ރާއްޖޭގައި އެންމެ ބޮޑު ފާޑުކިޔުމެއް ކުރިމަތިވަނީ ޝަރުއީ ދާއިރާ އަށް ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. އާ ގާނޫނު އަސާސީ އައިސް، މިނިވަން ބާރެއްގެ ގޮތުގައި ޝަރުއީ ދާއިރާ ހަމަޖެހުމުގެ ކުރިން ވެސް އަދި އޭގެ ފަހުން މިއަދާ ހަމައަށް ވެސް އެ ދާއިރާއަށް އަންނަ ފާޑުކިޔުންތަކަށް ހުއްޓުމެއް ނެތެވެ. ރަނގަޅު ބައެއް ތުހުމަތުތަކާއި ގޯސް ތުހުމަތުތައް ވެސް ހިމެނޭ ގޮތަށް ފާޑުކިޔުންތައް އަންނަ ސަބަބުތައް ވެސް ބައިވަރެވެ.
21 ސެޕްޓެމްބަރ 2016
ރާއްޖޭގައި އެންމެ ބޮޑު ފާޑުކިޔުމެއް ކުރިމަތިވަނީ ޝަރުއީ ދާއިރާ އަށް ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. އާ ގާނޫނު އަސާސީ އައިސް، މިނިވަން ބާރެއްގެ ގޮތުގައި ޝަރުއީ ދާއިރާ ހަމަޖެހުމުގެ ކުރިން ވެސް އަދި އޭގެ ފަހުން މިއަދާ ހަމައަށް ވެސް އެ ދާއިރާއަށް އަންނަ ފާޑުކިޔުންތަކަށް ހުއްޓުމެއް ނެތެވެ. ރަނގަޅު ބައެއް ތުހުމަތުތަކާއި ގޯސް ތުހުމަތުތައް ވެސް ހިމެނޭ ގޮތަށް ފާޑުކިޔުންތައް އަންނަ ސަބަބުތައް ވެސް ބައިވަރެވެ.
އެންމެ ބޮޑު އެއް ސަބަބަކަށް ޔަގީނުން ވެސް ވާނީ ފަނޑިޔާރުން އައްޔަންކުރުމާއި ފަނޑިޔާރުންގެ ކަންކަން ރެގިއުލޭޓް ކުރާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތެވެ. ޝަރުއީ ދާއިރާގެ އިތުބާރާ ގުޅިފައިވާ އެންމެ މުހިންމު މަސައްކަތްތައް ކުރަނީ ވެސް ޖޭއެސްސީންނެވެ.
ޖޭއެސްސީގައި ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބު ކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލިސްގެ ރައީސާއި މަޖިލީހުގެ މެމްބަރަކާއި އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރެއް އަދި ވަކީލުންގެ ތެރެއިން އިންތިޚާބު ކުރާ މީހެކެވެ.
މީގެ ތެރެއިން ތިން މަރުހަލާގެ ކޯޓުތަކުގެ ފަނޑިޔާރުންނާއި ވަކީލުންގެ ތެރެއިން އިންތިޚާބުވާ މީހާ ފިޔަވައި ދެން ތިބެނީ ސިޔާސީ ގޮތުން ކޮމިޝަނަށް އަންނަ ބައެކެވެ. މަޖިލީހުގެ ރައީސްކަން ލިބޭނީ ކޮންމެ ގޮތެއް ވިޔަސް މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ޕާޓީގެ ބޭފުޅަކަށެވެ. މަޖިލީހުން ކަނޑައަޅާ މެމްބަރާއި އާންމުންގެ ތެރެއިން ހޮވާ މެމްބަރަކަށް ވެސް ވާނީ އެއިރެއްގައި މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ޕާޓީއަކުން ބޭނުންވާ މީހެކެވެ. އެހެންވެ އެ ދެ މެމްބަރުން ވެސް ބެލެވޭނީ ސިޔާސީ ބައެއްގެ ގޮތުގަ އެވެ.
ސީއެސްސީގެ ރައީސް ކަމަށް މީހަކު އައްޔަންކުރަނީ ވެސް ސީދާ މަޖިލީހުންނެވެ. ބަންޑާރަ ނައިބަކީ ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރައްވާ ސިޔާސީ މަގާމެކެވެ. ރައީސްގެ މެމްބަރަކީ ވެސް ސީދާ ރައީސް ކަނޑައަޅުއްވާ ބޭފުޅެކެވެ. ކުރުކޮށް ބުނާ ނަމަ މުޅި ޖޭއެސްސީގެ ތިން ބައި ކުޅަ ދެ ބައި އަޣުލަބިއްޔަތު އޮންނާނީ ސިޔާސީ ބައެއްގެ އަތްމަތީގަ އެވެ. ނަތީޖާއަކަށް ވެގެން މިދަނީ ޖޭއެސްސީގެ ނިންމުންތަކާ މެދު އަބަދުވެސް ތުހުމަތުގެ އިނގިލި އަމާޒުވުމެވެ.
