Roadha Mihaaru
ހުސެއިން: ނޮޅިވަރަންފަރުގެ ބިންގާ

ހުސެއިން: ނޮޅިވަރަންފަރުގެ ބިންގާ

01 ސެޕްޓެމްބަރ 2019

ސައިކަލްގައި ތަނަކަށް ދާއިރު، ކޮންމެ މީހަކު ފެނުނަސް ގޮވާލަ އެވެ. ހިނގާފައި ދިޔަސް، އަނގައިން ބުނެލާފައި ނޫނީ އެހެން މީހެއްގެ ކުރިމަތިން ހުރަހެއް ނުކަނޑަ އެވެ. މީހުންނާ މަޖާކޮށް އަނގަ ތަޅާލަން ބޭނުންކުރީ ހދ. ނޮޅިވަރަންފަރުގައި ހުރި އޭނާގެ އަމިއްލަ ގެ "އަހިމާގޭ"ގެ ކުރިމަތީގައި ހުރި ހައެއްކަ ޖޯލިފައްޗެވެ. ގެއަށް ވަންނަ ދޮރުގެ އެއްފަރާތުގައި ލިއެފައިވެ އެވެ: މީސްތަކުންނަށް އިހުތިރާމްކުރާށެވެ. އޭރުން މީސްތަކުން ތިބާއަށް އިހުތިރާމްކުރާނެ އެވެ.

މުހައްމަދު ޔާމީން ހދ. ނޮޅިވަރަންފަރުން މުހައްމަދު ޔާމީން

ސައިކަލްގައި ތަނަކަށް ދާއިރު، ކޮންމެ މީހަކު ފެނުނަސް ގޮވާލަ އެވެ. ހިނގާފައި ދިޔަސް، އަނގައިން ބުނެލާފައި ނޫނީ އެހެން މީހެއްގެ ކުރިމަތިން ހުރަހެއް ނުކަނޑަ އެވެ. މީހުންނާ މަޖާކޮށް އަނގަ ތަޅާލަން ބޭނުންކުރީ ހދ. ނޮޅިވަރަންފަރުގައި ހުރި އޭނާގެ އަމިއްލަ ގެ "އަހިމާގޭ"ގެ ކުރިމަތީގައި ހުރި ހައެއްކަ ޖޯލިފައްޗެވެ. ގެއަށް ވަންނަ ދޮރުގެ އެއްފަރާތުގައި ލިއެފައިވެ އެވެ: މީސްތަކުންނަށް އިހުތިރާމްކުރާށެވެ. އޭރުން މީސްތަކުން ތިބާއަށް އިހުތިރާމްކުރާނެ އެވެ.

މިއީ މިދިއަ ބުރާސްފަތިދުވަހު ހިނގި ލޯންޗު ބަންޑުން ޖަހާލުމުގެ ހާދިސާގައި މަރުވި، ނޮޅިވަރަންފަރުގެ ހިދުމަތްތެރި ޓީޗަރު ހުސެއިން އަބްދުﷲ، 55، ގެ ދިރިއުޅުމުގެ ކުޑަކުޑަ މިސާލުތަކެކެވެ.

އޭނާގެ އަންހެނުން މަރިޔަމް މައުސޫމް، 48، ހުރި ހަމައެކަނި އަންހެން ދަރިފުޅު ފާތުމަތު ގުރައިޝާ، 30، އަދި ތިން އަހަރުގެ ކާފަ ދަރިފުޅު އީރާ ހަސަން ޝިފާޒް ވެސް ވަނީ މި ހާދިސާގައި ދުނިޔެ ދޫކޮށްފަ އެވެ. އެހެންކަމުން މިއަދު ހުސެއިންގެ ގެ ވަނީ ފަޅުވެފަ އެވެ. ރަށަށް ވަނީ ހިތާމަ އާއި މޮޅިވެރިކަން ވެރިވެފަ އެވެ.

ފުރަތަމަ ވެސް އެހީ އަންހެނުންނާއި ދަރިން ކޮބައިތޯ

ނޮޅިވަރަންފަރު ސްކޫލްގައި 35 އަހަރުގެ ދިގު ހިދުމަތެއްކޮށްދިން މުދައްރިސް އެންމެ ފަހު ނޭވާ ވެސް ދޫކޮށްލީ އާއިލާގެ މެމްބަރުން ސަލާމަތްކުރުމުގަ އެވެ. ލޯންޗު ބަންޑުން ޖަހާލުމުން ނުނިކުމެވި ތާށިވި، އަންހެނުންނާއި ދަރިފުޅާއި ކާފަ ދަރިފުޅު ހޯދަން، އޭނާ އަޑިއަށް ފީނި އެވެ. ފުރަތަމަ ސަލާމަތްވެ، މައްޗަށް އެރުނަސް، އަދި އޭނާ ހިފަހައްޓާލަން ލޯންޗުގެ އެއް ފެންޑަރު ދިނަސް، އޭގެ މަތީގައި ހުސެއިންއަށް އޮވެވުނީ ކުޑަކުޑަ އިރުކޮޅަކަށެވެ. ދެން ވެސް އޭނާ ފީނައިގަތީ ލޯންޗުގެ އަޑިއަށެވެ.

ސަލާމަތްވި ބައެއް މީހުން ބުނި ގޮތުގައި، މައްޗަށް އަރާފައި ހުސެއިން ފުރަތަމަ ވެސް އެހީ އަންހެނުންނާއި ދަރިންކޮޅު ކޮބައިތޯ އެވެ.

ހިތާމަވެރި ހާދިސާގައި މަރުވި ހުސެއިންގެ އާއިލާ

ހިތާމަވެރި ހާދިސާގައި މަރުވި ހުސެއިންގެ އާއިލާ

"ފެންޑަރުގެ މައްޗަށް ލައިގެން ހުސެއިން ބޭއްވީމަ ވެސް އަންހެނުންނާއި ދަރިފުޅުމެން ނުފެންނަ ކަމަށް ބުނެ، އަނެއްކާވެސް ހުސެއިން އަޑި އަށް ފީނާލީ،" ހާދިސާގައި ސަލާމަތްވި، ނޮޅިވަރަންފަރު ސްކޫލްގެ އެހެން ޓީޗަރެއް ކަމަށް ވާ އަބްދުއްޝުކޫރު، 56، ބުންޏެވެ.

"ދެން އަރާފައި ހުރިއިރު ދެ ލޯ ހުރީ ބޮޑުވެފައި. [އަންހެނުންނާއި ދަރިން] ފެނުނީ ކަމެއް ނުފެންނަ ކަމެއް ނޭނގޭ. އެއްވެސް ވާހަކައެއް ނުދައްކާ."

ހުސެއިން ހިފަހައްޓައިގެން އޮންނަން ޝުކޫރު ވާގަނޑެއް އެއްލި އެވެ. ވާގަނޑުގައި ހިފަހައްޓައިގެން އޮންނަން ޝުކޫރު އެދެމުން ދިޔަ އެވެ. އެކަމަކު އެގޮތަށް މާ ގިނަ އިރަކު ނޯވެވުނެވެ. މަޑުމަޑުން ލޯ މެރެމުން ގޮސް، އަޑިއަށް ދާން ފެށީ އެވެ.

ލަފާކުރެވެނީ ފެނުނު މަންޒަރުތަކުން ހުސެއިންނަށް ޝޮކެއް ލިބުނީ ކަމަށެވެ.

ދިޔައީ ދަރިފުޅު ފުރުވަން

ހުސެއިންގެ ގޭގައި ދިރިއުޅެމުން ދިޔައީ އޭނާގެ ދެމަފިރިންގެ އިތުރުން އަންހެނުންގެ އެއްބަނޑު އެއްބަފާ މީހެއްގެ އަންހެނުންނާއި ތިން ދަރިންނެވެ. ގުރައިޝާ ކައިވެނިކޮށްގެން އުޅުނީ ފިރިމީހާގެ ގޭގަ އެވެ.

ހުސެއިނަށް ބޮޑުބޭބެ ކިޔާ ގައުމީ ޓީމާއި މާޒިޔާގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) "މިހާރު" އަށް ބުނީ ގުރައިޝާ އަބަދުވެސް އުޅޭނީ މައިންބަފައިން ކައިރީގައި ކަމަށެވެ.

"އަބަދުވެސް އުޅޭނީ އޭނާގެ މަންމަ އާއި ބައްޕަގެ ގޭގައި. އިރުއޮއްސުނީމަ، ނޫނީ ނިދަންވީމަ ގުރައިޝާ ދިރިއުޅޭ ގެއަށް ދާނީ ވެސް،" އިއްބެ ބުންޏެވެ.

