Roadha Mihaaru

ޒައިދާނަށް ދައުވާ އުފުލިތާ 1،000 ދުވަސްވީ އިރު ޝަރީއަތް ނުފެށޭ

ކާބޯތަކެތީގެ ހިދުމަތްދޭ ތަނަކަށް އެކި ދުވަސް މަތިން ފޭކް ސްލިޕް ފޮނުވައި، ހިދުމަތް ހޯދި މައްސަލާގައި މި ހަފްތާ ތެރޭ ހައްޔަރުކުރި ޒައިދާން މުހައްމަދު ހާޝިމްގެ މައްޗަށް މަކަރާއި ހީލަތުގެ އެހެން މައްސަލައެއްގައި ދައުވާ އުފުލައި ޝަރީއަތް ނުފެށި އޮންނަތާ 1،000 އަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޒައިދާންގެ ޝަރީއަތް ނުފެށި 1،000 ދުވަސް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

28 މެއި 2025

ކާބޯތަކެތީގެ ހިދުމަތްދޭ ތަނަކަށް އެކި ދުވަސް މަތިން ފޭކް ސްލިޕް ފޮނުވައި، ހިދުމަތް ހޯދި މައްސަލާގައި މި ހަފްތާ ތެރޭ ހައްޔަރުކުރި ޒައިދާން މުހައްމަދު ހާޝިމްގެ މައްޗަށް މަކަރާއި ހީލަތުގެ އެހެން މައްސަލައެއްގައި ދައުވާ އުފުލައި ޝަރީއަތް ނުފެށި އޮންނަތާ 1،000 އަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުން "މިހާރު" އަށް ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން ޒައިދާން އާއި އިތުރު ބަޔަކު ބައިވެރިވެގެން، 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެކި ދުވަސްމަތިން، ހުޅުމާލޭ ހޯމްވޯކް ފިހާރައިގެ މޯބައިލް ނަމްބަރަށް ގުޅައިގެންނާއި މެސެޖުކޮށްގެން 147،181ރ. ގެ މުދާ ހޯދި އެވެ. އަދި އެ ތަކެތި ހޯދުމަށް ފަހު، އޭގެ އަގު އަދާކުރިކަން ދެއްކުމުގެ ގޮތުން ސައްހަ ނޫން ސްލިޕްތަކެއް ފިހާރައަށް ފޮނުވި ކަމަށް ދައުވާގައިވެ އެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި އެ މައްސަލާގައި ޒައިދާންގެ މައްޗަށް، މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދެ ދައުވާއެއް ކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް އޭޕްރީލް 7، 2022 ގައި ވަނީ ހުށަހަޅައިފަ އެވެ.

އޭގެ ފަހުން 1،146 ދުވަސް ނުވަތަ ތިން އަހަރާއި އެއް މަހާއި 20 ދުވަސް ވީއިރު އަދިވެސް އެ މައްސަލަ އޮތީ އިބްތިދާއީ މަރުހަލާގަ އެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގައި ގިނަ އަޑުއެހުންތަކެއް ތާވަލުކުރި ނަމަވެސް ދައުވާ ލިބޭ ފަރާތުން ހާޒިރުނުވާތީ އާއި ޗިޓު ރައްދުކުރެވިފައިނުވާތީ ގިނަ އަޑުއެހުންތަކެއް ކެންސަލްކުރަންޖެހުނު ކަމަށެވެ.

އިއްޔެއަށް ވެސް އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރި އެވެ.

ޒައިދާންގެ މައްޗަށް ކޮށްފައިވާ މަކަރާއި ހީލަތުގެ ކޮންމެ ދައުވާއަކާ ގުޅިގެން އަންނާނެ އަސާސީ އަބަދަކީ އެއް އަހަރާއި 7 މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ. މީގެ ދެ ދައުވާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އުފުލާފައިވެ އެވެ.

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މި ދެ ދައުވާގެ އިތުރުން ބަންގްލަދޭޝް މީހެއް ކަމަށްވާ ރޮބް މަޓުބާއަށް ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން 28،450ރ. އެ މީހާގެ އަތުން ހޯދައި، 1،500 ޑޮލަރުގެ ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ވެސް ޒައިދާންގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.

އެ މައްސަލާގައި ޕީޖީ އޮފީހުން އޭނާގެ މައްޗަށް ކުރަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ މިދިޔަ އަހަރުގެ ޑިސެމްބަރު 24 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވާއިރު އެ މައްސަލަ ވެސް އޮތީ އިބްތިދާއީ މަރުހަލާގަ އެވެ.

އެ ދައުވާއާ ގުޅިގެން މިހާތަނަށް ބާއްވާފައި ވަނީ އެންމެ އަޑުއެހުމެކެވެ. އެ އަޑުހުން ބޭއްވީ މިދިޔަ މަހުގެ 6 ގަ އެވެ. މި ދައުވާއާ ގުޅިގެން އޭނާގެ މައްޗަށް އަންނާނެ އެންމެ ބޮޑު ހުކުމަކީ ވެސް 9 މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

އެ ދެ މައްސަލަ ފިޔަވައި އޭނާގެ މައްޗަށް އިތުރު މައްސަލައެއް މިވަގުތު ޕީޖީ އޮފީހަކު ނެތެވެ.

މި ހަފްތާގައި ޒައިދާން އަނެއްކާ ވެސް ހައްޔަރުކުރީ އެކި ދުވަސްމަތިން "ފުޑީސް ޑެލިވަރީ" އިން ކާބޯތަކެތި އޯޑަރުކުރުމަށް ފަހު، ފައިސާ ދެއްކި ކަމަށް ފޭކް ސްލިޕްތަކެއް ފޮނުވި މައްސަލައިގަ އެވެ. އޭނާ ވަނީ 30 ފަހަރެއްގެ މަތިން ޖުމްލަ 9،000ރ. އަށް ވުރެ ގިނަ ރުފިޔާގެ ކާބޯތަކެތި އޯޑަރުކޮށްފަ އެވެ.

އެ މައްސަލާގައި އޭނާގެ ބަންދަށް ވަނީ 15 ދުވަސް ކޯޓުން ދީފަ އެވެ.