Roadha Mihaaru
ފަނޑިޔާރުންގެ އާއިލާ މީހުންނާ އެއް ކޯޓެއްގައި ނޫޅެވޭނެ

ފަނޑިޔާރުންނަށް އާއިލީ މީހުންނާ އެއް ކޯޓެއްގައި މަސައްކަަތް ނުކުރެވޭ ގޮތަށް ހަމަޖައްސައިފި

13 ޖެނުއަރީ 2021

ފަނޑިޔާރުންގެ އަނބިން ނުވަތަ ފިރިން ނުވަތަ އާއިލާ މީހުން މަސައްކަތް ކުރާ ކޯޓުތަކަށް އެ ފަނޑިޔާރުން އައްޔަން ނުކުރެވޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފަނޑިޔާރުންގެ އަނބިން ނުވަތަ ފިރިން ނުވަތަ އާއިލާ މީހުން މަސައްކަތް ކުރާ ކޯޓުތަކަށް އެ ފަނޑިޔާރުން އައްޔަން ނުކުރެވޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ފަނޑިޔާރުން އައްޔަން ކުރުމުގެ ގަވާއިދާއި އަމިއްލަ އަށް އެދިގެން ފަނޑިޔާރުން އެހެން ކޯޓުތަކަށް ބަދަލުވުމުގެ ގަވާއިދު ކުރިން އޮންނަ ގޮތުން އާއިލީ ގުޅުން ހުރި މީހުން މަސައްކަތް ކުރާ ކޯޓުތަކަށް ބަދަލުވާން ހުރަހެއް ނޯވެ އެވެ.

އެ ދެ ގަވާއިދަށް ޖޭއެސްސީން އިއްޔެ ގެނައި އިސްލާހުގައިވާ ގޮތުން، ފަނޑިޔާރު ކަމަށް ކުރިމަތިލާ ކޯޓު ނުވަތަ ބަދަލުވާން އެދިފައިވާ ކޯޓުގައި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގައި ބުނާ ފަދަ އާއިލީ ގުޅުން ހުރި މީހަކު މަސައްކަތް ކުރާ ނަމަ، އެ ކޯޓަކަށް އެ މީހަކު އައްޔަންކޮށް ނުވަތަ ބަދަލުކޮށެއް ނުދެވޭނެ އެވެ.

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން އާއިލީ ގުޅުން ހުރި ކަމަށް ބަލަނީ އަނބިންނާއި ފިރިންނާއި ދަރިންގެ އިތުރުން މައިންބަފައިންނާއި ކާފަ އާއި މާމަގެ އިތުރުން އެއްބަނޑު އެއްބަފާ މީހުންނާއި އެއްބަނޑު މީހުންނާއި އެއްބަފާ މީހުންނާއި ބޮޑުދައިތަ އާއި ބޮޑުބޭބެ އިތުރުން އެއިން މީހެއްގެ ދަރިންނެވެ.

ޖޭއެސްސީން ބުނީ އެ ގޮތަށް ބަދަލުކުރީ ފަނޑިޔާރުންނާއި ކޯޓުގެ މުވައްޒަފުންނަކީ ނަސަބުގެ ގޮތުން ނުވަތަ ކައިވެނީގެ ގޮތުން ގުޅުން އޮތް ބަޔަކަށް ވެގެން ނުވާނެ ކަމަށް އެ ކޮމިޝަނަށް ގަބޫލު ކުރެވޭތީ ކަމަށެވެ.