Roadha Mihaaru
ފްރާންސްގެ މައި ޓޫރިޒަމް ފެއާގައި ރާއްޖެ ބައިވެރިވެއްޖެ

ފްރާންސްގެ އެންމެ ބޮޑު ޓޫރިޒަމް ފެއާގައި ރާއްޖެ އިޝްތިހާރު ކުރަނީ

20 ސެޕްޓެމްބަރ 2016

ފްރާންސްގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް އަދި ޓޫރިޒަމް ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ފްރާންސްގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް އަދި ޓޫރިޒަމް ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އިންޓަނޭޝަނަލް ފްރެންޗް ޓްރެވަލް މާކެޓް (އައިއެފްޓީއެމް) ގައި ބައިވެރިވެ، ރާއްޖެ އިޝްތިހާރު ކުރަމުން އަންނަ ކަމަށެވެ. އެ ފެއާގައި އެމްއެމްޕީއާރުސީގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ 12 ފަރާތަކުން ބައިވެރިވާ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.

އައިއެފްޓީއެމް ފެއާގައި ހުރި ރާއްޖޭގެ ސްޓޭންޑް.-- ފޮޓޯ: އެމްއެމްޕީއާރުސީ

އައިއެފްޓީއެމް ފެއާގައި ހުރި ރާއްޖޭގެ ސްޓޭންޑް.-- ފޮޓޯ: އެމްއެމްޕީއާރުސީ

ފެއާގައި ރާއްޖެ އަށް 60 އަކަމީޓަރުގެ ބޮޑު ސްޓޭންޑެއް ލިބިފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. އަދި ފެއާ އަށް ވަންނަ ދޮރުމަތީގައި އިޝްތިހާރު ހަރުކޮށްގެންނާއި އެ ތަނުގެ ބޭރުގައި ބެނާ ހަރުކޮށްގެންނާއި ފެއާއާ ގުޅޭ ގޮތުން ނެރޭ މަޖައްލާއެއް މެދުވެރިކޮށް ވެސް ރާއްޖެ އިޝްތިހާރު ކުރަމުން އަންނަ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

މީގެ 38 އަހަރު ކުރިން ބާއްވަން ފެށި އައިއެފްޓީއެމް އަކީ ފްރާންސްގެ އެންމެ ބޮޑެތި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ޒިޔާރަތް ކުރާ ފެއާ އެވެ. މި ފެއާގައި މި އަހަރު ދުނިޔޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ 1،560 ބްރޭންޑުން 492 ސްޓޭންޑް ބައިވެރިކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 30 ޕަސެންޓްގެ އިތުރު އަދަދެކެވެ.

އައިއެފްޓީއެމް ފެއާގައި ހުރި ރާއްޖޭގެ ސްޓޭންޑް.-- ފޮޓޯ: އެމްއެމްޕީއާރުސީ

އައިއެފްޓީއެމް ފެއާގައި ހުރި ރާއްޖޭގެ ސްޓޭންޑް.-- ފޮޓޯ: އެމްއެމްޕީއާރުސީ

ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތް ކުރާ 10 ގައުމުގެ ތެރޭގައި ފްރާންސް ހިމެނުނު ނަމަވެސް އެ މާކެޓް މިދިޔަ ތިން އަހަރުގެ ތެރޭގައި ވަނީ ދަށަށް ގޮސްފަ އެވެ. އެކަން ހައްލުކޮށް، ފްރާންސްގެ މާކެޓް ރަނގަޅު ކުރުމަށް އެމްއެމްޕީއާރުސީން ވަނީ ފްރާންސްގެ ޕީއާރު ކުންފުންޏެއް ކަނޑައަޅައި ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އެ މަސައްކަތުގެ ދަށުން، މިދިޔަ މެއި މަހު ވަނީ ފްރާންސްގެ އެކި ސިޓީތަކުގައި ރޯޑް ޝޯއެއް ވެސް ބާއްވައިފަ އެވެ.

މިދިޔަ އަހަރު ރާއްޖެ އަށް ފްރާންސް އިން ޖުމްލަ 42،024 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ.