހެމުން ދިޔަ ވަޔަށް ބެލުމެއް ނެތި، ޑިންގީތަކުގައި މީހުން ނުކުތީ ނަގަމުން ދިޔަ ބިޔަ ރާޅުތަކުގެ ކުރިމައްޗަށެވެ. ގަދަ ކަނޑުގައި ކުރިމަތިވެދާނެ ނުރައްކަލަކަށް އެއްވެސް ބެލުމެއް ނެތި އަވަސްވެގަތީ ކަނޑުވި މީހުންގެ ސަލާމަތްކުރެވޭތޯ އެވެ.

ކަނޑުވި މީހުން ހޯދައި، އެމީހުން ސިއްހީ މަރުކަޒާ ހަމައަށް ގެންގޮސްދިނީ އެމްއެންޑީއެފާއި ފުލުހުންނާއި އާންމުންގެ އެހީގަ އެވެ.

ސަލާމަތްވި ބައެއް މީހުން ތިބީ ހަބަރު ހުސްވެފަ އެވެ. ގައިގައި ވަރެއް ނެތެވެ. ފިނިވެގެން ގޮސް، ގިނަ މީހުން ތިބީ "ގުނޑާލަން" ވެސް ނުކެރިފަ އެވެ.

އެކަމަކު ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮންނަ އެއްބައިވަންތަ، އެކުވެރި، ހިތްހެޔޮ، އެހީތެރި، އޯގާތެރި ބައެއްކަން ހަނދާންކޮށް ދިނީ، ހަނިމާދޫ ރައްޔިތުން ކުރި މަސައްކަތުންނެވެ. ހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބުނީއްސުރެ، މަރުވި މީހުންގެ ޖަނާޒާ ނިމެންދެން ކެތްތެރިކަމާ އެކު އުޅުނެވެ.

މަރުވި ފަސް މީހުންގެ މޫނު ބެލުމަށް ހަނިމާދޫ ހިނަވާގެއަށް މީހުން ވަންނަނީ.-- ފޮޓޯ: ހުސައިން ވަހީދު /މިހާރު

މަރުވި ފަސް މީހުންގެ މޫނު ބެލުމަށް ހަނިމާދޫ ހިނަވާގެއަށް މީހުން ވަންނަނީ.-- ފޮޓޯ: ހުސައިން ވަހީދު /މިހާރު

ހަނިމާދޫގެ ބައެއް މީހުން ބުނީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ނުކުރި ނަމަ، އެއަށް ވުރެ ގިނަ ފުރާނަ ގެއްލުމުގެ ބިރު އޮތް ކަމަށެވެ.

ހދ. ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދު އަށް ދަތުރު ކުރި ފަންސަވީހަކަށް ފޫޓުގެ ލޯންޗުގައި 10 މީހަކު ތިއްބެވެ. ފަސް މީހަކު ސަލާމަތްވި އިރު، ތިން އަހަރުގެ ކުޑަކުއްޖަކާއި ތިން އަންހެނަކާއި ފިރިހެނަކު ވަނީ މަރުވެފަ އެވެ.

ސިއްހީ މަރުކަޒަށް ތައުރީފް ހައްގު!

ބަޔަކު ކަނޑުވެގެން އުޅޭ ކަމުގެ މައުލޫމާތާ އެކު ކަންބޮޑުވުން އުފެދޭނެ އެއްބަޔަކީ ސިއްހީ މަރުކަޒުގެ ޑޮކްޓަރުންނާއި ނަރުހުންނާއި މުވައްޒަފުންނެވެ.

ހާދިސާގެ ހަބަރު ލިބުމުން ސިއްހީ މަރުކަޒުގެ މުވައްޒަފުން ނުކުތީ ދެވެން ހުރި އެންމެ މަތީ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ އަޒުމުގަ އެވެ.

"ފުރަތަމަ ގެނައީ ފިރިހެނަކާއި އަންހެނެއް. ގެނައި އިރު ވެސް އޮތީ ނިޔާވެފައި،" ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ލޯންޗުން ދަތުރު ކުރި މީހުންގެ އާއިލާގެ މެމްބަރުންތަކެއް ރޭ ސިއްހީ މަރުކަޒުގައި.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ލޯންޗުން ދަތުރު ކުރި މީހުންގެ އާއިލާގެ މެމްބަރުންތަކެއް ރޭ ސިއްހީ މަރުކަޒުގައި.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސަލާމަތްވި ނަމަވެސް ހާލުދެރަ ދަތުރުވެރިން ގެންނަން ފެށީ އޭގެ ފަހުންނެވެ.

