Roadha Mihaaru
ވިސްނާ! ނޫސްވެރިކަމުގެ ހައްގުގައި މޯދީ ހުއްޓުވި ފިޔަވަޅު

ވިސްނާ! ނޫސްވެރިކަމުގެ ހައްގުގައި މޯދީ ހުއްޓުވި ފިޔަވަޅު

26 އެޕްރީލް 2018

ދުނިޔެ އަށް މިހާރު ނަގައިގެން އުޅޭ "ފޭކް ނިއުސް"ގެ ބޮޑު ރާޅު ބަހަނާއަކަށް ހަދައިގެން މިނިވަން ނޫސްވެރިކަން ފިއްތަން ސަރުކާރުތަކުން ފޫގަޅަން ފަށައިފި އެވެ. ފިލިޕީންސާއި މެލޭޝިއާ އާއި ސިންގަޕޫރުން ހަރުކަށި ގާނޫނުތައް ތައާރަފްކުރަން އަމާޒު ހިފައިފައިވާ އިރު ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީ އިންޑިއާ އިން ވެސް އެފަދަ ފިޔަވަޅެއް މި މަހު އަޅަން އުޅުނެވެ. އެކަމަކު ކަމާ ބެހޭ މިނިސްޓްރީން ގަވާއިދެއް އާއްމުކުރިތަނާ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކަން ހުއްޓުވާލެއްވީ އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ދުނިޔެ އަށް މިހާރު ނަގައިގެން އުޅޭ "ފޭކް ނިއުސް"ގެ ބޮޑު ރާޅު ބަހަނާއަކަށް ހަދައިގެން މިނިވަން ނޫސްވެރިކަން ފިއްތަން ސަރުކާރުތަކުން ފޫގަޅަން ފަށައިފި އެވެ. ފިލިޕީންސާއި މެލޭޝިއާ އާއި ސިންގަޕޫރުން ހަރުކަށި ގާނޫނުތައް ތައާރަފްކުރަން އަމާޒު ހިފައިފައިވާ އިރު ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީ އިންޑިއާ އިން ވެސް އެފަދަ ފިޔަވަޅެއް މި މަހު އަޅަން އުޅުނެވެ. އެކަމަކު ކަމާ ބެހޭ މިނިސްޓްރީން ގަވާއިދެއް އާއްމުކުރިތަނާ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކަން ހުއްޓުވާލެއްވީ އެވެ.

އެއިން އެނގުނީ ސަރުކާރަށް ކުރިމަތިވި ފާޑުކިޔުންތަކާއި ނޫސްވެރިންގެ ކަންބޮޑުވުންތަކަށް މޯދީ އިޖާބަ ދެއްވައި ޕްރެޝަރަށް ބޯލެންބެވި ކަމެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް ނާޅުއްވައި ގޮތްދޫކުރެއްވި ކަމެވެ. މީގެ ދޮޅު އަހަރު ކުރިން ރާއްޖޭގައި އަބުރުގެ ގާނޫނެއް ހިންގަން ފެށި ގޮތާ ވަރަށް ތަފާތު މަންޒަރެކެވެ.

އަބުރު ރައްކާތެރިކުރުމުގެ ނަމުގައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅި ގާނޫނު، ވެރިކަންކުރާ ޕީޕީއެމުން ފާސްކުރީ އާއްމުންނާއި ނޫސްވެރިންނާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި ތެދުވި މުއައްސަސާތަކުގެ ކަންބޮޑުވުންތަކަށް ގޮންޖަހައިފަ އެވެ. ފާޑުކިޔުންތަކާއި ގޮވާލުންތަކާއި ހުށަހެޅުންތަކަށް ބެލުމެއް ނެތި ސަރުކާރާއި މެމްބަރުން ބޮޑާކަމާއި ހަރުކަށިކަން ދައްކަމުން ހެދި ގާނޫނުގެ ދަށުވެ އާއްމުންނާއި ނޫސްވެރިންނާއި މީޑިއާ މި ތިބީ ފިތިފަ އެވެ. ވޭތުވެދިޔަ 20 މަސް ދުވަސް ތެރޭ އެޅި ފިޔަވަޅުތަކާއި ކުރި ޖޫރިމަނާތަކުން ޗިސްޗިސްވެފަ އެވެ.

އޭރު ކަންބޮޑުވުން ފާޅުކުރި މީހުންގެ ތެރޭގައި، އަބުރު ރައްކާތެރިކުރުމާ ދެކޮޅު ހެދި އެކަކު ވެސް ނެތެވެ. އެންމެން ވެސް އެދެމުން ދިޔައީ ގާނޫނުއަސާސީން ފުޅާ ދާއިރާއެއްގައި ލިބިދީފައި އޮތް ދެ ހައްގެއް ކަމަށްވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ހަނިވާ ގޮތަށް ބިލުގައި ހުރި ކަންކަން އުނިކޮށް، އަބުރު ރައްކާތެރިކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމްކުރެވޭ ފަދަ ގާނޫނެއް ގެނައުމަށެވެ. އެކަމަކު އެ ކަމުގައި ނޫސްވެރިންނާއި އާއްމުން ކުރި އާދޭސްތަކާއި މީޑިއާ ކައުންސިލުން ކުރި މަސައްކަތްތަކާއި ހިއުމަން ރައިޓްސް ކޮމިޝަނުން ދިން ލަފަ އާއި ވަކީލުންނާއި އަމިއްލަ ޖަމްއިއްޔާތަކާއި އިދިކޮޅު ސިޔާސީ ޕާޓީތަކާއި ބައިނަލްއަގުވާމީ މުޖުތަމައު އިން ގޮވާލި ގޮވާލުންތަކަށް ސަރުކާރުން ދިނީ ބީރު ކަންފަތެކެވެ. ނުވި ތާކަށް، ބިލު ފާސްކުރުމުގެ ކުރިން ޚިޔާލު ހުށަހަޅަން އާއްމުންނަށް ފުރުސަތު ދޭނަމޭ ބުނެފައި ފަހުން، އެ ޚިޔާލުތައް ވެސް "ބާތިލް" ކަމަށް ނިންމައި ޕީޕީއެމްގެ މެމްބަރުން އެ މީހުންގެ ގަދަކަން ދެއްކީ އެވެ.

މަޖިލީހުގެ މެމްބަރުންނާ މެދު ރިޝްވަތުގެ ބޮޑެތި ތުހުމަތުތައް ކުރެވި ބައެއް މެމްބަރުން އަމިއްލަ އަށް އެކަމަށް އިއުތިރާފުވެފައި އޮތް ދަނޑިވަޅެއްގައި އަވަސް އަރުވާލައިގެން އަބުރުގެ ބިލު ފާސްކުރިތާ އެންމެ ދެ ދުވަސް ފަހުން ރައީސް އަބްދުﷲ ޔާމީން ބިލު ތަސްދީގުކުރައްވައި ގާނޫނަކަށް ހެއްދެވީ އެވެ. ހަފްތާތަކެއް ވަންދެން ކެނޑިނޭޅި ފާޅުކުރަމުން ދިޔަ ކަންބޮޑުވުންތައް އެ މަނިކުފާނަށް އެއްވެސް އެއްޗަކަށް ނުވި އެވެ. ބިލު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވައިލައްވަން އދ އިން ގޮވާލި ގޮވާލުމަށް ވެސް ފަރުވާލެއް ނުބަހައްޓަވަ އެވެ. އޭގެ ބަދަލުގައި ސަރުކާރުން އެކަން ސިފަކުރީ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގަ އެވެ.

"ފޭކް ނިއުސް" ލިޔެ، ފަތުރާ ނޫސްވެރިންގެ އެކްރެޑިޓޭޝަން ސަސްޕެންޑްކޮށް ބާތިލްކުރަން އިންޑިއާ ސަރުކާރުން މި މަހު ކުރީކޮޅު އަޅަން އުޅުނު ފިޔަވަޅު އަނބުރާ ގެންދިޔައީ އެ ގަވާއިދު އާއްމުކުރިތާ 24 ގަޑި އިރު ވެސް ނުވަނީހެވެ. އޭގައި ހުރި މައްސަލަތަކާ ހެދި ނޫސްވެރިންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން އެކަން މީޑިއާގެ މިނިވަންކަމަށް ދިން ހަމަލާއެއްގެ ގޮތުގައި ސިފަކޮށް، އަންނަ އަހަރުގެ އާއްމު އިންތިޚާބާ ކުރިމަތިލާ އިރު، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރަން އުޅޭ ކަމުގެ ތުހުމަތު ސަރުކާރަށް ކުރުމާ ގުޅިގެން ބޮޑުވަޒީރު މޯދީ އެ މައްސަލައިގެ ތެރެއަށް ވަންނަވައި ކަންބޮޑުވުމަށް ހައްލު ހޯއްދަވައިދެއްވި އެވެ.

އިންޑިއާ އިން ތަންފީޒުކުރަން އުޅުނު ގަވާއިދަކީ ރާއްޖޭގެ އަބުރުގެ ގާނޫނާ އަޅާކިޔާ ނަމަ، ކުޑަކުޑަ މައްސަލައެކެވެ. މައިގަނޑު އެއް ތަފާތަކީ، އެއީ އާއްމުކޮށް އެންމެންގެ މައްޗަށް އަދި އިންޓަނެޓުގައި ނުވަތަ ސޯޝަލް މީޑިއާގައި ފާޅުކުރާ ޝުއޫރުތަކަށް ހިނގާނެ އެއްޗެއް ނޫން ކަމެވެ. އެ ގަވާއިދަށް ފެތެން އޮތީ ޗާޕްކޮށްގެން ނެރޭ ނޫސްތަކާއި ޓީވީ ޗެނަލްތަކުގައި މަސައްކަތްކުރާ ނޫސްވެރިންނެވެ. އެއީ ނިސްބަތުން މަދު އަދަދެކެވެ. އަދި އޭގެ ސަބަބުން ނޫސްވެރިންނަށް ގެއްލޭނީ ސަރުކާރުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވުމުގެ ހުއްދަ ދިނުމަށާއި ސަރުކާރުގެ އޮފީސްތަކުން މައުލޫމާތު ހޯދަން ފަސޭހަވާ ގޮތަށް ދޫކޮށްފައި އޮންނަ ފާހެކެވެ. ބޮޑެތި ޖޫރިމަނާތަކާއި ޖަލަށް ލުން ފަދަ އަދަބުތައް ދިނުމެއް އެއަކު ނެތެވެ.

މޯދީގެ ވެރިކަމުގައި ނޫސްވެރިންނަށް މާ ފަހި މާހައުލެއް އޮތީއެއް ނޫނެވެ. ބީޖޭޕީ 2014ގައި ވެރިކަމަށް އައި ފަހުން ހިންދޫންގެ ހަންފެތުރުމާއި ހައްދުފަހަނަޅައިދިޔުން ބޮޑުވެފައިވާ އިރު އެކަމަށް ފާޑުކިޔާ ނުވަތަ އެ ޕާޓީ ނުރުހޭ ގޮތަކަށް ޚަބަރު ފަތުރާ ނޫސްވެރިންނަށް ހިންދޫ ނެޝަނަލިސްޓުން ފުރައްސާރަކޮށް ބިރުދެއްކުން ވަނީ އިތުރުވެފަ އެވެ. އެކަމަކު މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ސަރުކާރުން ނޫސްވެރިކަމުގެ ތެރެއަށް އަތްބާނަން އުޅުމުން އެކަން އެ އޮތީ ނާކާމިޔާބުވެފަ އެވެ. އަދި ގަވާއިދު އަނބުރާ ގެންދިޔުމަށް ފަހު ސަރުކާރުން ވަނީ "ފޭކް ނިއުސް"ގެ މައްސަލަ އަށް ހައްލު ހޯދާނެ ގޮތާ ބެހޭ ގޮތުން ސަރުކާރާ ވާހަކަދައްކައި މަޝްވަރާކުރުމުގެ ދޮރު ނޫސްވެރިންނަށް ހުޅުވާލައިފަ އެވެ.

ހަގީގަތުގައި، ސޯޝަލް މީޑިއާ އާއި އިތުބާރު ނުހިފޭ ވެބްސައިޓްތަކުން ދޮގު ޚަބަރު ފެތުރުމަކީ ޕްރޮފެޝަނަލް ނޫސްވެރިންނަށާއި މެއިންސްޓްރީމް މީޑިއާ އަށް ވެސް އޮތް ގޮންޖެހުމެކެވެ. އޭގެ ސަބަބުން ހުރިހާ ނޫސްވެރިން ބަދުނާމުވުމުގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅަން ސަރުކާރުތަކަށް ޖާގަ ލިބެ އެވެ. އިންޑިއާގައި ވެސް ނޫސްވެރިން ބުނަމުންދިޔައީ "ފޭކް ނިއުސް" ހަދައި ފެތުރުން ހުއްޓުވަން އެކަށީގެންވާ ފިޔަވަޅު އެޅުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. މައްސަލައަކީ އެކަން ކުރަން އުޅުނު ގޮތެވެ. ދިވެހި ނޫސްވެރިން ވެސް އަބުރު ރައްކާތެރިކުރުމާ ދެކޮޅެއް ނަހަދަ އެވެ. އެދުނީ ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް ނޭޅޭ ގޮތަށް އެކަން ކުރާށެވެ. ތަފާތީ ކަންބޮޑުވުންތަކާ މެދު ދެ ސަރުކާރުން އަމަލުކުރި ގޮތެވެ.