Roadha Mihaaru
އާރިފްގެ އިސްލާހުތައް ނުބައިން ނުބަޔަށް، ދެރަވެެއްޖެ

އަލީ އާރިފް، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ހުއްޓުވުމުގެ ކުރީ ސަފަށް، ވަރަށް ދެރަވެއްޖެ

09 އޯގަސްޓް 2016

އެ މަންޒަރު މިހާރު ވެސް ފެންނަ ފަދަ އެވެ. އެއީ 1980 ގެ އަހަރުތަކުގެ ކުރީ ކޮޅެވެ. ގ. ވަށަފަރުގެ އިން ނުކުމެވަޑައިގެން، މަޑު ހިންގެވުމެއްގައި އެހެރަ ވަޑައިގަންނަވަނީ ވަށަފަރު އާދަމް އަބްދުއްރަހުމާނެވެ. އެ މަނިކުފާނުގެ ވަރުގަދަ ޝަހުސިއްޔަތު، އެ ހިންގެވުމާއި އާންމުންގެ ފަރާތުން ލިބިވަޑައިގެންނެވި އިހުތިރާމުން ވެސް އެނގެ އެވެ. ގޭގައި އުޅުއްވާ ނަމަ، ގޭދޮށު އެއްވެސް ކުއްޖަކަށް އެ ގެ އަށް ވަންނާކަށް ނުކެރޭނެ އެވެ. އާދަމްބެގެ ބޭފުޅަކު ހޯދަން، ބައެއް ފަހަރަށް އެ ގެ އަށް ވަން ނަމަވެސް، ފުރަތަމަ ބަލާނީ ފެންނަ ހިސާބުގައި އެ މަނިކުފާނު ހުންނެވިތޯ އެވެ. އާދަމްބެ ދެކެ އިހުތިރާމްގެ އެ ޖެހިލުންވުން އަންނަނީ އޭރު އަޅުގަނޑު ކަހަލަ ކުޑަކުދިންގެ ފަރާތަކުން އެކަންޏެއް ނޫނެވެ. ބޮޑު ތިލަދުންމައްޗާއި މާލޭގެ ސިޔާސީ ބޭފުޅުންނަށް ވެސް ވަށަފަރު އާދަމް ކަލޭފާނަކީ އާދައިގެ ޝަހުސިއްޔަތެއް ނޫނެވެ.

މޫސާ ލަތީފް މޫސާ ލަތީފް

އެ މަންޒަރު މިހާރު ވެސް ފެންނަ ފަދަ އެވެ. އެއީ 1980 ގެ އަހަރުތަކުގެ ކުރީ ކޮޅެވެ. ގ. ވަށަފަރުގެ އިން ނުކުމެވަޑައިގެން، މަޑު ހިންގެވުމެއްގައި އެހެރަ ވަޑައިގަންނަވަނީ ވަށަފަރު އާދަމް އަބްދުއްރަހުމާނެވެ. އެ މަނިކުފާނުގެ ވަރުގަދަ ޝަހުސިއްޔަތު، އެ ހިންގެވުމާއި އާންމުންގެ ފަރާތުން ލިބިވަޑައިގެންނެވި އިހުތިރާމުން ވެސް އެނގެ އެވެ. ގޭގައި އުޅުއްވާ ނަމަ، ގޭދޮށު އެއްވެސް ކުއްޖަކަށް އެ ގެ އަށް ވަންނާކަށް ނުކެރޭނެ އެވެ. އާދަމްބެގެ ބޭފުޅަކު ހޯދަން، ބައެއް ފަހަރަށް އެ ގެ އަށް ވަން ނަމަވެސް، ފުރަތަމަ ބަލާނީ ފެންނަ ހިސާބުގައި އެ މަނިކުފާނު ހުންނެވިތޯ އެވެ. އާދަމްބެ ދެކެ އިހުތިރާމްގެ އެ ޖެހިލުންވުން އަންނަނީ އޭރު އަޅުގަނޑު ކަހަލަ ކުޑަކުދިންގެ ފަރާތަކުން އެކަންޏެއް ނޫނެވެ. ބޮޑު ތިލަދުންމައްޗާއި މާލޭގެ ސިޔާސީ ބޭފުޅުންނަށް ވެސް ވަށަފަރު އާދަމް ކަލޭފާނަކީ އާދައިގެ ޝަހުސިއްޔަތެއް ނޫނެވެ.

އަޅުގަނޑު މާލެ އައިސް އުޅެ ބޮޑުވީ ގ. ވަށަފަރު ކައިރީގައި، އާދަމްބެގެ ބައެއް ބޭފުޅުންނާ އެކުގަ އެވެ. އަލީ އާރިފަކީ އޭގެ ތެރެއިން އެއް ބޭފުޅެވެ. ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަކީ، އާދަމްބެގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަދި ދީނީ އިލްމުވެރިޔާ ހުސައިން އަބްދުއްރަހުމާންގެ ހުރި ހަމައެކަނި ބޭފުޅެވެ. އެކަމަކު އޭރު އެއީ އުމުރުން ހަތަރު ފަސް އަހަރުގެ ކުޑަކުއްޖެކެވެ. އޭނާގެ ބޭބެމެން ފުޓްބޯޅަ ކުޅެން ދާއިރު، އަދި ގޭދޮށުގައި ކުޅޭ އިރު، މުއިއްޒު ގޭ ދޮރުމަތީ ހުންނަވާނީ ބައްލަވާށެވެ.

ހއ. ގެ އަތޮޅުވެރިކަން ދެ ފަހަރެއްގެ މަތިން ކުރެއްވި އިރު، ރައީސް ނާސިރުގެ ދައުރުގައި އެއް ފަހަރު އާންމުންގެ ވޯޓުން ވެސް އަތޮޅުވެރިކަމަށް އާދަމްބެ ހޮވި އެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގައި ކޮންމެ އަތޮޅަކަށް ދެ ގޮނޑި ހުންނަ އިރު، ހއ. އަތޮޅުގެ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި ހއ. ރައްޔިތުން އާދަމްބެ އަށް ދިނީ، ވަށަފަރު ކަހަލަ ކުޑަކުޑަ ރަށަކަށް ނިސްބަތްވެވަޑައިގެންނެވި ނަމަވެސް އެ މަނިކުފާނުގެ މަޝްހޫރުކަމާއި ފުރިހަމަ ހަރުދަނާ ޝަހުސިއްޔަތުގެ ސަބަބުންނެވެ. އާދަމްބެ އާއި ޝެއިހު ހުސައިން އަބްދުއްރަހުމާނަކީ، އަޅުގަނޑު ފަހުރުވެރިވާ، އަޅުގަނޑުގެ އަތޮޅަށް އުފަން ނަމޫނާ ދެ ބޭފުޅުންނެވެ.

ސިޔާސީ ގޮތުން ހުޅުވިފައި ނެތް، އަދި ސިޔާސީ އިދިކޮޅު ފަރާތުގެ ނަމުގައި އެއްވެސް ހަރަކާތެއް ނުހިނގާ ދުވަސްވަރެއްގައި ވެސް އާދަމްބެ ރައްޔިތުންގެ މަޖިލީހުގައި ދެއްކެވީ އެ މަނިކުފާނުގެ ދުރު ވިސްނުންފުޅެވެ. ސަރުކާރުން ފޮނުވާ ކޮންމެ ބިލަކަށް "އާނ ހޫން" ކިޔާފައި ވޯޓު ދެއްވުމުގެ ބަދަލުގައި، ވަރަށް ގިނަ ފަހަރަށް ފުން ބަހުސްތައް ކުރެއްވި މެމްބަރުންގެ ތެރޭގައި އެ މަނިކުފާނު ހިމެނިވަޑައިގަތެވެ. ރައީސް މައުމޫން ވެސް އެންމެ ޖެހިލުންވެވަޑައިގެންނެވި އެއް މެމްބަރަކީ، އޭރު ސިއްރު ސިއްރުން އެކި މީހުން ދެއްކި ވާހަކަތަކުން އެނގޭ ގޮތުގައި، ވަށަފަރު އާދަމްބެ އެވެ.

ނަފްސު ވިއްކަވައިލެއްވުމާއި ސަރުކާރަށް ވައި ޖެހުމުގެ ބަދަލުގައި، ވެރިންނަށް މާނައެއް ނެތް ތައުރީފު ކުރެއްވުމުގެ ބަދަލުގައި، އާދަމްބެ އަޅުގަނޑުމެންނަށް ދެއްކެވީ ޝަހުސެއް ވިއްޔާ އޭގައި އަގެއް ވެސް ހުންނަން ޖެހޭނެ ކަމުގެ ރީތި މިސާލެވެ.

އާދަމްބެ އާއި ހުސެން އަބްދުއްރަހުމާންގެ ފުރާނަފުޅަށް ހެޔޮ ރަހުމަތްލައްވާށި އެވެ.

މައިންބަފައިންގެ ހުރިހާ ސިފަތަކެއް ދަރިންނަށް ވާރުތައެއް ނުވާނެ އެވެ. އެހެންކަމުން މިއަދު އާދަމްބެގެ އެއް ދަރިކަލުން އަލީ އާރިފްގެ ކިބައިން މި ފެންނަނީ އެ ކަމެވެ. އަބުރު ރައްކާތެރިކުރުމުގެ ނަމުގައި، ދިވެހި ރައްޔިތުންގެ އަސާސީ ދެ ހައްގެއް ނިގުޅައިގަންނަ ބިލް މިއަދު ފާސްވެއްޖެ ނަމަ އެ ފާސްވާނީ އާރިފް ގެންނެވި އިސްލާހުތަކާ އެކުގަ އެވެ.

ރައީސް ޔާމީންގެ އެންގެވުމަށް ކޮންމެ ފަދަ ބަދަލެއް ގާނޫނަށް ގެނަޔަސް އެކަން ގާނޫނުއަސާސީއާ ހިލާފުވާ ކަމަކަށް ނުވެ އެވެ. މާތް ﷲ ގަންދީ ކުރެއްވި ހުވަޔަށް ތެދުވެރިވެވެނީ ކޮން މިންވަރަކަށް ކަމެއް ވިސްނައެއް ނުލައްވަ އެވެ.

ބިލް ދިރާސާ ކުރި ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީގެ ބައްދަލުވުމަކަށް ފަހު އާރިފްއާ އަޅުގަނޑު ވަކިން ވާހަކަ ދެއްކީމެވެ. އޭނާގެ ބަސްމަގު އޭރު ހުރީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯއްދަވައި ދެއްވާ ނިޔަތެއްގަ އެވެ. އެކަމަކު ބިލް ފާސް ކުރާނެ ވާހަކަ އާއި އޭގެ ސަބަބަކީ "އަންނަން އޮތް ޖީލު ރައްކާތެރިކުރުން" ކަމަށް ވިދާޅުވި އެވެ.

