Roadha Mihaaru
އޮޅުން ބޮޅުން: ބޭނުންވަނީ ޒިންމާދާރު ނޫސްވެރިކަމެއް

އޮޅުން ބޮޅުން: ބޭނުންވަނީ ޒިންމާދާރު ނޫސްވެރިކަމެއް

05 ސެޕްޓެމްބަރ 2019

ނޫސްވެރިންނަށް އެ މީހުންގެ ގައުމީ މަސައްކަތައިގެން ކުރިއަށް ދިއުމުގެ މިނިވަންކަން މިހާރު ވަނީ ލިބިފަ އެވެ. ކަންކަމާ މެދު ޚިޔާލު ފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ވަނީ ލިބިފަ އެވެ. ކަންކަމުގައި ދެކޮޅު އޮންނަ ގޮތް ދެއްކުމުގެ ފުރުސަތު ވަނީ ކުރިއަށް ވުރެ ބޮޑަށް ތަނަވަސް ވެފަ އެވެ. މިނިވަންކަމަކީ ވެސް ވަކި ހުދޫދެއްގެ ތެރޭގައި އޮންނަ އެއްޗެކެވެ. އޮންނަންވާނެ އެއްޗެކެވެ. ތިމާ ބޭނުން އެއްޗެއް، ތިމާ ބޭނުން މީހަކާ ދިމާއަށް ހަގީގަތާ ހިލާފަށް ބުުނުމުގެ ފުރުސަތު އޮވެއްޖެ ނަމަ އަނެކާގެ މިނިވަންކަމަށް ވާނެ ގޮތަކާ މެދު ވެސް ވިސްނަން ވާނެ އެވެ. ތިމާއަށް ތިމާ ބޭނުން އެއްޗެއް ލިއުމުގެ ފުރުސަތު އޮންނަނީ ތިމާ ދެކޭ ގޮތުގައި ލިބިފައި އޮންނަ ދުލުގެ މިނިވަންކަމާއި ގަލަމުގެ މިނިވަންކަމުން ކަމުގައި ވަނީ ނަމަ އަނެކާ އަށް ލިބިފައި އޮންނަ އެ މިނިވަންކަމަށް ވެސް ރިއާޔަތް ކުރަން ޖެހެ އެވެ.

ނޫސްވެރިންނަށް އެ މީހުންގެ ގައުމީ މަސައްކަތައިގެން ކުރިއަށް ދިއުމުގެ މިނިވަންކަން މިހާރު ވަނީ ލިބިފަ އެވެ. ކަންކަމާ މެދު ޚިޔާލު ފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ވަނީ ލިބިފަ އެވެ. ކަންކަމުގައި ދެކޮޅު އޮންނަ ގޮތް ދެއްކުމުގެ ފުރުސަތު ވަނީ ކުރިއަށް ވުރެ ބޮޑަށް ތަނަވަސް ވެފަ އެވެ. މިނިވަންކަމަކީ ވެސް ވަކި ހުދޫދެއްގެ ތެރޭގައި އޮންނަ އެއްޗެކެވެ. އޮންނަންވާނެ އެއްޗެކެވެ. ތިމާ ބޭނުން އެއްޗެއް، ތިމާ ބޭނުން މީހަކާ ދިމާއަށް ހަގީގަތާ ހިލާފަށް ބުުނުމުގެ ފުރުސަތު އޮވެއްޖެ ނަމަ އަނެކާގެ މިނިވަންކަމަށް ވާނެ ގޮތަކާ މެދު ވެސް ވިސްނަން ވާނެ އެވެ. ތިމާއަށް ތިމާ ބޭނުން އެއްޗެއް ލިއުމުގެ ފުރުސަތު އޮންނަނީ ތިމާ ދެކޭ ގޮތުގައި ލިބިފައި އޮންނަ ދުލުގެ މިނިވަންކަމާއި ގަލަމުގެ މިނިވަންކަމުން ކަމުގައި ވަނީ ނަމަ އަނެކާ އަށް ލިބިފައި އޮންނަ އެ މިނިވަންކަމަށް ވެސް ރިއާޔަތް ކުރަން ޖެހެ އެވެ.

މައުލޫމާތު ދިނުމާއި މައުލޫމާތު ފެތުރުމުގެ ދުނިޔޭގައި މިހާރު އެންމެ ކަންބޮޑުވާ އަދި އެންމެ ކަންޓުރޯލު ކުރަން ދަތި މައްސަލައަކަށް ވެފައި މިއޮތީ މީސްމީޑިއާގެ މައްސަލަ އެވެ. މި ކަމުގައި ރާއްޖެ އަކީ ވެސް އިސްތިސްނާއެއް ނޫނެވެ. ކޮންމެ ދުވަހަކު ރާއްޖޭގައި ވެސް މީސް މީޑިއާގައި މީހުންގެ އަބުރު ކަތިލުމާއި ދޮގު މަޢުލޫމާތު ފެތުރުމަކީ އާއްމު ކަމެކެވެ. ހައްލެއް ނުހޯދޭނޭ ކަމެކެވެ. ކޮންމެވެސް މިންވަރެއްގެ ހައްލެއް ހޯދުމަށް ވެސް ވަރަށް މަސައްކަތް ކުރަން ޖެހޭނެ ކަމެކެވެ.

އަބުރުގެ ވާހަކަ ދެއްކުމާ އެކު ބައެއް މީހުންގެ އަތްމަތީ ޖަވާބަކީ އަބުރުގެ ދައުވާ ކުރުމެވެ. އެއީ އެ ނަޒަރުން ބަލާ އިރު ރަނގަޅު ކަމަކަށް ވެދާނެ އެވެ. އަގު ބޮޑު ކަމެކެވެ. ވަކީލުންގެ ފީ އެހާ ބޮޑެވެ. އަދި މައްސަލައެއް ކާމިޔާބު ވިޔަސް ކާމިޔާބުވާ ފަރާތުގެ ވަކީލަށް ކުރެވުނު ޚަރަދު ލިބޭ ގޮތަށް، ރާއްޖޭގެ ނިޒާމުގައި އަދި ހަމައެއްނުޖެހެ އެވެ. އަދި މީގެ އިތުރަށް ބައެއް މާހިރުން ދެކޭ ގޮތުގައި މިފަދަ މައްސަލައެއް ކޯޓަށް ހުށައެޅުމުން އެކަމެއް ކުރި ފަރާތަށް އިތުރު އިޝްތިހާރު ވުމުގެ ފުރުސަތު ބޮޑު ވެދާނެ އެވެ. އަދި ކުރިން އެ ޚަބަރެއްގެ އަޑު ނާހާ، ނުވަތަ ނުކިޔާ އެތައް ފަރާތަކަށް ވެސް އެކަން އެނގުމުގެ ފުރުސަތު އޮންނާނެ އެވެ. މިހެންވުމާ އެކު މިކަމުގައި އޮތް އެންމެ ރަނގަޅު ގޮތަކީ އަޅާނުލާ ހުރުން ކަމަށް ވެސް ލަފާ ދެ އެވެ.

ދާދި ފަހުން ރާއްޖޭގައި ހިނގި މިފަދަ ކަމެއް ނިމިގެން ދިޔައީ އެކަހަލަ ގޮތަކަށެވެ. އެހެންނަމަވެސް ކޮންމެ ފަހަރަކު އެ ގޮތަށް ދިމާ ވުމަކީ ވެދާނެ ކަމެއް ނޫނެވެ. އަދި ތިމާގެ އަބުރު ކަތިލާ ކޮށާ ހަދާ އިރު ބަލަން ހުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ އެވެ. އޮންލައިން ނޫހަކުން ފަރުދެއްގެ ފަރާތުން، އެ ފަރާތަށް ދޭން ޖެހޭނެ ކަމަށް ގަބޫލު ކުރާ ޚިދުމަތަކާ މެދު ހިތްހަމަނުޖެހިގެން ބޮޑު ކެމްޕޭނެއް ހިންގި އެވެ. އަމާޒަކަށް ވީ އެ މީހާ ވަޒީފާ އިން ވަކިކޮށް މުޖުތަމައުގައި ފަލީހަތްކޮށް ކުޑަކަކޫ ޖެއްސުމެވެ. ކެމްޕޭނު ކުރިއަށް ގެންދިޔައީ ނޫސްވެރިކަމުގެ ހުރިހާ މިންގަނޑަކުން ބޭރުގަ އެވެ. ވަކި ހިސާބަކުން ހަގީގަތް ކިއުންތެރިންނަށާއި ނޫސްވެރިންގެ ކަންތައްތައް ބަލަހައްޓާ ފަރާތަށް އެނގެން ފެށުމުން ކެމްޕޭނުން ނެރެން ބޭނުންވި ނަތީޖާއެއް ނުނެރެވުނެވެ. އެހެންނަމަވެސް އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރަސްކަލެއްގެ އާއިލާއެއްގެ އުފާކުރާ މަންޒިލަކުން ފ. އަތޮޅު ސަލާމަތްވީ މީސް މީޑިއާގެ މަސައްކަތުންނެވެ. ހަމަ އެގޮތަށް ދަރުމަވަންތަ ހޮސްޕިޓަލާއި، ވެލާނާ އިންޓަނެޝަނަލް އެއާޕޯޓު، އަޅުގަނޑުމެން ހިތާވެގެން އުޅޭ އަވައްޓެރި ގައުމުގެ ފައިސާވެރިންގެ އަތުން އަދި މިހާތަނަށް ސަލާމަތްވެފައި މި އޮތީ މީސް މީޑިއާގައި ދޭތެރެ ދޭތެރެ އިން ޖަހާ "ހަޅަ" އިންނެވެ.

ތަރައްގީ ވެފައި އޮތް ގައުމުތައް މިހާރު ބަލަބަލާ ތިބީ މީސް މީޑިއާ ހަމައަކަށް އެޅުވުމަށް ސިންގަޕޫރުން ތަޢާރަފް ކުރާ ގާނޫނަށެވެ. އެ ގާނޫނުން ފިލާވަޅު ލިބިގެން ކުރިއަށް ދިއުމަށެވެ. އަޅުގަނޑުމެންނަށް، މީސް މީޑިއާ ކަންޓުރޯލެއް ނުކުރެވޭނެ އެވެ. ދެ ލައްކަ އެއް ހާ މީހުންގެ އާބީދީއެއް އޮންނަ ރަށެއްގެ ޖިނާއީ ކުށް ކުރުން ކަންޓުރޯލު ކުރުމަށް އަޅުގަނޑުމެން ހިތާވެގެން އުޅޭ ގައުމަކުން އެހީ ހޯދަން އުޅޭ ބަޔަކަށް މީސް މީޑިއާ ކަންޓުރޯލު ކުރެވިދާނެ ކަމަށް ބަލައިގަތުމަކީ މޮޔަ ޚިޔާލެކެވެ. ކުޑަކުޑަ އާބާދީއެއްގައި، ކުޑަ ބިންކޮޅެއްގެ ތެރޭގައި، މަގުމަތީގެ ޓުރެފިކް ކަންޓުރޯލު ކުރުމަށް، ގޮތްހުސްވެގެން އުޅޭ ބަޔަކަށް މި ކަހަލަ ޒަމާނީ ގޮންޖެހުންތަކާ ކުރިމަތި ލުމުގެ ގާބިލްކަން ހުންނާނެކަން ކަމަށް ބަލައިގަންނަން އުނދަގުލެވެ. ހެކި ފެންނަން އެބަ ހުއްޓެވެ. ރަސްމީ މޯޓަކޭޑް ދުއްވާ ބާރު ގަދަ މީހުންނަށް ވެސް ގަވައިދާ އެއްގޮތަށް މަގުމަތީގައި ނުދުއްވި، އެކްސިޑެންޓެއް ވެ، ލަދުވެތިކަމާ ކުރިމަތިލީ ދާދި ފަހުންނެވެ.

ތަހުޒީބު މުޖުތަމައުތަކުގައި އާންމުކޮށް ގަބޫލުކުރެވޭ އުސޫލުތަކާ އެއްގޮތަށް ހިނގުމަށް ރަޖިސްޓުރީ ކުރެވިފައި ހުންނަ ނޫސްތަކަށް އަޅުގަނޑުމެންނަށް ބާރު އެޅިދާނެ އެވެ. އޮންލައިން ނޫސްތައް ހިންގުމުގެ ހުއްދަ އަކީ މީސްތަކުންގެ އަބުރަށް އަރައިގަތުމަށާއި ތިމާ ބޭނުންވާ ލަންޑުދަނޑިއާ ހަމައަށް ދިއުމަށް ގާނޫނާ ޚިލާފަށް ކުރެވޭ މަސައްކަތަކަށް ވެގެން ނުވާނެ އެވެ. އަޅުގަނޑު މައިގަނޑު ގޮތެއްގައި މި ދަންނަވަނީ އާއްމުންނަށް ޚިޔާލު ފާޅުކުރުމަށް އޮންނަ ބައިގެ ވާހަކަ އެވެ. މަޒްމޫނެއް ނުވަތަ ޚަބަރެއް ޝާއިޢު ކުރުމަށް ފަހު ކިއުންތެރިންގެ ޚިޔާލު ފާޅުކުރަން އޮންނަ ބައިގެ ވާހަކަ އެވެ. ނޫސްތައް ހިންގާ ބައެއް ފަރާތްތަކުން ނާޖާއިޒު ފައިދާ ނަގަނީ މި ހިސާބުން ކަމަށް އަޅުގަނޑަށް ފާހަގަކުރެވިފައި ވެ އެވެ. ތަޖުރިބާ ކުރެވިފައި ވެއެވެ.

ދެ ތިން ނޫހުގައި މަސައްކަތް ކުރައްވާ، އަޅުގަނޑު ދަންނަ ވަރަށް ސީނިއަ ދެ ތިން ބޭފުޅުންގެ އަރިއަހުގައި ނޫސްތަކުގައި ޝާއިއުކުރެވޭ ބައެއް ލިއުންތަކާ ބެހޭ ގޮތުން އާއްމުން ފާޅުކުރާ ޚިޔާލު ޝާއިއުކުރެވޭ މިންގަނޑާ ބެހޭ ގޮތުން ވާހަކަ ދެއްކީމެވެ. ނޫހުގައި ޝާއިޢު ކުރެވޭ ލިއުމާ އެއްވެސް ގުޅުމެއް ނުހުންނަ ޚިޔާލުތައް ވެސް ޝާއިޢުކުރެވޭ ކަމުގައި ދެންނެވީމެވެ. އަދި ބައެއް ފަހަރު އެ ލިއުމެއްގައި ހިމެނޭ ބައެއްގެ އާއިލާއާ ވެސް ބެހިފައި ހުންނަ ތަން ފެންނަ ކަމުގައި ވެސް ދެންނެވީމެވެ. އެ ލިއުމުގައި އެ މީހުން ޝާމިލު ކުރެވޭނެ ކުޑަ ވެސް މިންވަރެއް ނުއޮންނަ އިރު ވެސް މެއެވެ. ޚިޔާލު ޝާއިއުކުރުމުގައި، ވަރަށް ގިނަ ފަހަރު ލިޔެފައި އޮންނަ ޚަބަރަށް ބާރު ލިބޭ ގޮތަށް ލިޔެފައި ހުންނަ ލިއުންތައް ޝާއިޢު ކުރެވޭ ކަމުގައި ދެންނެވީ މެވެ. އަދި އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި އެއްވެސް އެޑިޓަރެއްގެ ބެލުމެއް ނެތި ޚިޔާލުތައް ޝާއިޢުކުރެވޭ ކަމުގައި ވެސް ދެންނެވުނެވެ. އެ ބޭފުޅުން ވިދާޅުވީ އެހެން ނުހިނގާ ކަމަށެވެ. ޚިޔާލު ވެސް ޝާއިޢު ކުރެވެނީ ވަރަށް ބޮޑަށް ބެލެވިގެން ކަމަށެވެ.

ސަރުކާރުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކާ ބެހޭ ގޮތުން ލިޔެފައި އޮތް ފާޑުކިއުމުގެ މަޒްމޫނެއް އަޅުގަނޑު ކީމެވެ. އެ މަޒުމޫނުގައި ހުރި ބައެއް މަޢުލޫމާތު ސައްހަ ނޫން ކަން އަޅުގަނޑަށް އެނގެ އެވެ. ޚިޔާލު ފާޅުކުރުމުގެ ބައިގައި ފައުޅުކޮށްފައި ހުރި ހުރިހާ ޚިޔާލުތަކަކީ ވެސް އޭނާ އަށް ފާޑުކިޔާފައި ހުރި ޚިޔާލެވެ. އޭނާ ކުރި ކަމެއް ކަމަށް ބުނި އެއް ކަމެއް ހިނގި އިރު ކޮންމެވެސް ސަބަބަކާ ހުރެ އަޅުގަނޑު އެތަނުގައި ހުރީމެވެ. އަޅުގަނޑަކީ ނޫހުގެ ޚިޔާލު ފާޅުކުރާ ބައަށް ލިޔާ މީހެއް ނޫނެވެ. އެހެންނަމަވެސް އޭނާ އަށް އެއްވެސް ކަމަކާ ނުލައި އެއްޗެހި ގޮވައިފައި އޮތްވަރުން އެ އިރު އެކަން ހިނގި ގޮތް ކަމަށް އަޅުގަނޑަށް ފެނުނު ގޮތަށް ލިއުނީމެވެ. އަޅުގަނޑުގެ ޚިޔާލަށް ނޫހުން ޖާގައެއް ނުލިބުނެވެ. އެހެން އައިޑީ އަކުން އަޅުގަނޑުގެ ޚިޔާލު ފާޅުކުރީ ތަންކޮޅެއް ލުއިކޮށް އޭނާ އަށް ފާޑުކިޔައިފަ އެވެ. އެ ޚިޔާލަށް ނޫހުން ޖާގަ ލިބުނެވެ.

އެހެން ދުވަހެކެވެ. އެހެން ނޫހެކެވެ. އޮންލައިން ނޫހަކުން ދިޔައީ އާއްމު ފަރުދަކު "ކަތިލަމުން" ނެވެ. ނޫހުގައި އެ މީހާ އަށް ތާއީދު ކޮށްފައި ޚިޔާލު ފާޅުކުރުމުގެ ބައިގައި އެންމެ ޚިޔާލެއް ވެސް ނެތެވެ. އަޅުގަނޑު ތަޖުރިބާ ކުރުމުގެ ނިޔަތުގައި އެ މީހާ އަށް ތާއީދު ކޮށްފައި ޚިޔާލެއް ފޮނުވީމެވެ. ނޫހުން އަޅުގަނޑުގެ ޚިޔާލަށް ޖާގައެއް ނުލިބުނެވެ. އަނެއްކާ ވެސް އެހެން އައިޑީއަކުން އަޅުގަނޑު އެ މީހާ އަށް ފާޑުކިޔާފައި ޚިޔާލެއް ލިއުނީމެވެ. އެ ޚިޔާލަށް ނޫހުން ޖާގަ ލިބުނެވެ. މިއީ އިންޞާފް ކަމަށް ބެލެވިދާނެތޯ އެވެ.

ބައެއް ފަހަރު ދުނިޔޭގެ ޝަހުސިއްޔަތެއް މަރުވި ޚަބަރު ނޫހުގައި ޝާއިޢު ކުރުމުން، ޚިޔާލު ފާޅުކުރުމުގެ ބައިގައި "އޭނާ ދާނީ ނަރަކަ" އަށެވެ. ނުވަތަ އެއީ "ކާފަރެކެވެ." ލިޔެފައި ހުރެ އެވެ. މި ދައްކަނީ މަރުވެފައި އޮތް މީހެއްގެ ވާހަކަ އެވެ. ހަ މީހުންގެ "ސެލް" އަކުން އަންނަ މިކަހަލަ ޚިޔާލު ތަހުޒީބު މުޖުތަމައެއްގެ ނޫހެއްގައި ޝާއިޢު ކުރަން ޖެހޭތޯ އެވެ.