Roadha Mihaaru
ފްލެޓް ހައްގުވާ ލިސްޓުގެ ހާމަކަން ބޮޑުވާނެ: ކޮމިޓީ

ފްލެޓް ހައްގުވާ ލިސްޓުގެ ހާމަކަން ބޮޑުވާނެ: ކޮމިޓީ

06 ފެބުރުއަރީ 2020

ހިޔާ މަޝްރޫއުގެ ފޯމުތައް ދިރާސާކޮށް، ފްލެޓް ހައްގުވާ ފަރާތްތައް ކަނޑައަޅައި، އާއްމުކުރާ ލިސްޓުގެ ހާމަކަން ބޮޑުވާނެ ކަމުގެ ޔަގީންކަން ފްލެޓް ކޮމިޓީން މިއަދު ދީފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހިޔާ މަޝްރޫއުގެ ފޯމުތައް ދިރާސާކޮށް، ފްލެޓް ހައްގުވާ ފަރާތްތައް ކަނޑައަޅައި، އާއްމުކުރާ ލިސްޓުގެ ހާމަކަން ބޮޑުވާނެ ކަމުގެ ޔަގީންކަން ފްލެޓް ކޮމިޓީން މިއަދު ދީފި އެވެ.

އެ ކޮމިޓީން އާއްމުކުރި ބަޔާނުގައި ބުނީ ލިސްޓު އެކުލަވާލަމުން އަންނަނީ ހިޔާ މަޝްރޫއަށް ހުށަހެޅި ހުރިހާ ފޯމެއް ވަކިވަކިން ޗެކްކޮށްފައި ކަމަށެވެ. ފްލެޓް ލިބޭނެ ފަރާތްތައް ކަނޑައަޅައި އާއްމުކުރާ އިރު ކޮންމެ މީހަކަށް ލިބިފައިވާ ޕޮއިންޓާއި އެ ޕޮއިންޓް ލިބުނު ގޮތް ސާފުވާނެ ކަމަށް ބަޔާނުގައިވެ އެވެ.

"ޝަރުތު ހަމަނުވާ ފަރާތްތައް ވެސް ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅިފައިވާ ސަބަބު ސާފުކޮށް ބަޔާންކުރެވޭނެ އެވެ. އަދި މިގޮތަށް އާއްމުކުރާ ލިސްޓުތަކާ ގުޅޭ ގޮތުން އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅަން ބޭނުން ނަމަ އެ ފުރުސަތު ހުޅުވާލެވޭނެ ކަން ވެސް މި ފުރުސަތުގައި ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

ކޮމިޓީން ބުނިގޮތުގައި މިހާތަނަށް އެންމެ ދިގު މުއްދަތެއް ހޭދަކުރަން ޖެހުނީ ހިޔާ މަޝްރޫއާ ގުޅުން ހުރި ލިޔެކިޔުންތައް ހޯދައި ހަމަކޮށް، އެ ލިއުންތައް ތަރުތީބު ކުރުމަށެވެ. އެ މަސައްކަތް ނިމި ހިޔާ މަޝްރޫއުގެ ފޯމުތައް އިވެލުއޭޓްކުރާއިރު ޕޮއިންޓް ދޭން ނިންމާފައި ވަނީ ހައުސިން މިނިސްޓްރީން ކުރިން އާއްމުކޮށްފައިވާ މިންގަނޑަށެވެ. ކޮމިޓީން ބައެއް ފޯމުތައް ބެލިއިރު، ކުރިން ޕޮއިންޓް ދީފައި ވަނީ އެ އުސޫލާ އެއްގޮތަށް ނޫން ކަމަށް ކޮމިޓީން ބުންޏެވެ.

ބަޔާނުގައި ބުނީ ހިޔާ މަޝްރޫއުގައި ހުށަހެޅި ފޯމުތަކަށް "ދިރިއުޅުމުގެ ހާލަތު" ބަޔަށް ޕޮއިންޓް ދީފައި ވަނީ ކޮން ކަންތައްތަކަކަށް ކަމެއް ނުވަތަ ގެންގުޅެފައި ވަނީ ކޮން މިންގަނޑެއް ކަމެއް ކޮމިޓީން ބެލިބެލުމުން އެނގެން ނެތް ކަމަށެވެ.

"އެހެންކަމުން މި ބަޔަށް ޕޮއިންޓް ދިނުމުގައި ބަލާނެ ކަންތައްތައް ހިމެނޭ މިންގަނޑެއް، މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުގެ މަޝްވަރާގެ މަތިން ވަނީ އެކުލަވާލައިފަ އެވެ. އަދި ދިރިއުޅުމުގެ ހާލަތު ބެލުމަށް ފަހުގައި ކަމަށް ކޮމިޓީން ނިންމާފައިވާތީ ދިރިއުޅުމުގެ ހާލަތު މި ބަޔަށް ޕޮއިންޓް ދިނުމަށްޓަކައި ގޭގެއަށް ޒިޔާރަތްކޮށް ހާލަތު ވަޒަންކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފެށިފަ އެވެ،" ބަޔާނުގައިވެ އެވެ.

