Roadha Mihaaru
ދިރިއުޅުމުގެ ހާލަތު ބަލަން ނުގުޅޭ މީހުންގެ ލިސްޓު އާންމުކޮށްފި

ދިރިއުޅުމުގެ ހާލަތު ބަލަން ނުގުޅޭ މީހުންގެ ލިސްޓު ރައީސް އޮފީހުން އަނެއްކާ ވެސް އާންމުކޮށްފި

16 އޯގަސްޓް 2020

ހިޔާ މަޝްރޫގެ ފްލެޓްތަކަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ބަލަން ނުގުޅޭ މީހުންގެ ލިސްޓު ރައީސް އޮފީހުން އަނެއްކާ ވެސް އާއްމުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހިޔާ މަޝްރޫގެ ފްލެޓްތަކަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ބަލަން ނުގުޅޭ މީހުންގެ ލިސްޓު ރައީސް އޮފީހުން އަނެއްކާ ވެސް އާއްމުކޮށްފި އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތް ކުރަން ފެށި ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއަށް ކުރިމަތިލީ މީހުންގެ ތެރެއިން ފްލެޓު ލިބޭ މީހުން ހޮވަން ހަމަޖައްސާފައިވަނީ ޝަރުތުހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމަށްފަހުގަ އެވެ. ދީފައިވާ ނަންބަރުތަކަށް ނުގުޅިގެން މީގެ ކުރިން ވެސް އެކި ކެޓަގަރީތަކުން 475 މީހެއްގެ ނަން ހާމަކުރި އެވެ.

ރައީސް އޮފީހުން މިއަދު އާއްމުކުރީ، H9 އަދި H11 ގެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ނުގުޅުނު 102 މީހެއްގެ މައުލޫމާތެވެ. އެއީ ކެޓަގަރީ H9 އިން 79 މީހަކާއި H11 ކެޓަގަރީން 23 މީހެކެވެ.

އެ ލިސްޓުގައި ހިމެނޭ މީހުން، ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީއަށް އެކަން އަންގަން ރައީސް އޮފީހުން ވަނީ އެދިފަ އެވެ. އެގޮތުން އަންނަ އާދިއްތަ ދުވަހުގެ 3:00 ގެ ކުރިން އޮންލައިންކޮށް ފޯމެއް ފުރުމަށްފަހު ހުށަހަޅަންޖެހެ އެވެ.

އެ 7،000 ފްލެޓު ނިންމަން ޗައިނާގެ ކުންފުންޏާ އެކު އެއްބަސްވެފައި އޮތީ މިދިޔަ އަހަރުގެ ޑިސެމްބަރަށެވެ. އެކަމަކު މަސައްކަތް ނިންމަން އަދި އަށް މަސްވަރު ނަގާނެ ކަމަށް، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވެފައި ވެ އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއުގައި ފްލެޓް ލިބުނު މީހުންގެ ލިސްޓް ކުރީ ސަރުކާރުން ނެރުނެވެ. އެކަމަކު އެއީ ނާއިންސާފު ލިސްޓެއް ކަމަށް ބުނެ މި ސަރުކާރުން އަންނަނީ އާ ލިސްޓުތަކެއް އެކުލަވާލަމުންނެވެ. އެ ލިސްޓުގައި ފްލެޓް ލިބޭނީ އެންމެ ހައްގުވެރިންނަށް ކަމުގެ ޔަގީންކަން ސަރުކާރުން ދެ އެވެ.

ފްލެޓް ލިބޭ ހައްގުވެރިންގެ ލިސްޓު މިދިޔަ މަހުގެ ފަހުކޮޅު އިއުލާންކުރާނެ ކަމަށް ކުރިން ބުންޏަސް މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމުން ބައެއް މަސައްކަތްތައް ހުއްޓިފައިވާ ކަމަށް ފްލެޓު ކޮމިޓީން ވަނީ ބުނެފަ އެވެ.

ކުރިން ކަނޑައެޅި ތާވަލާ އެއްގޮތަށް ޖުލައި މަހުގެ ފަހުކޮޅު ނުވަތަ މި މަހުގެ ކުރީކޮޅު ލިސްޓްތައް އާއްމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށާއި އެކަމަކު ބައެއް މުވައްޒަފުން ކަރަންޓީން ކުރުމުން އެކަންތައްތައް ހުއްޓުނީ ކަމަށް ބުންޏެވެ.