ރާއްޖޭގެ ޝަރުއީ ކޯޓެއްގެ ރޫމެެއް: ކޯޓުތަކުގެ އިތުބާރާ ގުޅޭ އެންމެ މުހިންމު މަސައްކަތް ކުރަނީ ޖޭއެސްސީން --ފޮޓޯ/މިހާރު
ޖޭއެސްސީން ރަނގަޅު ނިންމުމެއް ނިންމިޔަސް އެކަމަށް ފާޑު ކިޔުންތައް ކުރިމަތިވެ އެވެ. ސިޔާސީ ގޮތުން އައްޔަންވެފައި ތިބޭ ބަޔަކު އެ ކޮމިޝަންގައި ތިބުމުން އާންމުންގެ އިތުބާރު ކުޑަ އެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް އެންމެ ރަނގަޅު ނޫން ކަމަށް އެކި ފޯރަމްތަކުގައި އެކި ފެންވަރުގެ ބޭފުޅުން ދަނީ ފާހަގަކުރައްވަމުންނެވެ. އުއްތަމަފަނޑިޔާރުގެ މަގާމުގައި އަހުމަދު ފާއިޒު ހުސައިން ހުންނެވިއިރު އެމަނިކުފާނު ވެސް ވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ރަނގަޅު ނޫން ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ޖޭއެސްސީ މިހާރު އޮތް ގޮތަށް އެކުލެވިގެންވާހާ ހިނދަކު ޝަރުއީ ދާއިރާ އިސްލާހުކުރަން ފަސޭހަ ނުވާނެ ކަމަށެވެ.
"އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ ޖޭއެސްސީގެ މޮޑެލް ބަދަލުކުރުމަށް މިހާރު އަޅުގަނޑުމެން ކަމާ ބެހޭ މުއައްސަސާތަކުން، ރައްޔިތުން މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން ވިސްނާވަޑައިގަންނަވަން ޖެހި ވަޑައިނުގަންނަވާ ބާއޭ؟" އޮކްޓޫބަރު، 2013 ގައި ބޭއްވި ރަސްމިއްޔާތެއްގައި ފާއިޒު ވިދާޅުވެފައިވެ އެވެ. އެމަނިކުފާނު އެގޮތަށް ވިދާޅުވީ ސައުތު އެފްރިކާގެ ވަރަށް ސީނިއަ ފަނޑިޔާރަކާ އެކު ދެކެވުނު ވާހަކަތަކުގައި، ރާއްޖޭގައި ޖޭއެސްސީ އޮތް މޮޑެލް ސައުތު އެފްރިކާގައި ފޭލްވި ކަމަށް މައުލޫމާތު ދެއްވި ފަހުންނެވެ.
"ޖުޑިޝަރީ ހަރުދަނާ ކުރެވޭނީ ޖޭއެސްސީގެ މޮޑެލް ބަދަލު ކުރެވިގެން. އެ މޮޑެލް އޮންނަހާ ހިނދަކު ޖުޑިޝަރީއަށް އިތުރު ހަރުދަނާ ކަމެއް ގެނައުމަކީ ފަސޭހަ ކަމަކަށް ނުވާނެ،" ފާއިޒް އޭރު ވިދާޅުވި އެވެ.
އެދުވަސްވަރު ބަންޑާރަނައިބަކަށް ހުންނެވި އަދި މިހާރު ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވެސް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ރަނގަޅު ނޫން ކަމަށް އޭރު ވިދާޅުވެފައިވެ އެވެ.
"ޖޭއެސްސީ މިހާރު އެކުލަވާލެވިފައި އޮތީ ގާނޫނުއަސާސީއާ އެއްގޮތަށް ކަމުގައި ވިޔަސް ފަނޑިޔާރުގޭގެ މިނިވަންކަން ދެމެހެއްޓޭނެ ގޮތަކަށް ނޫން. އަޅުގަނޑު ގަބޫލެއް ނުކުރަން ޖޭއެސްސީ އެކުލަވާލެވިފައި އެއޮތީކީ އެންމެ އެކަށީގެންވާ ގޮތަކަށް އޮތް މޮޑެލްއަކަށް ކަމަކަށް،" މަޖިލީހުގެ ކޮމެޓީއެއްގައި ވާހަކަ ދައްކަވަމުން 2013 ގައި އާޒިމާ ވިދާޅުވެފައިވެ އެވެ.
ޖޭއެސްސީ އެކުލެވިފައިވާ ގޮތާ ބެހޭ ގޮތުން އދ. އާއި ބައިނަލްއަގްވާމީ އެކި ފަރާތްތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ފަރާތްތަކުން ވެސް ފާހަގަކުރާ އެންމެ ބޮޑު މައްސަލައަކީ ޝަރުއީ ދާއިރާއާ ގުޅުން ނެތް މީހުންނާއި ސިޔާސީ މީހުން ޖޭއެސްސީގައި ތިބުމެވެ.