ހުރިހާ ކެޓަގަރީއަކުން ވެސް ދިރިއުޅުމުގެ ހާލަތު ބަލާނެ

ފްލެޓަށް އެދި ފޯމު ހުށަހެޅި މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލަން ކޮމިޓީން އަންނަނީ ގޭގެއަށް ޒިޔާރަތްކުރަމުންނެވެ. އެ ކޮމިޓީން ބުނިގޮތުގައި ހުރިހާ ކެޓަގަރީއަކުން ވެސް ދިރިއުޅުމުގެ ހާލަތު ބަލާނެ އެވެ.

ކޮމިޓީން ބުނީ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް ފަށަނީ އެ ކެޓަގަރީއެއްގެ ހުރިހާ ފޯމެއް ޗެކްކޮށް ނިމުމުންނެވެ. އެ މަސައްކަތަށް ފަހު ދިރިއުޅުމުގެ ހާލަތު ވަޒަންކުރަމުން އަންނަނީ H4 ،H5 ،H6 ،H10 ،H12 ،H13 ،H14 ،H15 ގައި ކަމަށް ކޮމިޓީން ބުންޏެވެ. ފޯމުތައް ޗެކްކޮށް، މާކްސްތައް އެންޓާކުރުމަށް ފަހު ދެން ހުރި ކެޓަގަރީތަކުން ވެސް ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ކޮމިޓީން ބުންޏެވެ.

ހިޔާގެ 12 ކެޓަގަރީން ހާލަތު ބަލާފައިވާ ގޮތުގެ ތަފްސީލް ވެސް ބަޔާނުގައި އާއްމުކޮށްފައިވެ އެވެ.

އެ ކޮމިޓީން ބުނީ "ދިރިއުޅުމުގެ ހާލަތު" ވަޒަންކުރުމުގެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ކުރާ ކަމަކީ، އެ ކެޓަގަރީއަކުން ސްކްރީން ޕްރޮސެސް އިން ޝަރުތު ހަމަވާކަމަށް ކަނޑައެޅޭ ފަރާތްތަކަށް ގުޅައި، އެ ފަރާތްތަކުން މިހާރު ދިރިއުޅޭ އެޑްރެސް ވެރިފައިކުރުމުގެ މަސައްކަތް ކަމަށެވެ. މިގޮތަށް އެ ކެޓަގަރީއަކުން ޝަރުތު ހަމަވާ ފަރާތްތަކުގެ އެޑްރެސް ވެރިފައިކުރުމަށް ފަހު، ގޭގެއަށް ޒިޔާރަތްކުރުމަށް ވަކި މުއްދަތެއް ކަނޑައެޅޭ ކަމަށް ބަޔާނުގައިވެ އެވެ.

"މި ދެންނެވި ޓީމުތަކުން، ކަނޑައެޅިފައިވާ ދުވަސްދުވަހު ޒިޔާރަތްކުރުމަށް ކަނޑައެޅިފައިވާ ފަރާތްތަކަށް ގުޅައި، އެ ގެއަކަށް 'ދިރިއުޅުމުގެ ހާލަތު' ބެލުމަށް ދިޔުމަށް ނިންމާފައިވާކަން ދަންނަވައި، އެއްބަސްވެވޭ ވަގުތެއްގައި އެގެއަށް ގޮސް 'ދިރިއުޅުމުގެ ހާލަތު' ބެލުމުގެ މަސައްކަތް ކުރިއަށްގެންދެ އެވެ،" ބަޔާނުގައިވެ އެވެ.

ކޮމިޓީން ބުނީ ހިޔާ އަށް ފޯމު ހުށަހެޅި ބައެއް ފަރާތްތަކުން ރާއްޖޭގެ އެކި ރަށްރަށުގައި ވެސް ދިރިއުޅެ އެވެ. އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ މަސައްކަތް ކުރަނީ ކައުންސިލް މެދުވެރިކޮށް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ހިޔާ މަޝްރޫއުގެ އެކިއެކި ކެޓަގަރީތަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބެލުމަށް ފަހު، ލިބޭ މައުލޫމާތު ސިސްޓަމަށް އެންޓާކުރުމުގެ މަސައްކަތް ކުރެވޭނެ އެވެ. އަދި ފޯމަށް ދެވޭ ޕޮއިންޓާއި ދިރިއުޅުމުގެ ހާލަތުގެ ބަޔަށް ދެވޭ ޕޮއިންޓް އެއްކޮށް މި ދެ ބަޔަށް ލިބޭ ޕޮއިންޓްގެ މައްޗަށް ބިނާކޮށް، ފްލެޓް ހައްގުވާ ފަރާތްތަކުގެ ލިސްޓް އެކުލަވާލެވި އާންމުކުރުމުގެ މަސައްކަތް ކުރެވޭނެ އެވެ،" ބަޔާނުގައިވެ އެވެ.