ރައްޔިތުންގެ އެއްބާރުލުމާއި އެކުވެރިކަން ސިއްހީ މަރުކަޒުން ވެސް ފާހަގަކުރި އެވެ. ސިއްހީ މަރުކަޒުގައި ނެތް ނަމަވެސް، އެވަގުތަށް މުހިންމު ބައެއް ތަކެތި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރައްޔިތުން ގެނެސްދިނުމަކީ އޭގެ ހެއްކެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"މިސާލަކަށް ރައްޔިތުން ގެނެސްދިން އެއްޗެއް ރަޖާއަކީ. ކަނޑުވެގެން ގެނައި މީހުން ވަރަށް ބޮޑަށް ފިނިވެފައި ތިބޭނީ. އެހެންވެ، އެމީހުންނަށް ފޯރުކޮށްދޭން ބޭނުންވާ ރަޖާ ލިބުނު،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އިމަޖެންސީ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ސިއްހީ މަރުކަޒަކުން ފަރުވާދެވޭނެ އެންމެ ފުރިހަމަ އަށް ހަނިމާދޫ ސިއްހީ މަރުކަޒުން ކަންކަން ކުރި އެވެ. އަދި އެއްވެސް ފަރުވާކުޑަކުރުމެއް، އެއްވެސް އިހުމާލެއް ނޯންނާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

ގިނަ ބަޔަކު ކަށުނަމާދުގައި

މަރުވި ފަސް މީހުންގެ ޖަނާޒާ އޮތީ ރޭ ދަންވަރު ދޭއް ޖެހި އިރު އެވެ. އެކަމަކު ހަނިމާދު އާއި ނޮޅިވަރަންފަރުގެ ގިނަ ބަޔަކު ނިދި ނަގާލުމަށް ފަހު އެ ޖަނާޒާގައި ބައިވެރިވި އެވެ. އެތައް ސަތޭކަ ބަޔަކު ކަށުނަމާދުގައި ތިއްބެވެ. މިއީ ހަނިމާދޫގައި މިހާތަނަށް ކުރި އެންމެ ބޮޑު ކަށުނަމާދު ކަމަށްވެ އެވެ.

"މިހާރު" އާ ވާހަކަ ދެއްކި ހަނިމާދޫގެ ބައެއް މީހުން ބުނީ އެއީ "އަބަދުވެސް އެކުވެރި، މެހްމާނުންނަށް ކަމޭހިތާ ބައެއް" ކަމަށެވެ. އެގޮތުން ނޮޅިވަރަންފަރު ރައްޔިތުންނަށް މި ލިބުނު ހިތާމައިގައި އަބަދުވެސް ބައިވެރިވާނެ ކަމަށް އެމީހުން ބުންޏެވެ.

ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި މަރުވި މީހުންގެ ޖަނާޒާ: ހަނިމާދޫ ރައްޔިތުން ދެއްކީ އެކުގައި ތިބިކަން .-- ފޮޓޯ: ހުސައިން ވަހީދު /މިހާރު

ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި މަރުވި މީހުންގެ ޖަނާޒާ: ހަނިމާދޫ ރައްޔިތުން ދެއްކީ އެކުގައި ތިބިކަން .-- ފޮޓޯ: ހުސައިން ވަހީދު /މިހާރު

"މި ހިތާމައިގައި ހުރިހާ އެންމެން ބައިވެރިވާން ޖެހޭ. މި ހާދިސާ އިން ވެސް ރައްޔިތުންނަށް ފިލާވަޅުތަކާއި އިބުރަތްތަކެއް ލިބިގެން ހިނގައްޖެ. އެންމެން ވެސް މަސައްކަތް ކުރަންވީ މިފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން،" މަރުވި ފަސް މީހުންގެ މޫނު ދެއްކުން ސަހަރާގައި ކުރިއަށް ދިޔަ އިރު، އެތަނުގައި ހުރި، އަހުމަދު ރަޝީދު، 48، ބުންޏެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުން ބުނި ގޮތުގައި މިއީ ފަހުގެ ތާރީހެއްގައި މިހާ ބޮޑު ހާދިސާއެއް ހިނގައިގެން އެތަނުން ބަޔަކަށް ފަރުވާ ދޭން ޖެހުނު ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ވެސް ލޯންޗެއް ބަންޑުން ޖަހާލައިގެން ކަނޑުވި ބަޔަކު އެ ސިއްހީ މަރުކަޒަށް ގެންދިޔަ އެވެ. އެފަހަރު އެއްވެސް މީހަކު މަރުނުވި ނަމަވެސް ބައެއް މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. ބައެއް މީހުން ގެންދަން ޖެހުނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ.