Roadha Mihaaru
ކޮޅިގަނޑެއް، މަދު ސިކުންތުކޮޅެއް، ލޯންޗު ބަންޑުން!

ބޮޑު ކޮޅިގަނޑެއް، މަދު ސިކުންތުކޮޅެއް، ލޯންޗު ބަންޑުން!

30 އޯގަސްޓް 2019

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން ނަމަ، އެއީ ކިތަންމެ ގަދަ ކަނޑެއްގައި ވިޔަސް ދަތުރުކޮށްލަން ކެރޭ ޖެހިލުންކުޑަ ކައްޕިއެކެވެ. އޭނާގެ އުމުރުގެ ގިނަ ދުވަސްތައް ހޭދަކުރީ ވަރުބަލި ކަމެއް ނެތި ލޯންޗު ދަތުރުތައް ކުރުމުގަ އެވެ. ގިނަ ބައެއްގެ އިތުބާރާއި ލޯބި ހޯދި އެވެ. އެކަމަކު، އިއްޔެ އޭނާއާ ކުރިމަތިލާން ޖެހުނީ ކުޑަ އެ ލޯންޗު ކޮންޓްރޯލް ކުރެވޭ ހާލަތެއް ނޫނެވެ! ލޯންޗަށް އެފަދަ ބޮޑު ރާޅެއް ނަގައި އަރި އަޅާލާނެ ކަމަކަށް ވިސްނިފައެއް ނެތެވެ.

މުހައްމަދު ޔާމީން ހދ. ހަނިމާދޫން މުހައްމަދު ޔާމީން

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން ނަމަ، އެއީ ކިތަންމެ ގަދަ ކަނޑެއްގައި ވިޔަސް ދަތުރުކޮށްލަން ކެރޭ ޖެހިލުންކުޑަ ކައްޕިއެކެވެ. އޭނާގެ އުމުރުގެ ގިނަ ދުވަސްތައް ހޭދަކުރީ ވަރުބަލި ކަމެއް ނެތި ލޯންޗު ދަތުރުތައް ކުރުމުގަ އެވެ. ގިނަ ބައެއްގެ އިތުބާރާއި ލޯބި ހޯދި އެވެ. އެކަމަކު، އިއްޔެ އޭނާއާ ކުރިމަތިލާން ޖެހުނީ ކުޑަ އެ ލޯންޗު ކޮންޓްރޯލް ކުރެވޭ ހާލަތެއް ނޫނެވެ! ލޯންޗަށް އެފަދަ ބޮޑު ރާޅެއް ނަގައި އަރި އަޅާލާނެ ކަމަކަށް ވިސްނިފައެއް ނެތެވެ.

ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދު އަށް ދަތުރުކުރި ފަންސަވީހަކަށް ފޫޓުގެ ލޯންޗުގައި އޭރު 10 މީހުން ތިއްބެވެ. ބުރާސްފަތި ދުވަހު 11:30 ހާއިރު ދަތުރަށް ނައްޓާލި ލޯންޗު ބަންޑުން ޖަހާލުމުން އެއް އާއިލާއެއްގެ ތިން މީހުންނާއި ކުޑަ އަންހެން ކުއްޖެއްގެ އިތުރުން އެހެން އަންހެނަކު ވަނީ މި ދުނިޔެ ދޫކޮށްފަ އެވެ. ފަސް މީހަކު ސަލާމަތްވި އެވެ. އޭގެ ތެރެއިން އެކަކީ ލޯންޗު ދުއްވަން އެ ވަގުތު އިން ޖަޒްލާން އަދުނާން ،36، އެވެ.