"މިއީ ވަރަށް އާދަޔާ ޚިލާފް ކަމެއް. ދިހަ މެމްބަރުން ތިއްބަވާއިރު ހަތް ބޭފުޅުންނަކީ ޝަރުއީ ދާއިރާއާ ގުޅުން ނެތް ބޭފުޅުން. މި މައްސަލައާ މެދު ސީރިއަސްކޮށް ވިސްނަންވެއްޖެ،" ރާއްޖޭގެ ޝަރުއީ ދާއިރާއާ ބެހޭ ގޮތުން 2011 ގައި ހެދި ދިރާސާއަކަށް ފަހު އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓް (އައިސީޖޭ) ގެ އޭޝިއާ ޕެސިފިކް ޑައިރެކްޓާ ރޮޖާ ނޯމަން ވިދާޅުވެފައިވެ އެވެ.
ޖޭއެސްސީ މިހާރު އޮތް ގޮތާ މެދު އެ ކޮމިޝަންގެ މެމްބަރުންނަށް ފާޑު ކިޔާނެ ޖާގައެއް ނެތެވެ. އެއީ ގާނޫނުއަސާސީ އާއި ޖޭއެސްސީގެ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތެވެ. އެކަން ބަދަލުކުރެވެން އޮތީ ގާނޫނުއަސާސީ އިސްލާހުކޮށްގެންނެވެ. އެއީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް އޮތް ބާރެކެވެ. އެކަމަކު އެފަދަ މަސައްކަތަކަށް މަޖިލީހުން އިސްނަގާފައެއް ނުވެ އެވެ.
ސިޔާސީ ފަރާތްތަކުގެ ތެރެއިން ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް އެންމެ ބޮޑަށް ފާޑުކިޔަނީ އިދިކޮޅު އެމްޑީޕީ އެވެ. އެކަމަކު ގާނޫނުއަސާސީ އިސްލާހުކޮށްގެން ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރަން އެ ޕާޓީން ވެސް މާ ބޮޑު މަސައްކަތެއް ކުރާ ތަނެއް ނުފެނެ އެވެ. އެ ޕާޓީ ވެރިކަމުގައި އޮތްއިރު ވެސް އަދި އާ ގާނޫނުއަސާސީގެ ފަހުން އިންތިހާބުކުރި ދެ ވަނަ ރައްޔިތުންގެ މަޖިލިހުގެ ދައުރު ދެ ބައި ވީއިރު ވެސް އެފަދަ އިސްލާހެއް މަޖިލީހަކަށް ހުށައެއް ނާޅަ އެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރެވެން އޮތީ މަޖިލިހުގެ ތެރެއިން ސިޔާސީ ބޭފުޅުންނަށެވެ. އެކަމަކު ޖޭއެސްސީގެ އަޣުލަބިއްޔަތު އަބަދުވެސް ދާނީ އެވަގުތަކު މަޖިލިސް ކޮންޓްރޯލްކުރާ ޕާޓީއެއްގެ އަތްމައްޗަށް ކަމަށް ވާތީ އެއްވެސް ޕާޓީއަކުން އެ އިސްލާހު ގެންނަން ބޭނުންވެގެން އުޅޭ މަންޒަރެއް ނުފެނެ އެވެ. ސިޔާސީ މީހުންގެ މަގްސަދަކީ އެއީ ކަމަށްވާ ނަމަ ކޮންމެ ސަރުކާރެއް އޮތަސް އަދި ކޮންމެ ބަޔަކު ވެެރިކަމުގައި ތިއްބަސް ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތެއް ނޯންނާނެ އެވެ.
ފަނޑިޔާރު ކަމަށް ކުރިމަތިލާއިރު އިމްތިހާނެއް ދެނީ
ފަނޑިޔާރުންގެ ޗުއްޓީޕްލޭން ދުރާލާ ހަދަން އަންގައިފި
ފަނޑިޔާރުންގެ އާއިލާ މީހުންނާ އެއް ކޯޓެއްގައި ނޫޅެވޭނެ
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މާނިއު އައްޔަންކޮށްފި
އިސް ފަނޑިޔާރު ކަމަށް ކުރިމަތިލީ އެެންމެ ބޭފުޅެއް
ފަނޑިޔާރުންނަށް ހުކުރު ނަމާދުގެ އިމާމުކަން ކުރެވޭނެ
ޝަރުއީ ދާއިރާގެ އިސް މަގާމުތަކަށް ޝައުގެއް ނެތް!
ހައިކޯޓުގެ އިސް ފަނޑިޔާރުކަން ކުރާނެ ބޭފުޅަކު ނުވި
ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމަށް ހުޅުވާލައިފި
ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި