Roadha Mihaaru
ހިޔާ މަޝްރޫއަށް ފޯމު ހުށަހެޅި މީހުންގެ ހާލަތު ބަލަނީ

ހިޔާ މަޝްރޫއަށް ފޯމު ހުށަހެޅި މީހުންގެ ހާލަތު ބަލާނެ ބަޔަކު ހޯދަނީ

06 ސެޕްޓެމްބަރ 2019

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ހޯދުމަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ދިިރިއުޅުމުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ރައީސް އޮފީހުން އިއްޔެ އިއުލާންކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ހޯދުމަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ދިިރިއުޅުމުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ރައީސް އޮފީހުން އިއްޔެ އިއުލާންކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ 12 ކެޓަގަރީއަކަށް 22،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އެވެ. އޭގެ ތެރެއިން 6،723 މީހަކަށް ފްލެޓް ލިބޭކަން ޔާމީންގެ ސަރުކާރުން ވަނީ އަންގައިފަ އެވެ. ނަމަވެސް، އެކަން ކޮށްފައިވަނީ ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެ އަށް ނުގޮސް ކަމަށް، ފްލެޓުގެ މައްސަލަ ބެލުމަށް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ކޮމެޓީން ވަނީ ބުނެފަ އެވެ.

ރައީސް އޮފީހުން އިއްޔެ ކުރި އިއުލާނުގައި ބުނީ ހިޔާ މަޝްރޫއަށް ފޯމު ހުށަހެޅި މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުދަ ދުވަހުގެ މެންދުރު 1:00 އަށް އެ އޮފީހަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށް ފަހު މި މަހުގެ 17 ވަނަ ދުވަހު އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށެވެ.

ފްލެޓް ދޫކޮށްފައި ވަނީ އިންސާފުންތޯ ބަލަން އެކުލަވާލި ކޮމިޓީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމެޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- މިހާރު ފޮޓޯ

ފްލެޓް ދޫކޮށްފައި ވަނީ އިންސާފުންތޯ ބަލަން އެކުލަވާލި ކޮމިޓީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމެޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- މިހާރު ފޮޓޯ

ހިޔާ މަޝްރޫއުގެ އިތުރުން ފްލެޓް ކޮމިޓީން އަންނަނީ ގެދޮރުވެރި ކުރުމުގެ މަޝްރޫއާއި ގުޅިފަޅު ޕްރޮޖެކްޓުގެ މައްސަލަތައް ވެސް ބަލަމުންނެވެ. ގުޅިފަޅު ޕްރޮޖެކްޓާ ގުޅޭ ޝަކުވާތައް ބެލުމަށް ފަހު ކޮމިޓީން ނިންމާފައި ވަނީ މި ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކުރާ 4،000 ފްލެޓުގެ ތެރެއިން ފުރަތަމަ ބުރުގައި އެ އާއިލާތަކަށް ފްލެޓް ދިނުމަށެވެ.

މި ކޮމިޓީގެ މަސައްކަތް ނިންމަން އަންނަ ޑިސެމްބަރު 15 އަށް ރައީސް އޮފީހުން މުއްދަތެއް ދީފައި ވެ އެވެ.

ޗައިނާގެ ކޮންޓްރެކްޓަރު، ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލުކޮށްފައިވާ މަޝްރޫއު އަށް ކުރީގެ ސަރުކާރުން ވަނީ ޗައިނާގެ އެގްޒިމް ބޭންކުން 437 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފަ އެވެ. އެ ލޯނު ހޯދާފައި ވަނީ ސަރުކާރުގެ ސޮވެރިން ގެރެންޓީއާ އެކު ހަ ޕަސެންޓްގެ އިންޓަރެސްޓް ރޭޓްގަ އެވެ. އެގޮތުން ލޯނުގެ 15 ޕަސެންޓް، ފަސް އަހަރުގެ ތެރޭގައި އަދި އަނެއް 85 ޕަސެންޓް 15 އަހަރުގެ ތެރޭގައި ދަައްކަން ޖެހެ އެވެ.