ސުބްހާނަﷲ އެވެ. އެ ދެއްކެވީ އަންނަން އޮތް ޖީލުގެ ވާހަކަ އެވެ. މިހާރު ދުނިޔޭގައި ތިބި މީީހުންގެ ހާލު ކޮބައި ހެއްޔެވެ؟ މި ބިލާ އެކު އާރިފްގެ ވިސްނުންފުޅުގައި މި އުފެދުނީ ކުރި އަށް އޮތް ޖީލުތަކުގެ ހިމާޔަތެވެ. އެކަމަކު ސަރުކާރުން މިހާރު ނަގަމުން އަންނަ ބޮޑެތި އެތައް ލޯނުތަކުން އަންނަން އޮތް ޖީލުތަކުގެ ބޮލުގައި އެ އެޅޭ ބޮޑު ދަަރަންޏަކީ މައްސަލައެއް ނޫނެވެ. އެހެންކަމުން މައްސަލައަކަށް މި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ނަޒަަރުގައި މައްސަލައަކަށް ވާ ކަންކަމެވެ. ރައީސް ޔާމީންގެ ސިޔާސަތުގެ ސަބަބުން ކުރި އަށް އޮތް ތަނުގައި ދިމާވެދާނެ މައްސަލަތަކާ މެދު އަލީ އާރިފްގެ ހިޔާލުފުޅެއް ނެތެވެ. ރައީސް ޔާމީންގެ އެންގެވުމަށް ކޮންމެ ފަދަ ބަދަލެއް ގާނޫނަށް ގެނަޔަސް އެކަން ގާނޫނުއަސާސީއާ ހިލާފުވާ ކަމަކަށް ނުވެ އެވެ. މާތް ﷲ ގަންދީ ކުރެއްވި ހުވަޔަށް ތެދުވެރިވެވެނީ ކޮން މިންވަރަކަށް ކަމެއް ވިސްނައެއް ނުލައްވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ކަމާ ގުޅޭ ދާއިރާތަކުން މީހުން ގެންދަނީ ބިލްތަކަށް އެކަށީގެންވާ ބަދަލުތައް ގެންނާށެވެ. އެކަމަކު އާރިފް ހެއްދެވި ގޮތުން މި އެނގުނީ، އެހެން މީހުންގެ ވަގުތާއި ތަޖުރިބާ މަޖިލިހުގެ މެމްބަރުންނަށް ބޭކާރު ކަމެވެ. އަދި ރަނގަޅު ކުރެވެން އޮންނަ ކަންކަން ގޯހުން ގޯހަށް ބަދަލު ކޮށްލެވިދާނެކަން ވެސް އާރިފްގެ އިސްލާހުތަކުން މި އޮތީ އެނގޭށެވެ. ކުރި އަށް ވުރެ ބޮޑަށް ބިލް މިހާރު އެ އޮތީ ހަރުކަށިވެ، ނުރައްކާވެފަ އެވެ.

ވަށަފަރު އާދަމްބެގެ ހަނދާންތައް މިއަދު އަޅުގަނޑަށް އާލާވީ، އެ މަނިކުފާނުގެ މުޅި އުމުރު ދުވަހު މަސައްކަތްޕުޅު ކުރެއްވި މިނިވަންކަމާއި ޑިމޮކްރަސީގެ މުހިންމު އުސޫލުތައް މިއަދު ދިވެހި ރައްޔިތުންނަށް ލިބިފައި އޮއްވާ، އޭގެ ތެރެއިން އަސާސީ ދެ ހައްގެއް ގެއްލުވާލުމުގެ އިސްލާހުތައް، ދަރިކަލެއްގެ ފަރާތްޕުޅުން އައުމުންނެވެ. ރަހުމަތްތެރި އަލީ އާރިފެވެ؛ އަޅުގަނޑު މިހުރީ ދެރަވެ، ހިތާމައިގަ އެވެ. އަލީ އާރިފްގެ ނަންފުޅުގައި އެ އިސްލާހުތައް ހުށަހެޅުއްވުމުގެ ފުރުސަތު ދެއްވުމަކީ، މިއަދު އަޅުގަނޑުގެ ޝަކުވާއެކެވެ.

އާރިފްގެ އިތުރުން އަޅުގަނޑުގެ ވަރަށް ގާތް އެހެން ދެ ބޭފުޅަކު ވެސް ވަނީ ސިޔާސީ މި ހަރަކާތުގައި ވަރަށް ބޮޑަށް ބެނދެވިފަ އެވެ. އެއް ބޭފުޅަކީ، އަޅުގަނޑުގެ އުފަން ރަށް ހއ. ދިއްދޫ މެމްބަރު އަބްދުއްލަތީފު މުހައްމަދެވެ. ދެން ހުންނެވީ ނޫސްވެރިކަމުގައި އަޅުގަނޑާ އެންމެ ގާތް އެއް ބޭފުޅާ، މިހާރު ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބެވެ.

ހއ. ދިއްދޫ މެމްބަރު ލަތީފު: އެހެން މެމްބަރުން ދުރުވެގަންނަ ބިލްތައް ހުށަހަޅުއްވާ

ހއ. ދިއްދޫ މެމްބަރު ލަތީފު: އެހެން މެމްބަރުން ދުރުވެގަންނަ ބިލްތައް ހުށަހަޅުއްވާ

ލަތީފަކީ، އެކި މީހުންނަށް އަމާޒުކޮށް ސަރުކާރުން ހަދަމުން އަންނަ ގާނޫނުތައް މަޖިލިހުގެ ތަޅުމަށް ހުށަހަޅުއްވަން ބޭނުންކުރާ އެއް ވަސީލަތެވެ. އެހެން މެމްބަރުން ދުރުވެގަަންނަ އިރު ލަތީފު މި ހުންނަވަނީ މަޅީގައި ޖެހިވަޑައިގެންފަ އެވެ. މަޖިލިހުގައި ލަތީފް ދައްކަވާ ބައެއް ވާހަކަތައް އަޑުއަހަން ކުޅަދާނައެއް ނޫނެވެ. ހއ. ގެ ވެރިރަށް ތަމްސީލް ކުރައްވަން ހުންނަވާ ބޭފުޅަކަށް ވުރެ އޭނާ ފެންނަނީ ވަކި ބައެއްގެ އަތް ދަށުގައި ތާށިވެފައި ހުންނަވާ މެމްބަރެއްގެ ގޮތުގަ އެވެ.

ދެން އޮތީ މިނިވަން ނޫސްވެރިކަމަށް ރާއްޖެ ހުޅުވުނު އިރު ވެސް ނޫސްވެރިކަމުގައި އުޅުއްވި ޝަހީބުގެ ވާހަކަ އެވެ. ރައްޔިތުންގެ މަޖިލިހުގައި ބިލާ ބެހޭ ގޮތުން އޭނާ ވާހަކަ ދެއްކެވީ، މީގެ ވިއްސަކަށް އަހަރު ކުރިން، ސިފައިންގެ ބަންދުގައި ދެ ހަފުތާ ވަންދެން ހުންނަވަން ޖެހުނު އިރަށް ވުރެ ގޯސްކޮށް އޮތް ބިލެއް ދިފާއު ކުރައްވަ އެވެ. "ކުޑަގޮޅީ"ގެ ނަމުގައި ޝަހީބު ލިއުއްވި ކުރު ވާހަކަ "ހަވީރު"ގައި ޖެހިތާ ހަތަރު ވަރަކަށް ގަޑިއިރުގެ ތެރޭގައި ސިފައިން ތިބީ ހައްޔަރު ކުރަން ގޮސް އޭނާގެ ގޭގަ އެވެ. އޭނާ ލިއުއްވި ހިޔާލީ އެ ވާހަކާގައި ތަމްސީލު ކޮށްދެއްވީ ރާއްޖޭގެ ޖަލެއްގައި އަަންހެން ކުއްޖަކަށް ދިމާވާ ހާދިސާއެކެވެ.

އެކަމަކު އެ ދުވަހަށް ވުރެ މާ ނުރައްކާތެރި ގޮތަކަށް ފަރުމާ ކޮށްފައި އޮތް ބިލަކަށް، ނޫސްވެރިންގެ ހިމާޔަތުގައި މަސައްކަތް ކުރަން ޖެހޭ މުއައްސަސާއެއްގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ޝަހީބު ދެއްކެވީ ވަރަށް ތާކުންތާކު ނުޖެހޭ ވާހަކައެކެވެ. ބިލްގެ ހުރިހާ ކޮޅަކަށް ބައްލަވާފައެއް ނެތެވެ. މިވަރުގެ ކޮމިޝަނަކަަށް ނޫސްވެރިންގެ މައްސަލަތައް، އިންސާފުވެރިކަމާ އެކު ބެލޭނެ ގޮތެއް ނެތެވެ. އެ އިތުބާރެއް ވެސް ނެތެވެ.

ބިލް ދިރާސާކުރި ކޮމިޓީގައި ޝަހީބު ވާހަކަދައްކަވަނީ: ނޫސްވެރިންގެ ހިމާޔަތުގައި ކުރައްވާނީ ކޮން ކަމެއް ބާ؟

ބިލް ދިރާސާކުރި ކޮމިޓީގައި ޝަހީބު ވާހަކަދައްކަވަނީ: ނޫސްވެރިންގެ ހިމާޔަތުގައި ކުރައްވާނީ ކޮން ކަމެއް ބާ؟

މި ހުރިހާ ވާހަކައެއް އަޅުގަނޑު މި ލިއުނީ މިއަދުގެ ބިލް ފާސްވުމަށް ފަހު އެކި ބޭފުޅުންގެ ނަން ޖަހައިގެން ފާޑުކިއުމުގެ ފުރުސަތު ގެއްލޭނެތީ އެވެ. އެ ފުރުސަތު އެ ގެއްލެނީ އާރިފާއި ލަތީފު އޭގައި ބައިވެރިވެވަޑައިގެން ތިއްބަވަ އެވެ. ޝަހީބުގެ ރޯލަކަށް ދެން ވާނީ، އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި، އާ ގާނޫނުގެ ދަށުން އަދަބު ލިބެން ޖެހޭ ނޫސްވެރިންގެ މައްސަލަތައް ބެލުމެވެ.

ދިވެހިންނަށް ލިބިފައި އޮތް މިނިވަންކަމެއް ވިއްޔާ ލިބުނީ ހާދަހާ ބޮޑެތި މަސައްކަތްތަކެއް ކޮށްގެންނެވެ. އެކަމަކު އެ މާޒީގެ މަތިން މިއަދު، ސަރުކާރުގެ މެމްބަރުންނާއި ސަރުކާރުގެ ދަށުވެފައި ތިބި މީހުންނާއި ސަރުކާރަށް ސަޕޯޓްކުރާ މީހުން ހަނދާނެއް ނެތެވެ. މިއަދު އެ އެންމެން ބޭނުންވަނީ ސަރުކާރު ޒިންމާދާރު ކުރުމުގެ އެއްވެސް ރޯލެއް ކުޅޭނެ ފުރުސަަތު ނުދޭށެވެ. އެކެއްގެ ބާރު މާ ގަދަވެއްޖެ ނަމަ މިކަހަލަ ކަންކަމާ ރައްޔިތުން ކުރިމަތިލާނެ އެވެ. އެކަމަކު އެއީ ދާއިމީ ހަައްލެއް ނޫނެވެ.

ވަށަފަރު އާދަމްބެ އަޅުގަނޑުމެންނަށް ދެއްކެވި ހިކުމަތުގައި އޮތީ އެ ފިލާވަޅެވެ. އޭނާ ބައެއް މީހުން ކައިރީ ދެއްކެވީ އެ ވާހަކަފުޅެވެ. އަޅުގަނޑު މިއަދު ވެސް ބޭނުންވަނީ އެ ކުޑަކުޑަ ވަށަފަރުން އުފެދުނު އާދަމްބެ ފަދަ ޝަހުސިއްޔަތުތަކެވެ.

އެޑިޓަރުގެ ނޯޓު:

މޫސާ ލަތީފަކީ މިހާރު ހުއްޓާލައިފައިވާ "ހަވީރު"ގެ އެޑިޓަރެވެ. "މިހާރު"ގެ އެޑިޓަރުގެ އެދުމުގެ މަތިން އޭނާ މި ކޮލަމް ލިއުއްވީ، މިއަދު ބިލް ފާސްވެއްޖެ ނަމަ އެހެން މީހުންނަށް ނިސްބަތްކޮށް ފާޑުކިއުމުގެ ދޮރު ވަރަށް ބޮޑަށް ބަންދުވާނެތީ އެވެ.