ނޮޅިވަރަންފަރުގެ ޓީޗަރު ހުސެއިން އަބްދުﷲގެ ގެ: އަބަދުވެސް ކުދިންނަށް ނަސޭހަތް ދޭ --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ނޮޅިވަރަންފަރުގެ ޓީޗަރު ހުސެއިން އަބްދުﷲގެ ގެ: އަބަދުވެސް ކުދިންނަށް ނަސޭހަތް ދޭ --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ގުރައިޝާ އުޅުނީ ސްކޫލްތައް ބަންދުވެ ލިބުނު ހަފުތާއެއްގެ ޗުއްޓީގައި، އޭނާގެ ގާތް ރަހުމަތްތެރިޔާ އައިމިނަތު އާސިމާ، 29، އާ އެކު ބެންކޮކަށް ދާށެވެ. ހާދިސާގައި އާސިމާ ސަލާމަތްވި އެވެ. އެމީހުން ދަތުރު ރޭވީ މާލޭގައި ދެ ދުވަހު މަޑުކޮށްފައި، ބެންކޮކަށް ފުރާ ގޮތަށެވެ.

އިއްބެ ބުނި ގޮތުގައި ހުސެއިން ލޯންޗަށް އެރީ ގުރައިޝާމެން ފުރުވަންވެގެންނެވެ. އޭނާގެ އަންހެނުން މަރިޔަމް އުޅުނީ ދަރިފުޅާ އެކު މާލެ ދާށެވެ. އެކަމަކު އޭރު އަދި ޓިކެޓެއް ނުލިބެ އެވެ. ހުސެއިން މާލެ ދާން ނިންމާފައި އޮތީ ކަނޑު މަގުންނެވެ.

"ދޮންބެ އަސްލު އިނީ ދޯނިން ފުރާ ގޮތަށް. މަތިން ދާކަށް ނޫން. އެމީހުން ފުރުވަން ވެގެން ދިޔައީ. ދޮންބެ ދައްތަ ދިޔައީ ފްލައިޓުން ޖާގައެއް ލިބިދާނެ ކަމުގެ ޗާންސަކަށް،" އިއްބެ ބުންޏެވެ.

ވަކިވެގެން ދިޔައީ ނޮޅިވަރަންފަރުގެ ބިންގާ

ހުސެއިން ވަނީ އެ ރަށު ސްކޫލުގައި 35 އަހަރު ހިދުމަތްކޮށްފަ އެވެ. އެ މުއްދަތުގައި އޭނާ ކިޔަވައިނުދޭ ކުއްޖަކު އެ ސްކޫލަކަށް ނުދެ އެވެ. ރަށުން ކޮންމެ މީހަކާ ބައްދަލުވި ވިޔަސް، ދައްކަނީ ހުސެއިންގެ ހިތްހެޔޮކަމުގެ ވާހަކަ އެވެ.

ހުސެއިންގެ ގާތް ރައްޓެއްސެއް ކަމަށް ވާ މުހައްމަދު ފަޔާޒް 42، ބުނީ ހުސެއިނަކީ ރަށުގެ ހުރިހާ އެންމެން "އިހްތިރާމް ކުރާ، ގަދަރުކުރާ، އެންމެންނާ ވެސް ގުޅޭ، މަޖާ މިޒާޖެއްގެ ވަރަށް ރަނގަޅު މީހެއް" ކަމަށެވެ. ނޮޅިވަރަންފަރުގެ އިތުރުން ހުސެއިން ވަނީ ހދ. ވައިކަރަދޫގައި ވެސް ކިޔަވައިދީފަ އެވެ.

"ހަތަރު ފަސް މާއްދާ ކިޔަވައިދޭނީ އާންމުކޮށް، ހުސެއިން އިންނަ ތަނެއްގައި ނުކެރޭނެ ބޭނުންހާ ގޮތަކަށް ވާހަކަ ދައްކާކަށް. އަދިވެސް އިހްތިރާމް ކުރޭ. ގިނަ ބަޔަކު ބުނާނީ ޓީޗަރު ހުސެއިން ހުރެއްޖެ ނަމަ، ނިމުނީއޭ،" ހުސެއިންގެ ކައިރިން ވެސް ކިޔެވި ފަޔާޒް ބުންޏެވެ.

އިއްބެ އާއި ފަޔާޒު ވެސް ސިފަކުރި ގޮތުގައި ހުސެއިން އަކީ "ނޮޅިވަރަންފަރުގެ ބިންގަލެ"ވެ. އެހާ ވެސް އޭނާގެ ހިދުމަތްތައް ގިނަ އެވެ.

އިއްބެ ބުނީ އޭނާގެ ދޮންބެއަކީ މީހުންނަށް ނަސޭހަތްދީ، ފަސް ވަގުތު ނަމާދުކޮށް، ވަރަށް ރަނގަޅަށް އުޅެމުން ދިޔަ މީހެއް ކަމަށެވެ. އެއީ އޭނާގެ "ދެ ވަނަ ބައްޕަ" އެވެ.

