Roadha Mihaaru
އައިޔޫއެމްގެ ބައިނަލްއަގުވާމީ މަހާސިންތާ ފަށައިފި

އައިޔޫއެމްގެ ބައިނަލްއަގުވާމީ މަހާސިންތާ ފަށައިފި

31 އޯގަސްޓް 2019

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އިލްމީ ކުރިއެރުމާ ބެހޭ ބައިނަލްއަގުވާމީ މަހާސިންތާ މިއަދު ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އިލްމީ ކުރިއެރުމާ ބެހޭ ބައިނަލްއަގުވާމީ މަހާސިންތާ މިއަދު ފަށައިފި އެވެ.

"އިލްމު ހިއްސާކޮށް އިލްމު އުނގެނުމަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުން"، ނަމުގައި ފެށި މަހާސިންތާ ޝަރަފްވެރިކޮށްދެއްވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އާއި މިނިސްޓާ އޮފް އެންވަޔަރަމެންޓް ޑރ ހުސައިން ރަޝީދު ހަސަން އެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވައިސް ޗާންސެލަރު ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވީ މި އަހަރުގެ މަހާސިންތާ ފެށިގެން މިއަންނަނީ އެ ޔުނިވާސިޓީގެ އިދާރީ ހިންގުމަށް ބޮޑު ބަދަލުތަކެއް ގެނައުމުގެ މަސައްކަތްތައް ކުރަމުން އަންނަ ދަނޑިވަޅެއްގައި ކަމަށެވެ. އަދި އެ ޔުނިވާސިޓީ އެހެން ލެވަލްއަކަށް ގެންދިއުމުގެ ޕްލޭންތައް ހަދަމުން އަންނަ ކަމަށް ވެސް، ދާދި ފަހުން، ވައިސް ޗާންސެލަރުކަމުގެ މަގާމު ލިބިވަޑައިގެންނެވި ޒަކަރިއްޔާ ވިދާޅުވި އެވެ.

"މިބުނާ ކަންތައްތައް ހާސިލް ކުރުމަށް މި މަހާސިންތާ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ،" ޑރ. ޒަކަރިއްޔާ ވިދާޅުވި އެވެ.

އައިޔޫއެމްގެ މަހާސިންތާ ފެށުމުގެ ގޮތުން ޑރ. ޒަކަރިއްޔާ ވާހަކަ ދައްކަވަނީ: އެ މަހާސިންތާގައި 300 އަށް ވުރެ ގިނަ މީހުން ބައިވެރިވޭ-- ފޮޓޯ: އައިޔޫއެމް

އައިޔޫއެމްގެ މަހާސިންތާ ފެށުމުގެ ގޮތުން ޑރ. ޒަކަރިއްޔާ ވާހަކަ ދައްކަވަނީ: އެ މަހާސިންތާގައި 300 އަށް ވުރެ ގިނަ މީހުން ބައިވެރިވޭ-- ފޮޓޯ: އައިޔޫއެމް

މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މަހާސިންތާގައި، 300 އެއްހާ ބައިވެރިން، 50 ކަރުދާހެއް ހުށަހަޅަން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސައުތު އޭޝިއާގެ އެކި ގައުމުތަކުގެ އިލްމުވެރިން ހުށަހަޅާ 35 ކަރުދާހަކާއި ރާއްޖޭގެ އިލްމުވެރިންގެ 15 ކަރުދާހެކެވެ.

ކަރުދާސްތައް ހުށަހަޅާ ދާއިރާތަކުގެ ތެރޭގައި ސައިކޮލޮޖީ އާއި މެންޓަލް ހެލްތު، އަދި ކަރިކިއުލަމް އާއި އިސްލާމިކް ސިވިލައިޒޭޝަނާއި ފައިނޭންސާއި ގުރުއާނިކް ސައިންސާއި ޝަރީއާ އެންޑް ލޯ އާއި ޕޮލިޓިކްސް އެންޑް ޑިޕްލޮމަސީ ހިމެނެ އެވެ. އޭގެ އިތުރުން އަދަބީ ދާއިރާއިން ވެސް ކަރުދާސްތައް ހުށަހަޅަން ވަނީ ނިންމާފަ އެވެ.

އިސްލާމިކް ޔުނިވަސިޓީން މި ބައްދަލުވުން ބާއްވަން ފެށީ 2016 ގަ އެވެ.