11 ސެޕްޓެމްބަރ 2019
ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ ބާރު ހުޅުމާލޭ ކޯޓަށް ކުރިން ލިބިފައި ނެތް ކަމަށް ހައި ކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.
ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ ބާރު ހުޅުމާލޭ ކޯޓަށް ކުރިން ލިބިފައި ނެތް ކަމަށް ހައި ކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.
ހައި ކޯޓުން އެގޮތަށް ކަނޑައެޅީ މަސްތުވާތަކެތީގެ މައްސަލައެއްގައި މިދިޔަ ޖޫން މަހު ހުޅުމާލެ އިން ހައްޔަރުކުރި މީހަކު ބަންދުގައި ބަހައްޓަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު އިސްތިއުނާފް ކުރުމުންނެވެ. އެ ކޯޓުގެ އަމުރެއްގެ ދަށުން އެ މީހާ ފުރަތަމަ ހައްޔަރުކޮށް ބަންދާ މެދު ކްރިމިނަލް ކޯޓަށް ގެންދިއުމުން ހުޅުމާލޭ ކޯޓުގެ އަމުރުގައި މައްސަލަތަކެއް ހުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ. އެކަމަކު ދެވަނަ ފަހަރަށް ހުޅުމާލޭ ކޯޓުގެ އަމުރެއްގެ ދަށުން އޭނާ އަލުން ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ހުޅުމާލޭ ކޯޓަށް ގެންދިއުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ.
ހުޅުމާލޭ ކޯޓުގެ އެ އަމުރު އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖްރާއާތުގެ ގަވާއިދު އޭރު އޮތްގޮތުން މާލޭގައި ހައްޔަރު ކުރާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ޖެހެނީ ކްރިމިނަލް ކޯޓަށް ކަމަށެވެ. އަދި އިދާރީ ދާއިރާތައް ކަނޑައަޅާފައި ހުރިގޮތުން ހުޅުމާލެއަކީ މާލޭގެ ބައެއް ކަމަށް ވާއިރު، ހުޅުމާލޭ އާއި މާލޭގެ އިތުރުން ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކާ ގުޅޭގޮތުން އަމުރުތައް ނެރެވޭނީ ކްރިމިނަލް ކޯޓަށް އެކަނި ކަމަށް ސުޕްރީމް ކޯޓުގެ ސާކިއުލާއަކުން ކުރިން އަންގާފައި އޮތް ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
ބަންދާ މެދު ގޮތެއް ނިންމުމުގެ ބާރު ހުޅުމާލޭ ކޯޓަށް ލިބޭ ގޮތަށް ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖްރާއާތުގެ ގަވާއިދު އިސްލާހުކުރީ މިދިޔަ ޖުލައި މަހު ކަން ފާހަގަކޮށް، ހައި ކޯޓުގެ ހުކުމުގައިވަނީ އެ މީހާ ބަންދުގައި ބަހައްޓަން ހުޅުމާލޭ ކޯޓުން އަމުރު ނެރުނީ އެ ގަވާއިދު އިސްލާހު ކުރުމުގެ ކުރިން ކަމަށްވާތީ އޭރު އެ އަމުރު ނެރުނީ ބަންދާ މެދު ގޮތެއް ނިންމުމުގެ ބާރު ހުޅުމާލޭ ކޯޓަށް ލިބިފައި ނެތް ދުވަސްވަރެއްގައި ކަމަށެވެ.
ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން މީހެއްގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން އެ މީހާ ބަންދުން ދޫކޮށްލައިފި ނަމަ އެ އަމުރު އިސްތިއުނާފް ނުކުރިޔަސް، ވަކި ހާލަތްތަކެއްގައި އާ އަމުރެއްގެ ދަށުން އެ މީހާ އަނެއްކާވެސް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރެވިދާނެ އެވެ. އެގޮތުން ކުރިން ހުށަހެޅިފައި ނެތް އާ ހެކިތަކެއް ހުށަހަޅައިފި ނަމަ އެ މީހާ އަލުން ބަންދު ކުރުމުގެ ބާރު އެ މީހާ ދޫކޮށްލަން ކުރިން އަމުރުކުރި ކޯޓަށް ނުވަތަ އެ މަރުހަލާގެ އެހެން ކޯޓުތަކަށް ވެސް އޮންނާނެ ކަމަށް އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން އިޖްރާއާތު ގޯސްވުމުގެ ސަބަބުން ނުވަތަ ހައްޔަރު ކުރުމުގައި އަމަލުކުރި ގޮތް ގޯސްވުމުގެ ސަބަބުން މީހުން ބަންދުން ދޫކޮށްލާ ހާލަތްތަކުގައި ވެސް، އެކަންކަން ރަނގަޅު ކުރުމަށް ފަހު އެ މީހަކު އަލުން ހައްޔަރު ކުރަން ނުވަތަ ބަންދުގައި ބަހައްޓަން އަމުރު ނެރުމުގެ ބާރު އެ ކޯޓަކަށް ނުވަތަ އެ މަރުހަލާގެ އެހެން ކޯޓުތަކަށް ވެސް އޮންނާނެ ކަމަށް އެ ހުކުމުގައިވެ އެވެ. އެކަމަކު އެ ނޫން ހާލަތްތަކުގައި އެފަދަ މީހުން ހައްޔަރު ކުރެވޭނީ އިސްތިއުނާފް މަރުހަލާއިން ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެ މައްސަލާގައި އެ މީހާ ދޫކޮށްލަން ކްރިމިނަލް ކޯޓުން ފުރަތަމަ އަމުރުކުރީ ހުޅުމާލޭ ކޯޓުގެ އަމުރުގައި މައްސަލަތަކެއް ހުރުމުން ކަމަށާއި އޭނާ ބަންދުގައި ބަހައްޓަން ޖެހޭތޯ ނުވަތަ ނޫންތޯ ކްރިމިނަލް ކޯޓުން އޭރު ނިންމާފައި ނެތް ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އެކަންކަން ރަނގަޅު ކުރުމަށް ފަހު ހުޅުމާލޭ ކޯޓުން އޭނާ ހައްޔަރު ކުރަން އާ އަމުރެއް ނެރުނީ ގާނޫނާ ޚިލާފަށް ކަމަށް ނުބެލެވޭ ކަމަށް އެ ހުކުމުގައިވެ އެވެ.
"ކޯޓު އަމުރަކީ އެފަދަ އަމުރުތައް ނެރުމުގެ އިހްތިސާސް އެ ކޯޓަށް ލިބިފައި ނެތީސް ނެރެފައިވާ އަމުރެއް،" ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، ހައި ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައިވަނީ އޭނާ ބަންދުގައި ބަހައްޓަން ހުޅުމާލޭ ކޯޓުން ނެރުނު އަމުރު ބާތިލްކުރާ ކަމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ހަސަން އަލީގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުއައިބެވެ.
ޑްރަގް މައްސަލާގައި ދެމަފިރިންނާ ދެކޮޅު ހެކި ރަނގަޅު
މީހަކު މަރުވި އެކްސިޑެންޓްގައި ބަންދުކުރީ ރަނގަޅަށް
ޝާދިޔާ ބަންދުކުރީ ގާނޫނާ ހިލާފަށް: ހައި ކޯޓް
ޖިންސީގޯނާގެ 17 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެއްޖެ
ޝާދިޔާ ބަންދުކުރި މައްސަލާގައި ބަދަލު ނަގައިދޭން އެދެފި
މީހަކު މަރުވި އެކްސިޑެންޓުގެ މައްސަލަ ހައިކޯޓަށް
މަނާތަކެތި ވެއްދި މައްސަލާގައި ބަންދުކުރީ ގޯސްކޮށް
ހައި ކޯޓުގައި ފުލުހުން ދޮގު ހެދިކަމުގެ ތުހުމަތު!
119 ކިލޯ ޑްރަގް:އެކަކު ދޫވި މައްސަލަ ހައިކޯޓަށް
އެއާޕޯޓްގައި މާރާމާރި ހިންގި މީހާ ކޯޓުން ދޫކޮށްލައިފި