ހަނިމާދޫގައި ރޭ ބޭއްވި ޖަނާޒާގައި ބަޔަކު ސަންދޯއް މައްޗަށް ވެލި އުކަނީ.-- ފޮޓޯ: ހުސައިން ވަހީދު /މިހާރު

ހަނިމާދޫގައި ރޭ ބޭއްވި ޖަނާޒާގައި ބަޔަކު ސަންދޯއް މައްޗަށް ވެލި އުކަނީ.-- ފޮޓޯ: ހުސައިން ވަހީދު /މިހާރު

ޖަޒްލާން "މިހާރު" އާ ވާހަކަ ދައްކަން ފެށުމާ އެކު ފުރަތަމަ ވެސް ބުނީ ހާދިސާ ހިނގި ގޮތް ކިޔައިދޭން ދަތި ކަމަށެވެ. ފުލުހުންނާއި އެމްއެންޑީއެފްގެ ކައިރިން ހާދިސާ ހިނގި ގޮތް އޮޅުން ފިލުވުމަށެވެ. އެކަމަކު މާޔޫސްކަމާއި މޮޅިވެރިކަމުގައި ހުރި ޖަޒްލާން، ވަކި ހިސާބަކުން، ހިތި އެ ތަޖުރިބާ ކޮންމެވެސް ވަރަކަށް ކިޔައިދޭން ފެށި އެވެ.

ފެންކަޅިވެފައި ހުރި ކައްޕިއަށް ބޭއިހްތިޔާރުގައި އިރުއިރުކޮޅާ ހުއްޓުން އަރަ އެވެ!

އޭނާ ބުނި ގޮތުގައި ކުއްލިއަކަށް މޫސުން ގޯސްވެ، ކޮޅިގަނޑު ލައްވާލީ، ހަނިމާދޫގެ އެންމެ ދެކުނު ކަނޑިންމަ އިން ވަންނަން އުޅެނިކޮށެވެ. ބިޔަ ރާޅުތައް ލޯންޗަށް "ބިންދަން" ފެށީ އެވެ. މަދު ސިކުންތުކޮޅެކެވެ. ކުއްލިއަކަށް ލޯންޗު އަރިއަޅާލައި ބަންޑުން ޖަހާލި އެވެ.

"މިކަން ދިމާވީ ކުއްލިއަކަށް މޫސުން ގޯސްވެ، ނެގި ކޮޅިގަނޑެއްގައި،" ޖަޒްލާން ބުންޏެވެ.

ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި މަރުވި މީހުންގެ ކަށުނަމާދަށް މީހުންތައްޔާރުވެފައި.-- ފޮޓޯ: ހުސައިން ވަހީދު /މިހާރު

ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި މަރުވި މީހުންގެ ކަށުނަމާދަށް މީހުންތައްޔާރުވެފައި.-- ފޮޓޯ: ހުސައިން ވަހީދު /މިހާރު

މުޅި ހާދިސާ ހިނގި ގޮތް ކިޔައިދޭން ޖަޒްލާންއަށް ދަތިވިޔަސް، ލޯންޗުގައި ދަތުރުކުރި ބައެއް މީހުންގެ ވާހަކަތަކަށް ބިނާކޮށް، ކޮންމެވެސް ވަރެއްގެ ތަސްވީރެއް ކުރެހެ އެވެ.

މަރުވީ ލޯންޗު ދަށުވި މީހުން

އެއްބަޔަކު ބުނާ ގޮތުގައި ކުޑަކުއްޖާ އާއި އަނެއް ހަތަރު މީހުން މަރުވީ ލޯންޗު ބަންޑުން ޖަހާލުމާ އެކު ނުނިކުމެވި، އޭގެ ދަށުގައި ތާށިވެގެންނެވެ. އޭގެ ތެރެއިން ނޮޅިވަރަންފަރުގެ ޚިދުމަތްތެރި ޓީޗަރު ހުސެން އަބްދުﷲ، 57، އަށް ފުރަތަމަ ސަލާމަތްވެވި، މައްޗަށް ވެސް އެރި އެވެ. އެކަމަކު އޭނާގެ އަންހެނުން މަރިޔަމް މޫސާ އާއި އެމީހުންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ފާތުމަތު ގުރައިޝާ އާއި އޭނާގެ ތިން އަހަރުގެ އަންހެން ދަރިފުޅު އީރާ ހަސަން ޝިފާޒު، ފެންނަން ނެތުމުން އަނެއްކާވެސް ލޯންޗުގެ އަޑިއަށް ފީނައިގަތީ އެވެ.

"ބޮޑަށް ލަފާކުރެވެނީ އަޑިއަށް ގޮސް، އަންހެނުންނާއި ދަރިން ތިބި ގޮތް ފެނުމުން، ޝޮކެއް ލިބިގެން މަރުވީ ކަމަށް،" ހާދިސާގެ މައުލޫމާތު ހުރި މީހަކު، ނަން ނުޖަހާ ގޮތަށް، ކިޔައިދިނެވެ.

ވިސްނާލާނެ ވަގުތެއް ވެސް ނެތި ކުރިމަތިވި ކުއްލި ބަންޑުން ޖަހާލުމުގައި ސަލާމަތްވި ފަސް މީހުން ލޯންޗުގެ އެކި ތަންތަނުގައި ހިފަހައްޓައިގެން، ގަދަ ކަނޑުގައި، ތިއްބެވެ. މަރުވި މީހުންގެ ހަށިގަނޑު ލޯންޗުގެ އަޑިން ނެރެ، ދުރަށް ދިޔަނުދީ ހިފެހެއްޓީ ވެސް، އެމީހުންގެ މަސައްކަތުންނެވެ. ކޯސްޓް ގާޑުގެ ސިފައިންނަށް، ލޯންޗާ ދުރުން ފެނުނީ، ސަލާމަތްވި އަބްދުއް ޝަކޫރުގެ އަންހެނުން، އައިޝަތު އަލީގެ ހަށިގަނޑު ކަމަށްވެ އެވެ.

"މަރުވި ބައެއް މީހުންގެ ހަށިގަނޑު، ދުރަށް ދިޔަނުދީ، ވާ ޖަހައިގެން ހިފަހައްޓައިގެން ތިބި ކަމަށް ވަނީ،" ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ޖަޒްލާނާއި ޝަކޫރު އަދި ދަތުރުކުރި ފަޅުވެރިއެއްގެ އިތުރުން ދެން ސަލާމަތްވީ 29 އަހަރުގެ ދެ އަންހެނުން ކަމަށްވާ އައިމިނަތު އާސިމާ އާއި އައިޝަތު ޝެހެނާޒް އެވެ.

ބަންޑުން ޖަހާލި ލޯންޗު ގިނަ އިން ދުއްވަނީ ޖަޒްލާނެވެ. ކުޑައިރުއްސުރެ ދަތުރުކުރަމުން އައި މީހަކަށް ވާތީ، އޭނާއާ މެދު ގިނަ ބައެއްގެ އިތުބާރު ބޮޑެވެ.

ސަލާމަތްވެގެން، ލޯންޗުގައި ހިފަހައްޓައިގެން ތިބި މީހުންނަށް އިތުރު އެހީއެއް ވެވޭނީ އެ ޚަބަރު ކޮންމެވެސް ގޮތަކުން ބަޔަކަށް ގެންގޮސްދީގެން ކަމަށް ވާތީ، ފަތާގައި ހަނިމާދުއަށް އެރީ ވެސް ޖަޒްލާނެވެ. ލޯންޗު ބަންޑުން ޖަހާލީ، ހަނިމާދޫ އެއާޕޯޓަށް ދަތުރުކުރާ އުޅަނދުފަހަރު އާންމުކޮށް ބޭނުންކުރާ ނެރަށް ވުރެ، ރަށުގެ ދެކުނު ކޮޅުގައި އޮތް ކަނޑިންމަ އިންނެވެ.

އެއީ އެވަރުގެ ކުޑަ ލޯންޗެއް ބަންޑުން ޖަހާލައިގެން އުޅޭކަން، ރަށުގައި ތިބި ބަޔަކަށް އެނގޭ ވަރަށް ވުރެ ދުރު ސަރަހައްދެކެވެ.