ޑިސެމްބަރު 26، 2004 ގެ ސުނާމީ ކާރިސާގައި ނޮޅިވަރަންފަރަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެފަހަރު އިއްބެ ދިރިއުޅޭ ގެ ހަލާކުވުމާ ގުޅިގެން ދެ އަހަރެއްހާ ދުވަސް ވަންދެން އުޅުނީ ހުސެއިންގެ ގޭގައި، ހުސެއިންގެ ހަމައެކަނި ފިރިހެން ދަރިފުޅު މުހައްމަދު ގިޔާސް 24، އާ އެކުގަ އެވެ.

"އޭނާ އަށް [ގިޔާސް]އަށް ހޯދައިދޭ އެއްޗެއް އަޅުގަނޑަށް ވެސް ހޯދައިދޭނެ. އޭނާ އަށް ގަންނަ އެއްޗެއް އަޅުގަނޑަށް ވެސް ގަނެދޭނެ. އެއީ ދޮންބެ ކައިރީގައި އުޅުނު އިރު،" އިއްބެ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ދޮންބެއާ ބައްދަލުވާ ކޮންމެ އިރެއްގައި ކުރާ ސުވާލުތައް ބައިވަރެވެ. ކާން ދައުވަތު ދިނުމާއި ނަމާދު ކުރިތޯ އާއި ފުޓްބޯޅަ މެޗު އޮތީ ކޮން އިރަކުތޯ ފަދަ ސުވާލުތަކެވެ. އިއްބެ ކުޅިވަރު ކުޅޭތީ ހުސެއިން އުފާވެ އެވެ. އޭނާ ކުޅޭ ފުޓްބޯޅަ މެޗުތައް ގަވައިދުން ބަލަ އެވެ.

ހުސެއިނާއި އިއްބެއާ އެންމެ ފަހުން ދިމާވީ މިދިޔަ ހައްޖު ދުވަހާއި އީދު ދުވަހު ރަށުންނެވެ. އެ ޗުއްޓީގައި އިއްބެ ހުސެއިން ގެއަށް ވެސް ދިޔަ އެވެ. ފެނުމާ އެކު އެހީ މެޗު އޮތީ ކޮން އިރަކުތޯ އާއި ފުރަނީ ކޮން އިރަކުތޯ އެވެ.

"އަޅުގަނޑު ބުނިން ފުރާށޭ މިއުޅެނީ. އެހެން ބުނީމަ ބުނީ ކޮންމެ ފަހަރަކު ވެސް ތި އާދެވެނީ ވަރަށް ކުޑަ ދުވަސްކޮޅަކަށޭ. ދެން ބުނިން އާނއެކޭ ދެ ދުވަހެއް ލިބޭ އިރަށް އަންނަނީއޭ، މިތަނުގައި އެންމެން އުޅޭތީ. އެ ދުވަހު ވެސް ބުނި ތިކުރާ ކަންތަކުގައި ކުރިއަށް ދައްޗޭ. ވަރަށް އުފާވެއޭ،" އިއްބެ ކިޔައިދިނެވެ.

އޭގެ ފަހުން އިއްބެއަށް ފޯނުން ވާހަކަ ދެއްކުނީ ދޮންބެ ދައްތަ، މަރިޔަމްއާ އެވެ. މާލެ ދާން އުޅޭ ވާހަކަ ދޮންބެ ދައްތަ އޭނާ ކައިރީ ބުންޏެވެ.

އިއްބެއަށް އެންމެ ބޮޑު ހިތްދަތިކަމެއް ގެނެސްދޭ އެއް ކަމަކީ އީރާގެ ވަކިވެ ދިއުމެވެ. ލޯބިން އެ ކުއްޖާއަށް ކިޔަނީ އިރާއްކޮ އެވެ. އިއްބެ ބުނި ގޮތުގައި ވަރަށް ގިނައިން ގުޅައިގެން ވެސް އިރާއްކޮއާ ވާހަކަ ދައްކަ އެވެ.

"އިރާއްކޮ ދެކެ އަޅުގަނޑުމެން އެންމެން ވެސް ލޯބި ވާނެ. ގުޅައިގެން ވެސް ވަރަށް ވާހަކަ ދައްކާނެ. އެއްބަނޑު މީހެއްގެ ދަރިއެއްގެ ގޮތުގައި އިރާއްކޮ ދެކެނީ،" ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ މެޗަށް ތައްޔާރުވާން ސްރީ ލަންކާގައި ހުއްޓާ ދިމާވި ހާދިސާއާ ގުޅިގެން އެނބުރި ރާއްޖެ އައި އިއްބެ ބުންޏެވެ.

"އެންމެ އުނދަގޫވާނީ އިރާއްކޮއާ ނުލާ އުޅެން ޖެހުމުން."